މަސްވެރިކަމާއި ގުޅޭ

232836256_2635089536796401_3848904805407801274_n-pvoo2qj4xss8j9xrysjazhf0o5ijxeqesequqlgo7c

މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާއަށް ތައްޔާރުވާން ލިބުނު މުއްދަތު ކުޑަކަމުން ފަރެސްމާތޮޑާ ކައުންސިލަށް ދަތިތަކެއް: ބަޖެޓެއްވެސް ނެތް

މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާއަށް ތައްޔާރުވާން ލިބުނު މުއްދަތު ކުޑަކަމުން، އެ ދުވަސް ފާހަގަ ކުރުމަށް ތައްޔާރީތައް ވުމަށް ގދ. ފަރެސްމާތޮޑާ ކައުންސިލަށް ދަތިތައް ކުރިމަތިވެފައިވާ ކަމަށާއި، އެކަމަށް ބަޖެޓެއްވެސް ނެތް ކަމަށް ފަރެސްމާތޮޑާ ކައުންސިލުން ބުނެފިއެވެ.

މި އަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަ ކުރާނީ ފަރެސްމާތޮޑާގައިކަން ސަރުކާރުން އިއުލާނު ކުރީ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

މަސްވެރިންގެ ދުވަސް އަންނަން، މަސް ދުވަހަށް ވެފައި ވާއިރު، އެ ދުވަސް ފާހަގަ ކުރުމަށް ފަރެސްމާތޮޑާއިން ވަމުން އަންނަ ތައްޔާރީތައް މި ނޫހާ ހިއްސާކުރަމުން، ފަރެސްމާތޮޑާ ކައުންސިލް މެމްބަރު އަހުމަދު ނަސީމް ވިދާޅުވީ، މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކަށް ތައްޔާރު ވާން ފެށުމަށް އެކި މަސައްކަތްތައް ކުރަމުން ދާ ކަމަށެވެ.

އެގޮތުން، ޓީމުތައް ނަގައިގެން، މަސްވެރިންނާ ބައްދަލުކޮށް، ރައްޔިތުންނާ ބައްދަލުކޮށް، އެކަމުގައި ކުރެވެން އޮތީ ކޮން ކަމެއްތޯ ބަލައި، މަޝްވަރާ ކޮށްފައިވާ ކަމަށް ނަސީމް ވިދާޅުވިއެވެ. އެހެންކަމުން މިހާރު ކުރިއަށްދަނީ، އެކަންކަން ފެށުމުގެ މަރުހަލާ ކަމަށް ނަސީމް ވިދާޅުވިއެވެ.

މި އަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަ ކުރާނީ ފަރެސްމާތޮޑާގައި

މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގައި ސަރުކާރުގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބޭނެ ކަމަށް އުންމީދު ކުރާކަމަށް ވިދާޅުވެ، ނަސީމް ފާހަގަ ކުރެއްވި ގޮތުގައި، އެހާ ބޮޑު ޖަލްސާއަކަށް ކައުންސިލްގައި ފައިސާގެ ކެޕޭސިޓީއެއް ނުހުންނާނެއެވެ. އެހެންކަމުން، 'ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއް، ދޭނެކަމަށް ފިޝަރީސް މިނިސްޓަރު ވިދާޅުވެފައިވާ ކަމަށާއި ނަމަވެސް ފިޝަރީޒް މިނިސްޓްރީން ކައުންސިލަށް އެއްވެސް ވަރެއްގެ އެހީތެރިކަމެއް އަދި ނުލިބޭ ކަމަށް ނަސީމް ވިދާޅުވިއެވެ.

ކައުންސިލް އިދާރާއިން ކުރަންޖެހޭ ކަމެއް ނަމަ، ކައުންސިލްގެ ކެޕޭސިޓީ ހުރިވަރުން ކަންކަން ކުރަން ރާވަމުން ދާކަމަށް ނަސީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ރެޑީވެފަވެސް އޮތް ކަމެއް ނޫން މަސްވެރިންގެ ދުވަހަކީ. އެހެންވީމަ، ކުއްލިއަކަށް ދެމަހަށް ވީނަތާ އަޅުގަނޑުމެންނަށްވެސް މި އެންގީ. އެންގީމަ ވާގޮތަކީ، ފައިސާގެ ދަތިކަން ކޮންމެވެސް ވަރަކަށް ހުންނާނެތާ. ވަރަށް ފަހުން ފިޝަރީޒް މިނިސްޓަރު ވަޑައިގެންނެވި ދުވަހުވެސް ކައުންސިލާ ބައްދަލުކޮށްލާ، ވާހަކަ ދެއްކުމުންވެސް އަޅުގަނޑުމެން ބުނިން، ސަރުކާރުގެ އެހީތެރިކަން ލިބިއްޖެއްޔާ، އަޅުގަނޑުމެން ވީހާވެސް ކުލަ ގަދަކޮށް މިކަން ފާހަގަ ކުރެވޭތޯ މަސައްކަތް ކުރަމުންނޭ މި ދަނީ،" ނަސީމް ވިދާޅުވިއެވެ.

ބަޖެޓްގެ ދަތިކަމަށް މިނިސްޓަރު ވިދާޅުވީ، މިހާރު ސަރުކާރުގައިވެސް އެހާވަރުގެ ބަޖެޓެއް ނުހުންނާނެ ކަމަށެވެ. ނަމަވެސް ސަރުކާރުން ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއް ދެއްވާނެ ކަމަށެވެ.

މަސްވެރިންގެ ދުވަހަށް ތައްޔާރުވުމަށް، ދުވަހު އުޖޫރައަށް ފަރެސްމާތޮޑާއިން މީހުން ހޯދަނީ

މީގެ އިތުރުން ނަސީމް ވިދާޅުވީ، މަސްވެރިންގެ ދުވަހަށް ތައްޔާރު ވުމަށް، ކައުންސިލާއެކު ހަފްތާއަކު އެއްފަހަރު އޮންލައިން މީޓިންއެއް ބާއްވާނެކަމަށް މިނިސްޓްރީން ބުނެފައިވީ ނަމަވެސް، މިހާތަނަށް ބޭއްވުނީ އެންމެ މީޓިންއެއް ކަމަށެވެ.

މަސްވެރިންގެ ދުވަހާ ގުޅުވައިގެން، ކައުންސިލުން ކުރަން ނިންމާފައިވާ ކަންތައްތައް ކުރެވޭތޯ މަސައްކަތް ކުރަމުން ދާކަމަށް ނަސީމް ވިދާޅުވިއެވެ.

ނަމަވެސް ބޮޑު ހަފްލާއެއް ބާއްވާއިރު، ދުރާލާ އެކަން ނޭނގުމަކީ ދިމާތި ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ނަސީމް ފާހަގަ ކުރެއްވިއެވެ. އާއްމުގޮތެއްގައި، މަސްވެރިންގެ ދުވަސް ފާހަގަ ކުރާ ރަށް، އަހަރެއް ކުރިން އިއުލާނު ކުރާކަން ފާހަގަކޮށް ނަސީމް ވިދާޅުވީ، ދެމަހެއްހާ ދުވަސް ކުރިން އެކަން އެންގުމުން ވަގުތު ކުޑަ ކަމަށެވެ. އަދި އޭގެ ސަބަބުން ދަތިތަކާ ކުރިމަތިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!