މަސްވެރިކަމާއި ގުޅޭ

ބުރަނދަ

ބުރަނދައަކީ ރާއްޖޭގައި ވަރަށް ޢާއްމު ބާވަތެކެވެ.

މިބާވަތް ގިނައިން އުޅެނީ މަޑުހެދިފައި ހުންނަ ގާގަލުގެ ކައިރީގައާއި ފަޅުބޭރުގެ ތޮށިގަޑު ކައިރީގައި ބައިބަޔަށެވެ. މިމަހުގެ ކާނާއަކީ ފެއްސެވެ. ކުޑަކުދިން މޫދަށް އެރިއުޅޭއުޅުމުގައި މަޖަލަކަށްވެގެން މިމަސް ހިފާއުޅެއެވެ. މިއީ ދިވެހިން ޢާއްމުކޮށް ކައިއުޅޭ މަހެއްނޫނެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 13 ހަރުކަށްޓާއެކު 14 އާއި 16 އާ ދެމެދުގެ ޢަދަދަކަށް، މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 2 ހަރުކަށްޓާއެކު 13 އާއި 15 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. މިމަސް އެންމެ ބޮޑުވަނީ 17 ސެންޓިމީޓަރަށެވެ. މަހުގެ ކަރުތާފަތްމަތީގައި ތިންބަރިއަށް ހުޅުނބުހުރެއެވެ. އަދި ކަރުތާފަތްގަޑާ ދިމާއިން ބަނޑުދަށްފަރާތުގައި ހުންނަ ކޮތަރީގެ ދިގުމިން މަހުގެ ކަންފަތްގަޑާއި އެއްވަރެވެ.

މަހުގެ މަތީބައިގެ ކުލައަކީ މުށިކުލައެކެވެ. ބަނޑުދަށުގެ ކުލަ ފަނޑެވެ. މަހުގެ ހުރަހަށް ރީނދޫކުލައިގެ ރޮނގުތަކެއް ހުރެއެވެ. މަހުގެ މަތީ ކޮތަރި ނިމޭހިސާބުގައި، ނިގޫކޮޅާ ދިމާލުގައި ކަޅުލަފެއް ހުރެއެވެ. އަދި ކަންފަތްގަޑުގެ ބުޑުގައިވެސް ކަޅުލަފެއް ހުރެއެވެ. ނިގޫފަތުގެ ކުލައަކީ މުށިކުލައެވެ.

އިނގިރޭސި ނަން: Blackspot sergeant
މަސްދަރު:ފިޝަސް އޮފް ދަ މޯލްޑިވްސް މެރިން ރިސާޗު ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!