މަސްވެރިކަމާއި ގުޅޭ

ހިބަރު މަސްވެރިކަން - ފޮޓޯ: ލައްޓި ފިޝިންގ ގްރޫޕްގެ

ރާއްޖޭގައި ހިބަރު ބާނާ ގޮތް

ހިބަރު މަސްވެރިކަމުގައި އާންމުކޮށް ދެބާވަތެއްގެ އާލާތް ބޭނުންކުރެވެ.

އެއީ ވަދުނަނު އަދި ބޮއި ނަނެވެ. މި ދެގޮތުގެ ތެރެއިން ބޭނުންކުރާނެ އާލާތެއް ކަނޑައަޅަނީ މޫސުމަށް ބަލާފައެވެ. މިގޮތުން، ހުޅަނގު މޫސުމުގެ ކުރީކޮޅުގައި ގިނަ މަސްވެރިންނަށް ކަމުދަނީ ބޮއި ނަނަށްވުރެ ބޮޑަށް ވަދުނަނެވެ. މަސްވެރިން ގަބޫލުކުރާ ގޮތުގައި މިއީ މުޅި އަހަރުތެރޭގައިވެސް ހިބަރު މަސްވެރިކަން ކުރުމަށް އެންމެ ރަނގަޅު ދުވަސްވަރެވެ. ވަދުނަނު ބޭނުންކުރާއިރު، ދޯންޏަކުން 5 ވަރަކަށް ނަނު އެއްފަހަރާ ދޫކޮށްލައެވެ. މީގެ ކޮންމެ ތަނެއްގައި ހިބަރަށް ޚާއްޞަ ވަދެއް އައްސައިފައި އޮވެއެވެ. މި ވަދުގައި ހިބަރު ހިފަން އަންނަ ވަގުތު އޭގެ ތުންގަނޑުގައި ވަދު އޮޅުމުން ތުންގަނޑުގައި ހިފައި، ދޯންޏަށް އެރުވުމަށްފަހު އޭގެ ބޮލުގައި ބާރަށް ޖަހައި މަރާލަނީއެވެ.

ބޮއި ނަނަކީ ބައެއްގައި އައްސައި، އޮޔަށް ދޫކޮށްލާފައި އޮންނަ ތަނެކެވެ. މިތަނުގެ ކޮޅުގައި އެމަކާއެކު ބުޅިއެއް ލައިފައި ހުރެއެވެ. ކޮންމެ ދޯންޏަކުން 15 ވަރަކަށް ނަނު އެއްފަހަރާ ދޫކޮށްލާފައި ހުރެއެވެ. މިގޮތަށް ނަނު ދޫކުރާއިރު ބައެއް ފަހަރު ބަރިއެއް ލައިފައި، އަނެއްބައި ފަހަރު ބަރިއެއް ނުލައިވެސް ދޫކޮށްލައެވެ. މިކަމަށް އެންމެ އާންމުކޮށް ބޭނުންކުރާ އެމުގެ ބާވަތްތަކުގެ ތެރޭގައި މުށިމަސް، ރިއްމަސް، އަދި ވާލަން ރޮނޑު ހިމެނެއެވެ.

ވަދުނަނު އަދި ބޮއި ނަނުގެ އިތުރުން ހޭމަސް ހެލުމަކީވެސް ކުރީގައި އަދި މިހާރުވެސް ރާއްޖޭގެ ބައެއް ހިސާބުތަކުގައި ކުރާ ހިބަރު މަސްވެރިކަމުގެ ވަރަށް ތަފާތު ބާވަތެކެވެ. މިކަން ކުރާއިރު ބޭނުންކުރަނީ މަޑަ ކިޔާ އާލާތެކެވެ. އެއީ ބުޅިއެއް ތިއްބާފައި އޮންނަ ކަނދެކެވެ. މިބުޅީގައި ވަލެއްވެސް އައްސާފައި އޮވެއެވެ

މިކަމުގައި ކަންކުރާ ގޮތަކީ، ދޯނީގެ ދުވެލި މަޑުކުރުމަށްފަހު މޫދުގައި ރޮނގު އެޅޭ ގޮތަށް ކަނދުގަނޑު ފިރުކައިލަނީއެވެ. ކަނދުގަނޑުގައި ހިފަން ހިބަރު އަންނަ ވަގުތު ދޮއްދަނޑީގައި އަޅާފައި އޮންނަ ބުޅި މަހަށް ޖަހަނީއެވެ. ހިބަރު މަސްވެރިކަން ކުރާ އުޅަނދުތައް އާންމު ގޮތެއްގައި އުޅެނީ އަތޮޅުން ބޭރުގައެވެ. މީގެ މަސްދަތުރެއްގައި ހޭދަވަނީ ގާތްގަނޑަކަށް 4 ގަޑިއިރާއި 6 ގަޑިއިރާ ދެމެދުގެ ވަގުތެކެވެ.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!