މަސްވެރިކަމާއި ގުޅޭ

viber_image_2022-05-13_01-57-54-694

މަސްވެރިންނަށް ލުއިފަސޭހަ ކޮށްދިނުމަށް މާއުނގޫދޫ ބަނދަރު ތަރައްޤީ ކުރަނީ

ށ. މާއުނގޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު ހަވާލު ކުރުމަށް އިއްޔެ ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙުމަދު ޙަމީދެވެ.

ށ. މާއުނގޫދޫއަކީ 1،155 މީހުންގެ އާބާދީއެއް އޮތް މަސްވެރި ރަށެކެވެ.

އެމްޓީސީސީން ބުނި ގޮތުގައި، މަސްދޯނިފަހަރުތަކަށް ފަސޭހަ އަމާން ބަނދަރެއް އޮތުމަކީ ރަށުގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ އެއްކަންތައް ކަމަށެވެ.

ކުރީގެ ސިމެންތި ބަސްތާ ތޮށީގެ ބައެއް ހަލާކުވެފައި ހުރުމާއެކު، މިހާރު އޮތް ބަނދަރުވަނީ ފުރިހަމައަށް ބޭނުން ނުކުރެވި ވަރަށް ބޮޑަށް މަރާމާތު ކުރަން ޖެހިފައިކަން ފާހަގަ ކޮށް އެމްޓީސީސީން ބުނީ، ބަނދަރުގެ ޖާގައިގެ ގޮތުންވެސް މާއުނގޫދު ރައްޔިތުންގެ ކަނޑު އުޅަނދުފަހަރު ބޭނުން ކުރެވޭ ވަރަށްވުރެ އެ ބަނދަރުގެ ކުޑަ ކަމަށެވެ.

އެހެންކަމުން އެ ދަތިކަން ރަށު ރައްޔިތުން އަބަދުމެ އިހްސާސް ކުރަމުންން ދާކަމަށް އެމްޓީސީސީން ބުންޏެވެ.

މި ބަނދަރު ނިމިގެންދިޔުމާއެކު ތަނަވަސް އަދި ޒަމާނީ ބަނދަރެއް ބޭނުންކުރުމުގެ ފަހި ފުރުޞަތު މާއުނގޫދޫގެ ރައްޔިތުންނަށް ލިބިގެންދާނެއެވެ.

މި މަޝްރޫޢުގެ ދަށުން، 59،013 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި،3،245 މީޓަރުގެ ނެރު ފުންކުރުމާއި، 312
މީޓަރު އެއްގަމު ތޮށި އަދި 362 މީޓަރުގެ ބޭރުތޮށި ލުމން ހިމެނެއެވެ.

މީގެ އިތުރުން 105 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހައި، 1،509 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހަދައި، މޫރިން ބޮއެ ހަރުކުރުމުގެ އިތުރުން ނެރުބައްތި އާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގައި ހިމެނެއެވެ.

މި މަސައްކަތް ނިމުމާއެކު، މާއުނގޫދޫގެ ބަނދަރުގެ ޖާގަ ދެގުނައަށް ބޮޑުވެގެން ދާނެއެވެ. އަދި މީގެ އިތުރުން ކޮންކްރީޓް ޖެޓީއެއް ހެދުމާއި، ރޭމްޕެއް ހެދުމުގެ މަސައްކަތްވެސް ކުރެވިގެންދާނެއެވެ.

ކޮންކްރީޓް ޖެޓީގެ ސަބަބުން ޑިންގީތަކާއި ކުދި ލޯންޗްފަހަރު އެޅުމުގައި އިތުރު ޖާގައިގެ ތަނަވަސްކަން ލިބި އަދި ރޭމްޕަށް މުދާ ހިފައިގެން އަންނަ ކޮޅުވެއްޓި ފަދަ އުޅަނދުތަކަށް ކައިރިކޮށް މުދާ ބޭލުމަށް ފަސޭހަވެގެންދާނެއެވެ.

މިއީ 59،713،156 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަޝްރޫޢު ނިންމުމަށް ހަމަޖެހިފައިވަނީ 475 ދުވަސް ތެރޭގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!