މަސްވެރިކަމާއި ގުޅޭ

މަސްވެރިންތަކެއް ފުޅިއަޅައިގެން އެންހިފަން ފީނަނީ - ފޮޓޯ: މަސްވެރިން
މަސްވެރިންތަކެއް ފުޅިއަޅައިގެން އެންހިފަން ފީނަނީ - ފޮޓޯ: މަސްވެރިން

އެންހިފަން ޑައިވްކުރާއިރު "ބަޑީ ނިޒާމަށް" މަސްވެރިން އަމަލުކުރަންޖެހޭ!

މުނިފޫހިފިލުވުމަށް ޑައިވްކުރަން ބޭނުންވާ މީހުންނަށް ޑައިވް ކޯސްތައް އަބަދުވެސް ބިނާވެފައި އޮންނަނީ ޑައިވިންގ ބަޑީއަކު އެކުގައި އޮންނާނެ ކަމަށް ބަލާފައެވެ. ޑައިވް އެއްކޮށް ރާވާ، އެކުގައި ޑައިވްކޮށް އަދި ރާވާފައިވާ ގޮތަށް ޑައިވް ކުރުމަކީ އަމިއްލަ މީހާއި އަދި އެހެންމީހުންގެ ރައްކާތެރިކަމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

އެކަނި ޑައިވް ކުރުމަކީ ރަގަޅުކަމެއް ނޫނެވެ. އެކަނި ޑައިވިންގް އަށް ދިއުމުން ޑައިވްކުރުމުގައި އެންމެ އެދޭވޭ ގޮތަށް ހިތްހަމަޖެހިލައިގެން ޑައިވް ނުކުރެވޭނެއެވެ. ގިނަމީހުންނާއި އެކު ޑައިވް ކުރުމުން ތަޖުރިބާ ހިއްސާކުރުމުގެ ފުރުސަތުވެސް އޮވެއެވެ.

އެހެންނަމަވެސް އެންމެ މުހިންމު ކަމަކީ ކަމެއް ދިމާވާ ހާލަތުގައި އެކުގައި އޮންނަ ބަޑީގެ ބޭނުންތެރިކަން މުހިންމުކަމެވެ. ހިތްހަމަ ޖައްސާލަން ކުރާ ޑައިވްތަކުގައި އަމިއްލައަށް ނުފެންނަ ރީތި މަންޒަރެއް/އެއްޗެއް ބަޑީއަށް ފެނި އެ ދައްކާލެވިދާނެއެވެ. ކުއްލި ނުރައްކަލުގެ ހާލަތުގައި އެހީތެރިއެއް ކައިރީގައި އޮންނާނެއެވެ.

މަސްވެރިންނަށް ޑައިވް ކޮށްގެން އެންދަމަން ތައާރަފްވެގެން އައި ދުވަސްވަރު އެންހިފަން އެންމެ ޑައިވަރަކުވެސް ގޮސްފައި އެބަހުއްޓެވެ. ނަމަވެސް މިހާރު މަދުވެގެން 4 މީހުން ޑައިވްއަށް ދެއެވެ.

މަސްވެރިން އެކަނި ޑައިވްއަށް ދިއުމަކީ މިހާރުވެސް ކުރާ ކަމެކެވެ. ދޯނި ނަގިލި ލާ ތައްޔާރުވުމުން ބައެއް މަސްވެރިން އަމިއްލަ ހިތްހަމަޖެހުމަށް ޑައިވް ކުރެއެވެ. ނޫންނަމަ އަޑީގައި އެންހުރި ތޯ ބެލުމަށް ނުވަތަ ދޯނި އޮތް ދިމާލުގައި ގައު/މުރަކަ ހުރިތޯ ބެލުމަށް އެކަކު ޑައިވިންއަށް ދެއެވެ.

