މަސްވެރިކަމާއި ގުޅޭ

D507393B-E4FA-42E6-B7F5-54EBF98951DE

މަސްވެރިންނާ، މަސްވެރިކަމާ ގުޅޭ ހާދިސާތައް އަޅުގަނޑުމެންނަށް ފޯރުކޮށްދެއްވާ!

މަސްވެރިންނާއި، މަސްވެރިކަމާ ގުޅޭ ހާދިސާތައް، 'މަސްވެރިން އޮންލައިން'އާ ހިއްސާކުރުމަށް މަސްވެރިން އޮންލައިންގެ ސީއީއޯ އަހުމަދު ޝާފިއު، މަސްވެރިންނަށް ހަނދާންކޮށްދީފިއެވެ.

މަސްވެރިކަމުގެ މައުލޫމާތަށް ހާއްސަކޮށްގެން އުފައްދާފައިވާ 'މަސްވެރިން އޮންލައިން' ނޫހުގެ ޒަރިއްޔާއިން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާ، މަސްވެރިކަމާ ގުޅުންހުރި ތަފާތު ކަންތައްތަކާއި، ކުރާ އެކިބާވަތުގެ މަސްވެރިކަމާ ގުޅޭ މައުލޫމާތު ގެނެސްދޭނެއެވެ.

މީގެ އިތުރުން މަސްވެރިންނަށް ކުރިމަތިވާ ދަތިތަކާއި ގޮންޖެހުންތައް، މުޅި ރާއްޖެއާއި ސަރުކާރުގެ މުއައްސަސާތަކުގެ ސަމާލުކަމަށް ގެނައުމަށްޓަކައި، މަސްވެރިކަމާ ގުޅުންހުރި މައުލޫމާތުތައް، މި ނޫހާ ހިއްސާ ކުރުމަށް، ސީއީއޯ ޝާފިއު މަސްވެރިންނަށް ގޮވާލިއެވެ.

"ރާއްޖޭގެ ކޮންމެތާކު، ކޮންމެކަހަލަ ހާދިސާއެއް ހިނގިޔަސް ނުވަތަ ހަބަރެއް ވިޔަސް، އެއީ މަސްވެރިކަމާ ގުޅުންހުރި ކަމެއް ނަމަ، އެކަން މަސްވެރިން އޮންލައިންއާ ހަމަޔަށް ގެނެސްދިނުމަށް އެދެން،" ޝާފިއު ވިދާޅުވިއެވެ.

މަސްވެރިކަމާ ގުޅުންހުރި ގިނަ ހާދިސާތަކެއް މި ނޫހަށް ފޯރުކޮށްދޭ ބައެއް މަސްވެރި ޕޭޖުތައް މިހާރުވެސް ހަރަކާތްތެރިވެއެވެ. އޭގެ ތެރޭގައި ބައެއް ރަށްރަށަށް ނިސްބަތްވާ މަސްދޯނިފަހަރުގެ ފޭސްބުކް ޕޭޖް ހިމެނެއެވެ. މިފަދަ ޕޭކްތަކުގެ ޒަރިއްޔާއިން، ރަށެއްގައި މަސްވެރިކަން ތިޔާގިވުމުން، ނުވަތަ މަސް ދޯންޏަކަށް ހާދިސާއެއް ދިމާވުމުން ނުވަތަ މަސްވެރިއަކަށް ކުރިމަތިިވާ އަނިޔާއެއް ފަދަ ކަންކަންވެސް މި ނޫހާ ހިއްސާކުރެއެވެ.

މަސްވެރިން އޮންލައިންއިން ފޭސްބުކް ޕޭޖެއްގެ އިތުރުން ޓުވިޓަރ އެކައުންޓަކާއި ވައިބަރ ގްރޫޕެއް އަދި ޓެލެގްރާމް ޗެނަލްއެއްގެ އެހީގައި މަސްވެރިންނަށް ހަބަރާއި މައުލޫމާތު ފޯރުކޮށްދޭނެއެވެ. އެހެންކަމުން ހާދިސާއެއް ކުރިމަތިވުމުން، ފޭސްބުކް ޕޯސްޓެއް ކުރައްވާއިރު، މި ނޫސް މެންޝަން ކޮށްލުމުން ނުވަތަ ޓުވިޓާގައި ހާދިސާއާއެކު ޓެގްކޮށްލުމުން އެކަމުގެ މައުލޫމާތު ކިޔުންތެރިންނަށް ގެނެސްދިނުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަމެވެ.

މީގެ އިތުރުން، މަސްވެރިން އޮންލައިންގެ ނަންބަރު 7787161 އަށް ވައިބަރ މެސެޖެއް ކޮށްލައިގެން ނުވަތަ މި ނަންބަރަށް ގުޅާލައިގެންވެސް އަޅުގަނޑުމެންނާ ހަމަޔަށް މައުލޫމާތު ފޯރުކޮށްދެވޭނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!