މަސްވެރިކަމާއި ގުޅޭ

Mifco Masveri Divers

މަސްވެރިންނަށް ޑައިވިންގ ކޯސްތައް ހިންގުމުގެ އެއްބަސްވުމުގައި މިފްކޯއާއި ދިވެހި މަސްވެރިން ޖަމިއްޔާއިން ސޮއިކޮށްފި

ދިވެހި މަސްވެރިން ޖަމިއްޔާ އާއި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ގުޅިގެން މަސްވެރިންގެ ތެރެއިން ޑައިވްކޮށްގެން އެންދަމާ ފަޅުވެރިން ތަމްރީނުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

"މިފްކޯ މަސްވެރި ޑައިވަރުން" ނަމުގައި ކުރިއަށް ގެންދަން ނިންމާފައިވާ މިއީ ޑައިވިން ކުރުމުގައި ދިމާވާ ހިތާމަވެރި ހާދިސާތައް މަދުކުރުމަށް މަސްވެރިންނާއި ކެޔޮޅުން އަދި އޮޑިވެރިން ހިމެނޭހެން ހޭލުންތެރިކަން އިތުރުކުރުމަށާއި ފީނައިގެން އެންދަމާ މަސްވެރިންނަށް ޚާއްސަކޮށް ޑައިވިންގ ކޯސްތައް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޕްރޮގްރާމެކެވެ.

މިއީ ޑައިވްކޮށްގެން އެންދަމާ މަސްވެރިންނަށް އަމާޒުކޮށްގެން ހިންގޭ ގައުމީ ހަރަކާތެކެވެ. މިހަރަކާތުގެ ފުރަތަމަ ފިޔަވަހީގައި ހުވަދޫ އަތޮޅުގެ ހުރިހާ ރަށްތަކުގައި ޑައިވިންގ ކޯސްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އޮޕަން ވޯޓަރ ޑައިވިންގ، އެޑްވާންސް އޮޕަން ވޯޓަރ ޑައިވިންގ، ރެސްކިއު އަދި އެމަޖެންސީ ފަސްޓް ރެސްޕޮންޑަރ (އީއެފްއާރް) ކޯސް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

މި ހަރަކާތުގެ ސަބަބުން ޑައިވިނގްއާއި ގުޅޭ ގިނަ މައުލޫމާތު ތަކެއް މަސްވެރިންނަށް ލިބި އަދި އަމިއްލަ ރަށުގައި ހުރެގެން ޚަރަދު ކުޑަކޮށް މަސްވެރިންނަށް ޑައިވް ކޯސްތައް ހެދިގެން ދިއުމަކީ މިފްކޯއިން މި ހަރަކާތުގައި ބައިވެރިވި އެންމެ މުހިންމު ބޭނުން ކަމުގައި މިފްކޯއިން މައުލޫމާތު ދެއެވެ.

"މިފްކޯ މަސްވެރިން ޑައިވަރުން" ޕްރޮގްރާމުގެ ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ ފަހު ހަފްތާގައި ގއ. ގެމަނަފުށީގައެވެ.

މި ޕްރޮގްރާމުގައި މިފްކޯގެ އިތުރުން އެސްޓީއޯއާއި، އެމްއޭ ސާވިސަސްގެ އެހީތެރިކަން ލިބިފައިވާ ކަމަށް ދިވެހި މަސްވެރިން ޖަމިއްޔާއިން މައުލޫމާތު ދެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!