މަސްވެރިން އެންދަމަން ކުރާ ޑައިވްތަކުގައި އާންމުކޮށް އުޅެނީ އެންހިފުމަށް ކުރަން ޖެހޭ މަސައްކަތްތަކުގައެވެ. އަޑިއަށް ގޮސް ދާ ރޫޅުމާއި، އެންގަނޑު ހުރި ހިސާބު ބަލާ އެންތައް ދަލަށް އެރުވުމަށް މަސައްކަތް ކުރުމެވެ. އާންމު މިންގަޑާއި ޚިލާފަށް ފުނަށް ފީނާއިރު ނުރައްކާ ހާލަތެއް މެދުވެރިވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އަޑީގައި ޕްރެޝަރ މަތިވުމުން ވައި ބޭނުން ކުރެވޭ މިންވަރު އިތުރުވެއެވެ. އެހެންކަމުން 220 ބަރ އަށް ވައިޖަހާފައި ހުންނަ 11 ލީޓަރުގެ ވައިފުޅި ހުސްވާލެއް އަވަސްވެއެވެ. އަދި އަހަރުމެންގެ ހަށިގަނޑަށް ނައިޓްރޮޖެން ގޭހުގެ އަސަރުކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވެގެން ދެއެވެ. މިއާއެކު ޑީކޯ ވަގުތު އިތުރުވެ ވިހަ ގޭސް ބޭރުކުރަން ފެނުން މަށްޗަށް ނާރާ ވަރަށް ގިނަ ވަގުތު 5 މީޓަރު ހިސާބުގައި އޮންނަން ޖެހެއެވެ.

ދާ ނަގަން އިޝާރާތް ކުރުމަށްފަހު ފެނުން މަށްޗަށް ޑައިވަރުން އެރުމާއި ދެތެރޭ ވަކި ކަންތައްތަކަށް ސަމާލުކަން ދޭންޖެހެއެވެ. މަށްޗަށް އެރުމަށް ވަކި އުސޫލުތަކެއް އޮވެއެވެ.

ބަޑީއަކާއި އެކު ޑައިވްކުރާ އިރު އިތުރު ކިޓެއް ގެންދިއުމުގެ ބަދަލުގައި ކަމެއްދިމާވެއްޖެ ހާލަތެއްގައި ބަޑީއަށް ބަރޯސާވެވިދާނެއެވެ. ކުރުކޮށް ބުނާނަމަ، ބަޑީއަކާއި އެކު ޑައިވްކުރުމަކީ ފަސޭހަ، މަޖާ، އަދި ރައްކާތެރިކަން ލިބޭ ކަމެކެވެ. ޑައިވް އަށް ދިއުމުގެ ކުރިން ރޭވިގޮތަށް އެކުގައި ބަޑީއެއް އޮތުމަކީ ރައްކާތެރި ގޮތެވެ.

ބަޑީއާއި ވެކިވެ/ގެއްލިއްޖެނަމަ، ވަށާ ހޯދާލާށެވެ. ކުޑަތަންކޮޅެއް މަށްޗަށް އެރުމުން ބަޑީ ނޭވާލާ ވައި ބޮކިތައް ފެނުމުގެ ފުރުސަތު ބޮޑުވާނެއެވެ. ކުޑަކޮށް ހޯދާލުމަށްފަހު (1 މިނެޓް) ނުފެނިއްޖެނަމަ ވަގުތުން މަށްޗަށް އަރާށެވެ. އެއީ އެހާ ހިސާބުން ބަޑީ ނިޒާމް އުވުނީއެވެ. ތިމާއަށްވެސް އަދި ބަޑީއަށްވެސް އަޑީގައި އޮތުމަކީ މިހާރު ރައްކާތެރިކަމެއް ނޫނެވެ. ޑައިވްއަށް ދިއުމުގެ ކުރިން އެއްބަސްވެވިފައި ވާފަދައިނ ބަޑީ ނުފެނިގެން ތިމާ މަށްޗަށް އެރިގޮތަށް، އެކުގައި ޑައިވްކުރި ބަޑީ ނުފެނި ލަސްވުމުން އޭނާވެސް މަށްޗަށް އަރަންޖެހޭނެއެވެ.

މިކޯޑަށް ދެ ޑައިވަރުންވެސް އަމަލުކޮށް، އުސޫލާއި އެއްގޮތަށް އަމަލު ކުރުމުން ޑައިވިންގ އަކީ ރައްކާތެރިކޮށް ކުރެވޭ ޑައިވްއަކަށް ވާނެއެވެ.

ވަކިން ޚާއްސަކޮށް މަސްވެރިން ކުރާ ޑައިވްތަކުގައި މުނިފޫހިފިލުވުމަށް ކުރާ ޑައިވްތަކަށް ނުވުމުން މިއީ ކުރަން މަޖުބޫރު ކަމެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!