މަސްވެރިކަމާއި ގުޅޭ

ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަެުރު އަހުމަދު ޠާރިޤް -- ފޮޓޯ/ މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަެުރު އަހުމަދު ޠާރިޤް -- ފޮޓޯ/ މަޖިލިސް

މަސްވެރިންނަށް މިހާރު އޮތް ހައްލަކީ މި ވެރިކަން ބަދަލުކުރުން: ޓޮމް

މަސްވެރިންނަށް މިހާރު އޮތް ހައްލަކީ މި ވެރިކަން ބަދަލު ކުރުން ކަމަށާއި މަސްވެރިކަމުގެ މައިގަނޑު މައްސަލައަކީ އިންތިޚާބުގައި ވޯޓް ހޯދުމަށްޓަކައި މަސްވެރިންނަށް އޮޅުވާލުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ޠާރިޤް (ޓޮމް) ވިދާޅުވެއްޖެއެވެ.

ޠާރިޤް މިހެން ވިދާޅުވީ، 2022 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 17 ވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"މައިގަނޑު މައްސަލައަކަށް ވަނީ، ވެރިކަމަށް އަންނަންވެގެން މަސްވެރިކަމުގެ ސިނާއަތުގަ، މަސްވެރިންގެ ބޮލަށް ވާ ވެއްދުމަށްޓަކާ، މަސްވެރިންނަށް ހުވަފެން ދެއްކުމަށްޓަކާ ވާ ވައުދުތައް. އޭގެތެރޭގަ ގޭދޮށު މަސްފެކްޓްރީއާ ކަންނެލި ޖަގަހަތަކާ، އަދި ހަނދުމަފުޅުކޮށްލަން ޖެހޭ، ރާއްޖޭގެ ދޯނިތައް ސްރީލަންކާގެ ބަނދަރުގަ މަސް ކިރާފަ އެތަނުން ޑޮލަރު ގެންނަ ވާހަކަވެސް އެނބައޮތޭ. ކީއްވެގެންތޯ އެ ވާހަކަވެސް ނުދައްކާ މި ތިބެނީ،" ޠާރިޤް ވިދާޅުވިއެވެ.

ދިވެހި މަސްވެރިން ލަންކާގެ ބަނދަރަށް ގޮސް މަސް ކިރުމަށްފަހު ޑޮލަރު ހިފައިގެން އަންނަ ވާހަކަވެސް މެނިފެސްޓޯގައި އެބަ އޮތް ކަމަށް ޠާރިޤް ވިދާޅުވިއެވެ.

ސިޔާސީ ފަރާތްތަކުން މިފަދަ ވައުދުތައް ވަނީ މަސްވެރިން 'ވާ ވެއްދުމަށްޓަކާ' ކަމަށް ޠާރިޤް ފާހަގަކުރެއްވިއެވެ.

"އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގަ، ހއ. އިހަވަންދޫގެ މެޖޯރިޓީ ވަނީ އެމްޑީޕީއަށް ގެއްލިފަ. ގދ. އަތޮޅު ކައުންސިލްގެ ރައީސްކަން ވަނީ ޕީޕީއެމްއިން ހޯދާފަ. މަސްވެރި ހުރިހާ ދާއިރާއެއް، އދ މަހިބަދޫގެ ލޯކަލް ކައުންސިލް އިންތިހާބުގަ ފުލް މެޖޯރިޓީ އޮންނާނީ ޕީޕީއެމް ހޯދާފަ. މަސްވެރިކަމަށް ނިސްބަވްތާ ހުރިހާ ހިސާބެއްގަ ރައްޔިތުން ވަނީ، މި ސަރުކާރަށް ނޫނެކޭ ބުނެފަ. ކީއްވެގެންތޯ. މެނިފެސްޓޯއެއް ދައްކާފަ، ރައްޔިތުންނަށް ވައުދުތަކެއް ވެފަ، އެ ތަންފީޒު ނުކުރެވުން،" ޠާރިޤް ވިދާޅުވިއެވެ.

މަސްވެރިންނަށް މިހާރު އޮތް ހައްލަކީ މި ވެރިކަން ބަދަލު ކުރުންކަމަށްވެސް ޠާރިޤް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!