މަސްވެރިކަމާއި ގުޅޭ

ދަނބާ -- ފޮޓޯ/ވަޓްސް ދެޓް ފިޝް

ދަނބާ

ދަނބާއަކީ ރާއްޖޭގެ ފަޅުފަޅުގެ ތިލަ ހިސާބުތަކުގައި ގިނަ ޢަދަދަކަށް އުޅޭ މަހެކެވެ. މިމަހުގެ ޅަދުވަސްވަރު މަސް ހުންނަގޮތް، ބޮޑެތިވީވީހެން ބަދަލުވަމުންދެއެވެ. މިއީ ރާއްޖޭގައި ކޮށްއުޅޭ މަސްވެރިކަމުގެ ބާވަތެއްނޫނެވެ. ކުޑަކުދީން މަސްހިފަން މޫދަށްއެރި އުޅޭއިރު ވަރަށް ގިނައިން ދަނބާ ހިފާއުޅެއެވެ. މިއީ ދިވެހިން ކައިއުޅޭ މަހެއްނޫނެވެ. މިމަސް އެންމެ ބޮޑުވަނީ ނުވަ ސެންޓިމީޓަރަށެވެ. މަހުގެ ޢާއްމު ކާނާއަކީ ގަލުފެއްސެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 13 ހަރުކަށްޓާއެކު 12 އާއި 14 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި ދެ ހަރުކަށްޓާއެކު 13 ނުވަތަ 14 މަޑުކަށިހުރެއެވެ. މަހުގެ ކުލައަކީ މުށިކުލައެކެވެ. މަހުގެ ބަނޑުދަށްފަރާތުގައި ހުންނަނީ ފަނޑު މުށިކުލައެކެވެ. މަހުގެ ތުނބުންފެށިގެން ލޮލުގެ މަތީބަޔަށް ނޫކުލައިގެ ރޮނގެއް ދެމިފައި ހުރެއެވެ. މަހުގެ މަތީކޮތަރިބައިގެ މަޑުކަށިތަކުގެ ބުޑުގައި ކަޅުކުލައިގެ ލަދެއް ފާޅުކޮށް ފެންނަން ހުރެއެވެ. މަހުގެ ބޮލުގައި ނޫކުލައިގެ ކުދިތިކިތަކެއް ފަނޑުކޮށް ހުރެއެވެ. ކަންފަތްގަޑާއި ބަނޑުދަށްފަރާތު ކޮތަރިބައިގެ ކުލައަކީ ފަނޑު ރީނދޫކުލައެވެ. މަތީ ކޮތަރިބައިގެ ކުލައަކީ މުށިކުލައެވެ.

އިނގިރޭސި ނަން: Twospot demoiselle 
މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!