މަސްވެރިކަމާއި ގުޅޭ

އދ. ކުނބުރުދޫ -- ފޮޓޯ/ ވިޒިޓް ކުނބުރުދޫ
އދ. ކުނބުރުދޫ -- ފޮޓޯ/ ވިޒިޓް ކުނބުރުދޫ

ކުޑަކުޑަ ކުނބުރުދޫގައި އެތައް ބާވަތެއްގެ މަސްވެރިކަމެއް ކުރޭ

އާބާދީގައި 637 މީހުން ހިމެނޭ އދ. ކުނބުރުދޫ އަކީ އެ އަތޮޅުގައި މީހުން ދިރިއުޅޭ އެންމެ ކުޑަ ރަށެވެ. ރަށަކީ ޒަމާނުއްސުރެން މަސްވެރި ރަށެކެވެ. ގާތްގަނޑަކަށް 527220 އަކަފޫޓުގެ ކުނބުރުދޫގައި ދިގު ތުނޑިއެއް އޮންނައިރު، މީހުން ދިރިއުޅޭ ސަރަހައްދު އެހާ ބޮޑެއް ނޫނެވެ.

ކުޑަކުޑަ ކުނބުރުދޫގައި ގިނަ ބާވަތްތަކެއްގެ މަސްވެރިކަން ކުރެއެވެ. އޭގެ ތެރޭގައި ބޮޑުކަންނެލީގެ އަތުނަނުގެ މަސްވެރިކަން، ވަދު ނަނުގެ މަސްވެރިކަން، ފާނައިގެ މަސްވެރިކަން، އެންވެރިކަން، ތުތި ބޯވަދިލަމަހުގެ މަސްވެރިކަން، ފަރުމަހުގެ މަސްވެރިކަން، ހުއިފިލަނޑަ އާއި އިހިފަދަ ތަކެތި ނެގުމުގެ މަސްވެރިކަންވެސް ކުރެއެވެ.

ނަމަވެސް އެރަށުގައި އެންމެ ބޮޑަށް ކުރަނީ ފަރުމަހުގެ މަސްވެރިކަމެވެ. ފަރުމަހުގެ މަސްވެރިކަންކުރާ އަށް އުޅަނދު އަދި ބޮޑުކަންނެލީގެ މަސްވެރިކަންކުރާ ދެ އުޅަނދު އެރަށުގައި އޮވެއެވެ.

މަސްވެރިކަމަކީ ކުނބުރުދޫގެ ޒުވާނުންނާއި ހަރު އުމުރުގެ މީހުންގެ މެދުގައިވެސް ވަރަށް މަގުބޫލު މަސައްކަތެކެވެ. ވަޒީފާ އަދާކުރާ ޒުވާނުންގެ ގާތްގަނޑަކަށް 30 އިންސައްތަ ޒުވާނުން މަސްވެރިކަމުގައި އުޅޭއިރު، ވަޒީފާ ތަކުގައި އުޅޭ ޒުވާނުންގެ ހުސްވަގުތުތައް ވެސް މަސްވެރިކަމުގައި ހޭދަކުރެއެވެ. އޭގެ ތެރޭގައި އިހި ނެގުމާއި ނައިޓް ފިޝިންއަށް ދިއުމާއި ބޯވަ ނެގުން ހާއްސަގޮތެއްގައި ހިމެނެއެވެ.

ކުނބުރުދޫ -- ފޮޓޯ/ ވިޒިޓް ކުނުރުދޫ

ރަށުގެ އާބާދީގެ، ގާތްގަނޑަކަށް 60 އިންސައްތަ ނަފާ ހޯދަނީ މަސްވެރިކަމުންނެވެ.

ކުނބުރުދޫގައި މަސް ކެއްކުމާއި ރިހާކުރު ކެއްކުންވެސް އޮވެއެވެ. ނަމަވެސް އެކި ދުވަސްވަރު އެކި ވަރަށެވެ. ގޭގޭގައި ކެއުމަށް ރިހާކުރު ކެއްކުމާއި، ވިއްކުމަށް މަސް ކެއްކުންވެސް އޮވެއެވެ. މަސް ކައްކެކުމުގައި ހަރަކާތްތެރިވަނީ އެރަށު އަންހެނުންނެވެ. މަސް ކެނޑުމުގައިވެސް ފިރިހެނުންނެކޭ އެއްފަދައިން އެރަށު އަންހެންވެރިން ފައިތިލަ ސާބިތުކުރެއެވެ.

ބައެއްފަހަރަށް މުނިފޫހި ފިލުވާލުމަށް އަންހެނުން ވެސް ނައިޓް ފިޝިންއަށް ދެއެވެ.

މަސްވެރިކަމުގައި ރަށުގެ ކުރިމަގުގެ ތަޞައްވަރަކީ، މަސްވެރިކަމާ ގުޅޭ ޒަމާނީ އުޅަނދުތައް އިތުރުކުރެވި، ޒުވާނުން މަސްވެރިކަމުގެ ދާއިރާގައި ޝާމިލްވާ މިންވަރު އިތުރުކޮށް އަދި މަސްވެރިކަމުގެ ތަފާތު ބާވަތްތަކުން ހޯދާ މަންފާ އިތުރުކުރެވޭ ރަށަކަށް ވެގެން ދިއުން ކަމަށް ކުނބުރުދޫ ކައުންސިލްގެ ރައީސް މުހައްމަދު އަޒުމީ ވިދާޅުވިއެވެ.

މަސްވެރިކަން ކުރިއެރުވުމަށްޓަކައި، މަސްވެރިކަމުން ނަފާހޯދޭނެ ތަފާތު ގޮތްތަކާއި ވަޞީލަތްތައް ފަސޭހައިން ލިބޭނެ މަގުފަހިވުން މުހިންމު ކަމަށް އަޒުމީ ފާހަގަ ކޮށްލިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!