މަސްވެރިކަމާއި ގުޅޭ

މަހަށްދާ ދޯނިތަކުން ފީނަން ގެންގުޅޭ ތަކެތި ބަރާބަރަށް ސާވިސް ކުރަން ޖެހޭ

މަސްވެރިކަމުގައި ހަރަކާތްތެރިވާއިރު، ދޯނީގެ އޮޑިވެރިޔާ ނުވަތަ އޮޕަރޭޓަރުގެ މަސްއޫލިއްޔަތު ތަކެއް ހުރެއެވެ.

އެގޮތުން ބަލާއިރު، މަސްވެރިކަން ކުރުމަށް މިނިސްޓްރީން ދޫކުރާ ލައިސަންސް ލިބިގެން މަސްވެރިކަން ކުރާ އުޅަނދުފަހަރުގައި ފީނުމަށް ބޭނުންކުރާ އާލާތްތަކަކީ އެކަމަށް ރައްކާތެރި ތަކެތިކަން ކަށަވަރު ކުރަން ޖެހެއެވެ. ފީނުމަށް ބޭނުންކުރާ އާލާތްތައް ގަވާއިދުން ސާވިސްކޮށް ބެލެހެއްޓުމަކީ އޮޑިވެރިޔާ ނުވަތަ އޮޕަރޭޓަރުގެ މަސްއޫލިއްޔަތެކެވެ.

ފީނުމަށްޓަކައި ވައިފުޅި އަޅައިގެން މަސްވެރިކަން ކުރާ މީހުންނަކީ ބައިނަލްއަގުވާމީ ގޮތުން ނުވަތަ ރާއްޖޭގެ ފެންވަރުގައި ފީނުމުގެ ތަމްރީނު ފުރިހަމަކޮށް، ސެޓުފިކެޓް ލިބިފައިވާ މީހަކަށް ވާން ޖެހެއެވެ. އެފަދަ ސެޓްފިކެޓެއް ނެތް މީހަކު ވައިފުޅި އަޅައިގެން މަސްވެރިކަން ކުރުން ނުވަތަ އެންވެރިކަން ކުރުން އެއީ މަނާކަމެކެވެ.

އެހެންކަމުން އެކަމަށްޓަކައި ދޯނީގެ ކެޔޮޅު ނުވަތަ މާސްޓަރު ވަކި ޒިންމާތަކެއް ނަގަން ޖެހެއެވެ. އެގޮތުން، ސެޓުފިކެޓު ނެތް މީހަކު ލައްވާ މަސްވެރިކަމަށް ނުވަތަ އެންވެރިކަމަށް ފީނުވުމަކީ ކޮށްގެން ނުވާނެ ކަމެކެވެ.

މަސްވެރިކަން ކުރުމާއި އެންވެރިކަން ކުރުމަށް އަދި އެކަންކަމާ ގުޅުންހުރި މަސައްކަތްތައް ކުރާ މީހުންނަކީ، އެކަމަށް އެކަށޭނަ ހާލަތެއްގައި ހުރި މީހެއްތޯ ބަލާ ޔަގީން ކުރުމަކީ ކެޔޮޅުގެ ޒިންމާއެކެވެ.

މިފަދައިން ބަޔާންކޮސްފައިވާ މަނާކަމެއް، އެއްވެސް މަސްވެރިއަކުލައްވާ ކުރުވައިގެން، އެމީހަކަށް ގެއްލުމެއް ލިބިއްޖެނަމަ، އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ކުރަން މިނިސްޓްރީގެ ފަރާތުން ޕޮލިހަށް ހުށަހެޅުމުގެ ހައްގު މިނިސްޓްރީއަށް ލިބިގެންވެއެވެ.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!