މަސްވެރިކަމާއި ގުޅޭ

ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން
ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން

ރަސްދޫ އައިސްޕްލާންޓް މަސައްކަތް ނިމޭނީ އަންނަ އަހަރު މާޗަށް

އއ. ރަސްދޫގައި ގާއިމުކުރުމަށް ވައުދުވެފައިވާ އައިސްޕްލާންޓްގެ މަސައްކަތް ނިމި ހިދުމަތް ދޭން ފެށޭނީ އަންނަ އަހަރުގެ މާޗް މަހު ކަމަށް ފިޝެރީޒް މިނިސްޓްރީން ބުނެފި އެވެ.

މަޖިލީހަށް މިއަދު ވަނީ މިނިސްޓަރު، ޑރ. ހުސައިން ރަޝީދު ހަސަން ހާޒިރު ހާޒިރުކޮށްފަ އެވެ.

މިއަދުގެ ޖަލްސާގައި ތޮޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ވަނީ ރަސްދޫ އައިސް ޕްލާންޓްގެ މަސައްކަތް ރޭވިފައިވާ ގޮތާއި މަސައްކަތް ނިމި މަސްވެރިންނަށް ހިދުމަތްލިބޭނެ ތާރީހަކާ ބެހޭ ގޮތުން މިނިސްޓަރާ ސުވާލު ކުރުމަށް މިނިސްޓަރު ވިދާޅުވީ އައިސްޕްލާންޓްގެ މަސައްކަތުގެ ބީލަމަށް އެންމެ ފުރަތަމަ ހުޅުވާލާ އޭރު ދީފައިވާ މުއްދަތުގެ ތެރޭގައި ބިޑު ހުށަހެޅީ އެންމެ ފަރާތަކުން ކަމަށާއި އެ ފަރާތުން ރެޖިސްޓްރީ ވެފައި ނުވާކަމަށެވެ.

އެ ބީލަން ބަލައި ނުގަތުމަށް ނިންމާ އަލުން ބީލަމަށް ހުޅުވާލި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ފަހުން ބީލަމަށް ހުޅުވާލީ، ކުރިން އައިސްޕްލާންޓް ނިންމުމަށް ދީފައިވާ މުއްދަތަކީ ހަ މަސް ނަމަވެސް އެ މުއްދަތު އަށް މަހަށް އިތުރުކޮށްފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މާލީ ގޮތުން ހުންނަޖެހޭ ޝަރުތުތަކާއި ބީލަން ހުށަހަޅާ ފަރާތްތަކުގެ ތަޖުރިބާ ކުރިއަށްވުރެ ދަށްކުރުމަށް ނިންމި ކަމަށެވެ.

"ބީލަމުގަ ސޮއި ކުރެވޭނެ ކަމަށް ލަފާކުރެވެނީ ޖޫންމަހުގެ ތިންވަނަ ހަފްތާގެ ތެރޭގަ. އައިސްޕްލާންޓް ގާއިމްކޮށް ނިންމާ ހިދުމަތްދެވޭނީ ސޮއިކުރާތާ އަށް މަސްފަހުން، މާޗް 2023 ގައިކަމަށް އަޅުގަނޑުމެންނަށް ލަފާކުރެވެނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ސައުދީގެ އެހީއާއެކު ރަސްދޫގައި ގާއިމުކުރަން ނިންމާފައިވަނީ 25 ޓަނުގެ އައިސްޕްލާންޓެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!