މަސްވެރިކަމާއި ގުޅޭ

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އިފްތިތާހީ ޖަލްސާގެ ތެރެއިން މަސްވެރިންގެ ޝުއޫރު ލިޔެފައިވާ ބެނާތައް
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އިފްތިތާހީ ޖަލްސާގެ ތެރެއިން މަސްވެރިންގެ ޝުއޫރު ލިޔެފައިވާ ބެނާތައް

ޗާގޯސް މައްސަލަ: ދިވެހި މަސް ކަނޑުން އެންމެ އިންޗި އެއްވެސް އެހެން ބަޔަކަށް ނުދިނުމަށް މަސްވެރިން ގޮވާލައިފި

ކަނޑުތަކާ ބެހޭ ބައިނަލްއަގުވާމީ ޓްރައިބިއުނަލްއަށް މޮރިޝިއަސްއިން ހުށަހަޅާފައިވާ މައްސަލަ މޮރިޝަސް ކޮޅަށް ނިމިއްޖެނަމަ، ރާއްޖޭގެ ދެކުނުން ބައެއް ގެއްލިދާނެތީ، ދިވެހި މަސް ކަނޑުން އެންމެ އިންޗި އެއްވެސް އެހެން ބަޔަކަށް ލިބެން މަގު ފަހިވާގޮތަށް އެއްވެސް ކަމެއް ނުކުރުމަށް ދިވެހި މަސްވެރިން ގޮވާލައިފިއެވެ.

މޮރިޝަސްއިން ހުށަހަޅާފައި ވަނީ، ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުގެ ފުށުއަރާ ބައި ބެހުމާ ބެހޭ މައްސަލައެކެވެ.

މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، މަސްވެރިން ބުނީ، މިކަމުން އެންމެބޮޑު ގެއްލުމެއް ލިބޭނީ މަސްވެރިންނަށާއި މަސްވެރި އާއިލާ ތަކަށް ކަމަށެވެ.

ކޮންމެ ގައުމަކަށް ވެސް، އެ ގައުމެއްގެ އައްސޭރިފަށުން ފެށިގެން 200 މޭލު އެ ގައުމެއްގެ ހާއްސަ އިގްތިސާދީ ސަރަހައްދު ގެ ގޮތުގައި ކަނޑައެޅޭނެ ކަމަށް ދުނިޔޭގެ ކަނޑުތަކުގެ ގާނޫނުގައި ބުނެއެވެ. އެގޮތުން، ދެގައުމެއްގެެ ކަނޑުގެ ސަރަހައްދު ފުށުއަރާނަމަ، ފުށުއަރާ ސަރަހައްދާ އެންމެ ގާތުން އޮންނަ އައްސޭރިފަށުން ފެށިގެން، ދެ ގައުމަށް އެއްވަރަށް ބަހާލުމަށް އެ ގާނޫނުގައި ބުނެއެވެ.

ރާއްޖެ އާއި ޗާގޯސްއާ ދެމެދު އީއީޒެޑް ފުށުއަރާ 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް އޮވެއެވެ. މޮރިޝަސްއިން ވަނީ، އެ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ސީ އަށް ހުށަހަޅާފައެވެ.

ރާއްޖެއިން ބޭނުންވަނީ، ޗާގޯސް ރަށްތަކުގެ އެންމެ އުތުރަށް އޮންނަ އައްސޭރިފަށް ކަމަށްވާ ޕެރޮސް ބަންހޮސް އަތޮޅުން ފަށައިގެން ބެހުމަށެވެ. ނަމަވެސް މޮރިޝަސް އިން ބުނަނީ، ބްލެންހައިމް ފަރު ވެސް، އިން ކަނޑައަޅަން ބަލާ ޕޮއިންޓެއްގެ ގޮތުގައި، ހިމަނާށެވެ. ނަމަވެސް މި ފަރު ހިމަނައިގެން ރޮނގު ދަމައިފިނަމަ، ރާއްޖޭގެ އީއީޒެޑް ކަމަށް މިހާރު ބަލާ ސަރަހައްދުން ބައެއް ގެއްލޭނެ އެވެ.

މީގެ އިތުރުން މޮރިޝަސްއިން ވަކާލާތު ކުރާ ގޮތުގައި، ރާއްޖޭގެ އިން ކަނޑައަޅަންވާނީ އައްޑޫއާއި ފުވައްމުލަކުން ފެށިގެން ކަމަށެވެ.

މޮރިޝަސްއިން ބޭނުންވާ ގޮތަށް އީއީޒެޑް ކަނޑައަޅައިފިނަމަ ރާއްޖޭގެ މަސްވެރިންނަށާއި މަސްވެރިކަމުގެ ސިނާއަތަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް ރާއްޖޭގެ މަސްވެރިން ބުނެއެވެ. އޭގެ އެއް ސަބަބަކީ، އެ ސަރަހައްދަނީ އެންމެ ރަނގަޅަށް މަސްވެރިކަން ކުރެވޭ އެއް ސަރަހައްދު ކަމަށް ވާތީއެވެ. އަދި ރާއްޖެއާ ޚިލާފަށް މޮރިޝަސް އަކީ ދާ އަޅައިގެން މަސްވެރިކަން ކުރާ ގައުމަކަށް ވާތީ، އެ ސަރަހައްދުން އެ ގައުމުގެ މީހުން މަސްވެރިކަން ކުރާ ނަމަ، އެކަމުގެ ނޭދެވޭ އަސަރު، މަސްވެރިކަމަށް ކުރާނެކަމަށް މަސްވެރިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. މަސްކަޑު އެކަންޔެއްނޫން މޮރިސަސްދައުވާކުރާގިތައްރާއްޖޭންވެސް ދައުވާކުރަންޖެހޭ ފޯޅަވަހި ނޫނީ ޗާއޯސް ދައްތައްހޯދަން ރާއްޖެކައިރީ އެރައްތަކާ މޮރިސަސް އޮތީމާދުރުގަ ވެރިކަމައް އައސްތިބީ ފިޑިން މިގައުމުގަ އަބަދުވެސް

Comments are closed.