މަސްވެރިކަމާއި ގުޅޭ

AE76B1E7-784E-4D23-82C8-4399490F78B9

ފަރެސްމާތޮޑާގައި މަސް ފެކްޓަރީއެއް އެޅުމަށް އެދި ޕެޓިޝަނެއް

ފަރެސްމާތޮޑާގައި މަސް ފެކްޓަރީއެއް އެޅުމަށް އެދި ސަރުކާރަށް ޕެޓިޝަނެއް ހުށަހެޅުމަށް ނިންމާ އެކަމުގެ މަސައްކަތް ފަށައިފިއެވެ.

ފަރެސްމާތޮޑާ މަސްވެރިންގެ މި ޕެޓިޝަނަށް މަސްވެރިންގެ ރުހުމާއި ތާއީދު ހޯދުމުގެ ގޮތުން ފަރެސްމާތޮޑާގެ ހުރިހާ ކެޔޮޅުން ހިމެނޭ ޓީމެއް މިހާރު ދަނީ ހުވަދޫ އަތޮޅުގެ އެކިރަށްރަަށް ދަތުރު ކުރަމުންނެވެ.

އެގޮތުން އެންމެ ފުރަތަމަ މިޓީމު ގޮސްފައިވަނީ އައްޑޫއަށެވެ. އައްޑޫގެ ވަރަށް ގިނަ މަސްވެރިންނާއި އޮޑިވެެރިން އަދި ކެޔޮޅުންގެ ފުރިހަމަ ތާއީދު މި މަސައްކަތަށް ލިބެމުންދާކަމަށް ފަރެސްމާތޮޑާ މަސްގެލަރީ ދޯނީގެ އޮޑިވެރިޔާ އަދި ކެޔޮޅު، އަޙްމަދު ޒައިން މަސްވެރިން އެމްވީއަށް މައުލޫމާތު ދެއެވެ.

ފަރެސްމާތޮޑާ ބާޚިރާ ދޯނީގައި، އެ ރަށުގެ ހުރިހާ ކެޔޮޅުން އިސްވެ މި ފެށި ދަތުރުގައި އައްޑޫ ސިޓީގެ މޭޔަރާއި ބައްދަލުކޮށް އައްޑޫ ސިޓީ ކައުންސިލްގެ އެއްބާރުލުންވެސް ހޯދުމަށް ވަނީ މަޝްވަރާ ކޮށްފައެވެ. އަދި މި ކަމުގައި އައްޑޫ ސިޓީގެ މޭޔަރުގެ ފުރިހަމަ އެއްބާރުލުން ލިބެމުންދާކަމަށްވެސް ޒައިން ވިދާޅުވިއެވެ.

މި ޕެޓިޝަނުގައި މިހާތަނަށް ހުވަދޫ އަތޮޅުގެ 1800 މަސްވެރިން ވަނީ ސޮއިކޮށްފައެވެ. މި ޕެޓިޝަނުގައި މައިގަނޑު ބޭނުމަކީ ސަރުކާރުން ކޫއްޑޫ ތަރައްގީކުރުމުގެ ގޮތުން ކުރަން ނިންމާފައިވާ މަސް ރައްކާކުރެވޭ ސްޓޯރޭޖްތައް ބޮޑު ކުރުމުގެ ބަދަލުގައި ފަރެސްމާތޮޑާގައި މަސް ރައްކާކުރެވޭނެ ވަސީލަތް ގާއިމުކޮށް އެ ރަށުގައި މަސްގަނެވޭނެ އިންތިޒާމްތައް ހަމަޖައްސައި ދިނުމެވެ. ހުވަދޫ އަތޮޅުގެ (ގއ.ގދ) އެންމެ ދެކުނުން މަސް ގަނެވޭ ގޮތް ހެދުމަކީ މި ސަރަހައްދުގެ ހުރިހާ މަސްވެރިންނަށްވެސް އޭގެ ފައިދާ ލިބޭނެ ކަމެއްކަމަށް ޕެޓިޝަނުގައި ސޮއި ކުރަމުންދާ މަސްވެރިން ފާހަގަ ކުރެއެވެ.

އެންމެ ބޮޑު އެއް ސަބަބަކީ ގދ ފަޅިއާއި ފުވައްމުލައް ސަރަހައްދަކީ އާންމުކޮށް މުޅި އަހަރުދުވަހުގައިވެސް އެންމެ ގިނައިން މަސްބޭނޭ ސަރަހައްދަކަށް ވުމުން، ކޫއްޑޫއަށް މަސްކިރަން ދަތުރު ކުރުމަކީ ބޮޑު ޚަރަދެއް ކުރަންޖެހޭކަމެކެވެ. އަދި އެންވެރިކަމަށް ބަލާއިރު، ކޫއްޑޫ މިހާރު އޮންނަ ހިސާބަށް ދަތުރުކޮށް މަސްކިރުވުމަށްފަހު އެންހިފުމަށް ދުއްވަންޖެހޭ މިންވަރުވެސް އިތުރުވާކަމަށް މަސްވެރިން ފާހަގަ ކުރެއެވެ.

މި ޕެޓިޝަނަށް ތާއީދު ހޯދުމުގެ ގޮތުން މި ޓީމުވަނީ އިއްޔެ ފުވައްމުލަކަށް ގޮސް، މަސްވެރިންނާއި ފުވައްމުލަކު ސިޓީ ކައުންސިލާއި ބައްދަލުކޮށްފައެވެ. އަދި މި ހަފްތާތެރޭގައި ގއ ގދ ގެ އެކި ރަށްރަށަށް ދަތުރުކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ޓީމުގެ ފަރާތުން ޒައިން މައުލޫމާތު ދެއެވެ.

ދާދި ފަހުން ރައްޔިތުންގެ މަޖިލީހުގެ އިޤްތިސާދީ ކޮމެޓީއިން ފަރެސްމާތޮޑާގައި ބޭއްވި ބައްދަލުވުމުގައިވެސް އެރަށުގެ މަސްވެރިން ވަނީ މިކަމަށް އެދިފައެވެ.

ފަރެސްމާތޮޑާގެ ގިނަ އަދަދެއްގެ މަސްވެރިން ބައިވެރިވި މި ބައްދަލުވުމުގައި މަސްވެރިންގެ އެންމެ ބޮޑު އެދުމަކަށްވީ މަސް ކިރޭނެ ފަސޭހަ އިންތިޒާމްތަކެއް ހަމަޖެހިގެންދިޔުމެވެ. އެގޮތުން އެރަށުގައި މަސް ފެކްޓްރީއެއް ތަރައްޤީކޮށްދިނުމަށް މަސްވެރިން ވަނީ އެދިފައެވެ. އެ ސަރަޙައްްދަކީ މަސްވެރިކަން ރަނގަޅު ހިސާބަކަށްވުމުން އެރަށުގައި މަސް ފެކްޓްރީއެއް ތަރައްޤީކުރުން ވެގެންދާނީ މަސްވެރިންނަށް މަސް ކިރުވުމަށް ވަރަށް ބޮޑަށް ލުޔަކަށްކަން މަސްވެރިން ވަނީ ފާހަގަކޮށްފައެވެ.

އިޤްތިސާދީ ކޮމެޓީގެ މެމްބަރުންވަނީ މަސްވެރިންގެ މި ހިޔާލު ބަލައިގަނެފައެވެ. އެގޮތުން މިކަމަށް އެ ކޮމެޓީގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!