މަސްވެރިކަމާއި ގުޅޭ

Jazeera Reefer

މިފްކޯގެ "ޖަޒީރާ ރީފާރ" ބޯޓުން މަސް އެކްސްޕޯޓު ކުރަން ފަށައިފި

މިފްކޯއަށް އަލަށް ގެނައި 2500 މެޓްރިކް ޓަނުގެ ރީފާރ ވެސަލް "ޖަޒީރާ ރީފާރ" އިން މަސް އެކްސްޕޯޓުކުރުމުގެ ފުރަތަމަ ދަތުރު މިމަހުގެ 26ވަނަ ދުވަހު ފަށައިފިއެވެ.

އީޔޫ އަދި އައިއޯޓީސީގެ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ މި ބޯޓު ދަތުރު ކުރަނީ ތައިލެންޑަށެވެ. މިފްކޯގެ އަމިއްލަ ބޯޓެއްގައި މަސް އެކްސްޕޯޓު ކުރެވެން އަލުން ފެށި ފެށުމަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. މިގޮތުން މި ބޯޓަކީ މަސް ގަތުމުގެ އޮޕަރޭޝަން ތަރައްގީ ކުރުމަށް ކުރެވިފައިވާ އިންވެސްޓްމަންޓް އެކެވެ.

އަބަދުވެސް މިފްކޯގެ އެންމެ ބޮޑު އަމާޒަކީ މަސް ގަނެވޭ މިންވަރު އިތުރުކޮށް އެ މަހަށް ދުނިޔޭގެ ބާޒާރުން ލިބޭ އެންމެ ރަނގަޅު އަގު ހޯދައިދީ އޭގެ މަންފާ ދިވެހި މަސްވެރިންނަށް ފޯރުކޮށްދިނުން ކަމަށް އެކުންފުނިން ހާމަކުރެއެވެ. މިގޮތުން މި އަހަރުގެ މިހާތަނަށް 24،500 ޓަނުގެ މަސް ގަނެވިފައިވާއިރު މަސް އެކްޕޯޓުކުރަން ބޭރުން ޗާޓާރ ކޮށްގެން 7 ރީފާރ ވެސެލް ގެނެވިފައިވެއެވެ. ނަމަވެސް "ޖަޒީރާ ރީފަރ" ގެ ދަތުރާއެކު މިފްކޯއިން މަސް އެކްސްޕޯޓްކުރުމަށް ކުރާމަސައްކަތްތައް އަވަސްކުރެވި ޚަރަދު ކުޑަކުރެވިގެން ދާނެއެވެ. މިފްކޯ ފްލީޓުގައި މި ބޯޓު ބޭނުން ކުރެވެނީ މަސް އެކްސްޕޯޓުކުރުމަށާއި ސްޓޯރޭޖެއް ގޮތުގައެވެ.

މިފްކޯއިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ މަސްވެރިކަމުގެ ސިނާއަތު ތަރައްގީ ކުރުމަށާއި މަސްވެރިންނަށް ދެވޭ ޚިދުމަތްތައް ފުޅާކޮށް އިތުރަށް ފަސޭހަކޮށްދިނުމަށެވެ. އެގޮތުން މިފްކޯއިން ދަނީ އިތުރު މާކެޓްތަކަށް މަސް އެކްސްޕޯޓުކުރަމުންނެވެ.

ދެކުނުގެ މަސްވެރިކަން މީގެ ދެ މަހެއްހާ ދުވަސް ކުރިން ރަނގަޅުވި ގޮތަށް މަސްވެރިކަން އަދިވެސް އެއްވަރެއްގައި ދަނީ ހިފެހެއްޓެމުންނެވެ. މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅު ވެފައިވާ މި ދަނޑިވަޅުގައި މަސް ގަނޑުކުރާ ފެސިލިޓީ ތަރައްގީ ކުރުމުގެ މަޝްރޫއެއް ސަރުކާރުން ކުރިއަށް އެބަގެންދަވައެވެ. އަދި މިފްކޯގެ ސްޓޯރޭޖް ފެސިލިޓީތައް ތަރައްގީ ކުރުމަށް އިތުރު 9500 ޓަނުގެ ސްޓޯރޭޖް އެޅުމާއި ފެލިވަރު ކޭނަރީ އަޕްގްރޭޑް ކުރުންވެސް ކުރިއަށް އެބަގެންދެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!