މަސްވެރިކަމާއި ގުޅޭ

އަސްދާނު ދޯނިން މަސްބޭނުމުގައި ހަރަކކާތްތެރި ވަނީ
އަސްދާނު ދޯނިން މަސްބޭނުމުގައި ހަރަކކާތްތެރި ވަނީ

'އަސްދާނު' ދޯނިން މަސްވެރިކަމުގެ އާ ރެކޯޑެއް ހެދީ ޒުވާން ލީޑަރޝިޕާއެކު

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ފަހި މޫސުން ފެށި، މިދިޔަ ހަފްތާއެއްހާ ދުވަހު އަޑު އިވެމުން ދަނީ، ދޯނިތައް ރެކޯޑު އަދަދަކަށް މަސް ބާނާ ވާހަކައެވެ. ބައެއް ދޯނީގެ ތާރިހުގައިވެސް އަލަށް އެހާ ގިނަ އަދަދެއްގެ މަސް ބޭނުނު އިރު، އަނެއްބައި ދޯނިތަކުން ވަނީ މުޅި އަތޮޅުންވެސް އެންމެ ގިނަ މަސް ބޭނި ރިކޯޑު ހަދާފައެވެ.

މި ރިކޯޑުތަކަށް ބޮޅެއް އިތުރުކޮށްދެމުން، ތ. ވަންދޫ 'އަސްދާނު' ދޯނިން ރިކޯޑު މުގުރާލީ ތަފާތު ގޮތަކަށެވެ. އެއީ ޒުވާން ލީޑަރޝިޕާއެކު ދޯނީގެ މަސްވެރިކަމުގެ އާ ރެކޯޑެކެވެ.

ނަވާރަ އަހަރުގެ އަހުމަދު ރަޝްނާނުގެ ކައްޕިކަމުގެ ދަށުގައި 'އަސްދާނު' ދޯނި ވަނީ 23 ޓަނު މަސް ބާނައި، ދޯނިން މިހާތަނަށް އެންމެ ގިނަ މަސް ބޭނުމުގެ ރިކޯޑު ހަދާފައެވެ. ދޯނި މޫދަށް ބާލައިގެން ދުއްވާތާ ހަތް އަހަރު ވެފައި ވާއިރު، މީގެ ކުރިން މި ދޯނި އެންމެ ގިނަ މަސް ބޭނީ މިދިޔަ ރަމަޟާން މަހުއެވެ. އެއީ 20 ޓަނު މަހެވެ.

އަސްދާނު ދޯނީގެ ޒުވާން ކެޔޮޅު -- ފޮޓޯ/ އަސްދާނު ދޯނި

ވެރިފަރާތާ ހަވާލާދީ، ދޯނީގެ ފަރާތުން މި ނޫހަށް މައުލޫމާތު ދެއްވަމުން މުހައްމަދު ގިޔާސް ބުނީ، ދޯނީގައި ހަރު އުމުރުގެ މީހުންނާއި ޒުވާނުން ހަރަކާތްތެރިވާ ނިސްބަތް އެއްވަރު ކަމަށެވެ.

ޖުމުލަ 23 މީހުން މަސައްކަތްކުރާ އަސްދާނު ދޯންޏަކީ 85 ފޫޓުގެ މަސް ދޯންޏެކެވެ. ދޯނީގައާއި ރަށުގައިވެސް މަސްވެރިން ޒުވާނުން ގިނަ ކަމަށް ގިޔާސް ފާހަގަ ކުރިއެވެ.

"މަސްވެރިކަމުގަ ޒުވާނުންގެ ބައިވެރިވުން ވަރަށް ބޮޑުކަން އަޅުގަނޑު ވަރަށް ބޮޑަށް ފާހަގަ ކުރަން. ވަންދޫއަކީ އާބާދީގެ ގޮތުން ވަރަށް ކުޑަ ރަށެއް. އެހެން ނަމަވެސް، ކުޑަ އާބާދީއެއްގެ ތެރޭގަ ތިބި މަދު ޒުވާނުންކޮޅުގެ ފުރިހަމަ އެއްބާރުލުމަކާ ޝައުގުވެރިކަމެއް ފެންނަކަމަށް ފާހަގަ ކުރެވޭ،" ގިޔާސް ބުންޏެވެ.

ގިޔާސް ބުނީ، ޒުވާން މަސްވެރިން އެކި ލެވެލްގައި މަސްވެރިކަމުގައި ހަރަކާތްތެރިވާ ކަމަށެވެ. މަސްވެރިކަމާއި އެންވެރިކަމަށް ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކޮށް ގިޔާސް ބުނީ، މިހާރު މަސްވެރިކަން އެހާ ފަސޭހަކަމާއެކު ކުރެވެނީ ޒުވާނުންގެ ބައިވެރިވުން ލިބޭތީ ކަމަށެވެ.

މަސްވެރިކަމުގައި މިހާރު ދިމާވާ އެންމެ ބޮޑު ދައްޗަކީ މަސް ކިރުމުގެ މައްސަލަ ކަމަށް ގިޔާސް ބުންޏެވެ. މަސްވެރިކަމަކީ ސީޒަނަލް ކަމަކަށް ވުމުން، މަސް ބާނާ ދުވަސްކޮޅުގެ ތެރޭގައި މަސްކޮޅު ކިރުމަށް ވަރަށް ބޮޑަށް ދަތިވާކަމަށް ގިޔާސް ބުންޏެވެ. އެގޮތުން ދިމާވާ އުނދަގުލަކަށް ގިޔާސް ފާހަގަ ކުރީ، ކިނބިދޫ ދާއިރާ ހިމެނޭ ސަރަހައްދުގައި މަސް ކިރާނެ ބޯޓުފަހަރު މަދުވުމެވެ. އަދި 'މަސްކޮޅެއް ބާނާއިރަށް' މަސް ގަންނަ ފަރާތްތަކުން މަހުގެ އަގު ކޮންޓްރޯލް ކުރުމަކީ މަސްވެރިންނަށް ދިމާވާ ވަރަށް ބޮޑު ދައްޗެއް ކަމަށް ގިޔާސް ފާހަގަ ކުރިއެވެ.

މީގެ އިތުރުން ގިޔާސް ބުނީ، މަސްވެރިކަމަކީ ޒުވާނުންނަށް ފުރުސަތު އޮތް ދާއިރާއަކަށް ވީ ނަމަވެސް، އަލަށް މި ދާއިރާއަށް ނުކުންނަ ޒުވާނުންނަށް އެކަށީގެންވާ ޓްރެއިނިންއެއް ދެވެން ނެތްކަމެވެ. އެފަދަ ޓްރެއިނިންއެއް ދެވޭނެ ނިޒާމެއް، ސަރުކާރުގެ ތެރޭގައި އޮތުން މުހިންމުކަމަށް ގިޔާސް ފާހަގަ ކުރިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

Comments are closed.