މަސްވެރިކަމާއި ގުޅޭ

މ. ކޮޅުފުށީ ކަނދުފަތި ގާއިމު ކުރުމުގެ ތެރެއިން -- ފޮތޯ/ ފިޝަރިޒް މިނިސްޓްރީ
މ. ކޮޅުފުށީ ކަނދުފަތި ގާއިމު ކުރުމުގެ ތެރެއިން -- ފޮތޯ/ ފިޝަރިޒް މިނިސްޓްރީ

ކެނޑިފައިވާ ދެ ކަނދުފައްޗެއް އަލުން ގާއިމުކޮށްފި

ކުރިން ގާއިމުކޮށްފައިވާ ކަނދުފަތިތަކުގެ ތެރެއިން، ކެނޑިފައިވާ ދެ ކަނދުފައްޗެއް ފިޝަރީޒް މިނިސްޓްރީން އަލުން ގާއިމު ކޮށްފިއެވެ.

އަލުން ގާއިމު ކޮށްފައި ވަނީ ތ. ހިރިލަންދޫ ކަނދުފައްޗާއި މ. ކޮޅުފުށީ ކަނދުފައްޗެވެ. އޭގެ ތެރެއިން ހިރިލަންދޫ ކަނދުފަތި ގާއިމު ކޮށްފައި ވަނީ އިއްޔެއެވެ.

ހިރިލަންދޫގެ ހުޅަނދު ދެކުނުން 15 ނޯޓިކަލް މޭލު ބޭރުގައި ހަރުކުރި މި ކަނދުފަތި އެންމެ ފުރަތަމަ ގާއިމު ކުރީ 2019  ވަނަ އަހަރުއެވެ. މި ކަނދުފަތި ފުރަތަމަ ގާއިމު ކުރަމުން މިނިސްޓްރީން ބުނީ، މި ކަނދުފައްޗަކީ ދޮށީގެ މަސްވެރިކަމަށް ގާއިމު ކޮށްފައިވާ ކަނދުފަތީގެ ވިއުގަޔަށް ކަނދުފައްޗެއް އިތުރުކޮށް އަޖުމަބެލުމަށްޓަކައި ބޭރުކަނޑުގައި އެޅި ކަނދުފައްޗެއްކަމަށެވެ.

ކޮޅުފުށީ ކަނދުފަތި ގާއިމު ކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ.

ކޮޅުފުށީ ދިއްތުނޑީގެ އިރު ދެކުނުން 16 މޭލު ބޭރުގައި ގާއިމު ކޮށްފައިވާ މި ކަނދުފަތި ކަނޑައިގެން ގޮސްފައިވާކަމުގެ މައުލޫމާތު މިނިސްޓްރީއަށް ލިބުނީ ޖޫން މަހުގެ 15 ވަނަ ދުވަހު ކަމަށް މިނިސްޓްރީން މައުލޫމާތު ދިނެވެ.

މަސްވެރިކަން ކުރިއެރުވުމަށްޓަކައި، އެންމެ ފުރަތަމަ ސަރުކާރުން އޮއިވާލި ކަނދުފަތި ހަރުކުރީ 1980 ވަނަ އަހަރުއެވެ. އެންމެ ފުރަތަމަ ގާއިމު ކުރި 10 ކަނދުފައްޗަކީ، ދުނިޔޭގެ ކާބޯތަކެއްޗާއި ދަނޑުވެރިކަމާބެހޭ ޖަމުޢިއްޔާ އެފްއޭއޯގެ އެހީގައި ހަރުކުރި ކަނދުފަތިތަކެވެ. އޭގެފަހުން ޔޫއެންޑީޕީގެ އެހީގައި 10 ކަނދުފަތި ހަރުކުރިއެވެ. މިހާރު މި މަޝްރޫޢު ކުރިއަށްގެންދިޔައީ ދަޢުލަތުގެ ބަޖެޓުން ޚަރަދުކޮށްގެންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!