މަސްވެރިކަމާއި ގުޅޭ

މިފްކޯގެ ބަނދަރުގައި ދޯނިތައް މަސްކިރުވަން ބަނދަރުކޮށްފައި. ފޮޓޯ: މިފްކޯ
މިފްކޯގެ ބަނދަރުގައި ދޯނިތައް މަސްކިރުވަން ބަނދަރުކޮށްފައި. ފޮޓޯ: މިފްކޯ

މަސްވެރިންނަށް ވެސް ޔަގީންވާން ޖެހޭ މިފްކޯ ހިންގަނީ ސިޔާސީ ކުލަ ނުޖެހިކަން: އާތިފް

ސަރުކާރުގެ ކުންފުނި، މިފްކޯ ހިންގަނީ އެންމެ ފަހުގޮތަށް އެއްވެސް ސިޔާސީ ކުލައެއް ނުޖެހިކަން މަސްވެރިންނަށް ވެސް ޔަގީންވާން ޖެހޭ ކަމަށް އެ ކުންފުނީގެ ކުރީގެ އެމްޑީ، އިބްރާހީމް އާތިފު ޝުކޫރު ވިދާޅުވެއްޖެ އެވެ.

އާތިފް މިފަދައިން ވިދާޅުވީ މިފްކޯ އަށް ގެއްލުންވާ ގޮތަށް މަސް ގަތުމަކީ މަސްވެރިންނަށް ހަމަ އަގު ހޯދައިދެވެނީ ނޫން ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވުމާ ގުޅިގެންނެވެ.

މިދިޔަ ބުދަ ދުވަހު މިނިސްޓަރު، މަޖިލީހާ ހާޒިރު ކުރުމުން މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވަނީ މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދޭނެ ކަމަށް ސަރުކާރުން ބުނާ ބުނުން މާނަކޮށްދެއްވާފަ އެވެ. ހަމަ އަގު މާނަކޮށްދެއްވުމަށްފަހު މިނިސްޓަރު ވިދާޅުވީ މިއަދު މަސްވެރިންގެ އަތުން މަސް ގަންނަނީ ހަމަ އަގުގައި ނޫން ކަމަށެވެ.

އެ ވާހަކަތަކާ ގުޅިގެން މަސްވެރިން އޮންލައިނަށް މައުލޫމާތު ދެއްވަމުން އާތިފް ވިދާޅުވީ މިނިސްޓަރު އެ ދައްކަވަނީ އެންމެ ކުންފުންޏެއްގެ ވާހަކަ ކަމަށެވެ.

"މިނިސްޓާ އެ ދައްކަވަނީ މުޅި މަސްވެރި ކަމުގެ އިންޑަސްޓްރީގެ ވާހަކައެއްވެސް ނޫން. މިފްކޯ އޭ މިނިސްޓަރު ވިދާޅުވާތީ، މަސްވެރިންނަށްވެސް ފެނި، ޔަގީންވެސް ކުރެވެން ޖެހޭނެ ނޫންތޯ މިފްކޯއަކީ އެފިޝަންޓުކޮށް އެންމެ ރަނގަޅު މީހުން ތިބި، ސިޔާސީ އިންފްލުއެންސް ނެތި، ހިނގާތަނެއްކަން،" އޭނާ ވިދާޅުވި އެވެ.

އާތިފް ވިދާޅުވީ ހަމަ އަގާ ގުޅޭ ގޮތުން މިނިސްޓާ ދެއްކެވީ ރަނގަޅު ވާހަކަ އެއް ނަމަވެސް މިފްކޯ އަކީ އެންމެ ރަނގަޅަށް ހިންގާ ތަންކަން މަސްވެރިންނަށް ޔަގީންކަން ލިބެން ޖެހޭނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!