މަސްވެރިކަމާއި ގުޅޭ

For media

ރަތަފަންދޫގައި މަސްވެރިކަން ކުރަނީ 5 ޕަސެންޓް މީހުން

ގދ. ރަފަފަންދޫއަކީ މަސްވެރިން މަދު، މަސްވެރިކަން ކުރާ ނިސްބަތްވެސް މަދު ރަށެކެވެ.

ރަތަފަންދޫ ކައުންސިލްގެ ރައީސް މުހައްމަދު އަބްދުﷲ މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އެރަށުގައި ކަޅުބިލަ މަހުގެ މަސްވެރިކަން ކުރާ އެއް ދޯނި އޮންނަ ކަމަށާއި، އޭގެ އިތުރުން އެރަށުގައި ކުރަނީ ފާނައިގެ މަސްވެރިކަމާއި ފަރުމަހުގެ މަސްވެރިކަން ކަަމަށެވެ. އޭގެ އިތުރުން އެރަށުގައި ކުރަނީ ހުއިފިލަނޑާ ނެގުމުގެ މަސްވެރިކަމެވެ.

ރަށުގެ އާބާދީގެ ތެރެއިން މިހާރު މަސްވެރިކަން ކުރަނީ މަދު ބައެއް ކަމަށާއި، މަސްވެރިކަމުގައި ހިއްސާވަނީ އާބާދީގެ ފަސް ޕަސެންޓް ކަމަށް މުހައްމަދު ވިދާޅުވިއެވެ.

"މަސްވެރިން ރަތަފަންދޫގަ މަދު އެއް ސަބަބަކީ، ރަތަފަންދޫގަ އަމިއްލަ ދޯންޏެއްވެސް ނޯންނާތީ. ދެން، ރަތަފަންދޫގެ ޒުވާނުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު އުޅެނީ ރަށުން ބޭރުގަ، ރަށުގަ ގިނައީ މުސްކުޅިން. އެހެންވީމަ، ޒުވާނުން މަދުކަމުންނާ އަދި ޒަމާނުއްސުރެން މަސްވެރިކަން ކުރަމުން އައި މީހުން މަސްވެރިކަން ހުއްޓާލުމަށްފަހު މާލެއަށާ އެކި ތަންތަނަށް ހިޖުރަ ކުރުމުގެ ސަބަބުން އަސްލު ރަތަފަންދުއިން މަސްވެރިކަން ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ" މުހައްމަދު ވިދާޅުވިއެވެ.

މިހާރު މަސްވެރިކަމުގެ ތެރޭގައި މަސައްކަތް ކުރަމުން ދަނީ ދެތިން އާއިލާއަކުން ކަމަށް މުހައްމަދު ވިދާޅުވިއެވެ.

މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ރަތަފަންދޫގައި މަސް ކައްކާ ހިއްކުމުގެ މަސައްކަތްވެސް ކުރިއެވެ. ނަމަވެސް މަސް ގަންނަން ލިބޭ އަގު ބޮޑު ވުމާއި، ބާޒާރުގައި ހިކިމަހުގެ އަގު ވެއްޓުމުން، މަސް ކައްކަން އުޅުނު 20 ވަރަކަށް މީހުން އެކަން މެދުކަނޑާލީ ކަމަށް މުހައްމަދު ވިދާޅުވިއެވެ.

ނަމަވެސް ރޯމަސް ހެޔޮ އަގުގައި ގަންނަން ލިބޭނަމަ އެމީހުން ތިބީ މަސް ކެއްކުމުގެ މަސައްކަތް އަލުން ފަށާ ގޮތަށެވެ. ސަބަބަކީ އެމީހުންގެ އަތުގައި މަސް ކައްކާ ހިއްކާ އާލާތްތައް ހަމަޔަށް ހުރުމުންނެވެ.

ރަތަފަންދޫގައި މަސްވެރިކަަމަށް މީހުން އިތުރު ކުރުމަށް ކައުންސިލުންވެސް ޕްލޭނެއް ގެންގުޅޭ ކަމަށާއި، މިނިސްޓްރީއާ މަޝްވަރާކޮށް، މަސްވެރިން ތަމްރީނު ކުރުމަށް ވިސްނާކަމަށް މުހައްމަދު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!