މަސްވެރިކަމާއި ގުޅޭ

ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހުސައިން--- ފޮޓޯ: މަޖިލިސް
ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހުސައިން--- ފޮޓޯ: މަޖިލިސް

އައްޑޫ ގޭދޮށު މަސްފެކްޓަރީގެ މަސައްކަތްތައް ކުރިއަށްދޭ: މިނިސްޓަރު

އައްޑޫ ގޭދޮށު މަސް ފެކްޓްރީގެ މަސައްކަތް ކުރިއަށްދާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހުސައިން ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓްރީން ހިންގާ މަޝްރޫއަކާ ގުޅޭ ގޮތުން ސުވާލުކުރުމަށް މިނިސްޓަރު ވަނީ ހާޒިރުކޮށްފަ އެވެ. އެގޮތުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) އައްޑޫގައި ގާއިމްކުރަން ސަރުކާރުން ނިންމާފައިވާ ގޭދޮށު މަސްފެކްޓްރީތަކާއި ބެހޭ ގޮތުން ސުވާލުކޮށްފަ އެވެ.

ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ މިއަދުގެ މަޖިލީހަށް ވަޑައިގަތީ އެ މަޝްރޫއުގެ ތަފްސީލުތައް ހިފައިގެން ނޫން ކަމަށާއި އެހެންނަމަވެސް މަޝްރޫއުގެ މަސައްކަތްތައް ކުރިޔަށްދާ ކަމަށެވެ.

"ގޭދޮށު މަސް ފެކްޓްރީތަކުގެ މަސައްކަތްތައް ކުރިއަށް އެބަދޭ. މީގެ މަހެއްހާ ދުވަސް ކުރިންވެސް އަޅުގަނޑު އައްޑޫއަށް ކުރި ދަތުރުގައި ވެސް އެކަން ކުރިއަށްދާ ގޮތް ބަލާލިން،" މިނިސްޓަރު ވިދާޅުވި އެވެ.

އިތުރު ސުވާލު ކުރަން ހުޅުވާލި ފުރުސަތުގައި ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރު ވަނީ އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒު ނުވަނީ ކީއްވެގެންތޯ ސުވާލު ކުރައްވާފަ އެވެ.

"ގޭދޮށު މަސްފެކްޓަރީތައް ހުވަދޫ އަތޮޅުގައި ނޭޅިގެން އުޅެނީ ކީއްވެގެންތޯ؟ އެމްޑީޕީގެ ސިޔާސަތުތަކަށް ވާތީ އުނދަގުލީތޯ ކޯލިޝަން ސަރުކާރަށް އެ ސިޔާސަތުތައް ތަންފީޒުކުރަން؟," ޒާހިރު ވިދާޅުވި އެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ސަރުކާރުން ތަންފީޒު ކުރަމުން އަންނަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާ ގޮތަކަށް ކަމަށާއި ވަކި ޕާޓީއަކުން ބޭނުންވާ ގޮތަކަށް ނޫން ކަމަށެވެ.

"ގޭދޮށު މަސްފެކްޓްރީ" އެޅުމަކީ އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ ކަމެކެވެ. އެހެންނަމަވެސް މިހާތަނަށް ވެސް އެ ފެކްޓަރީތައް އެޅުމަށް ސަރުކާރުން ދޭން ޖެހޭ ހުއްދަތައް ދީފައި ނުވާތީ ބައެއް އެމްޑީޕީ މެމްބަރުން އަންނަނީ ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!