މަސްވެރިކަމާއި ގުޅޭ

Asuruma03

ރާއްޖޭގެ އުތުރު ކަނޑުގައި އޮތް ތިން މަސްދޯންޏަކަށް މިއަދު ބޭރުގެ ސިފައިން އެރި

ރާއްޖޭގެ އުތުރު ކަނޑުގައި އޮތް ތިން މަސްދޯންޏަކަށް މިއަދު ބޭރުގެ ސިފައިން އެރި ކަމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނެފިއެވެ.

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންއާއި ހަވާލާދީ މިހާރު ނޫހުގައި ބުނެފައިވަނީ އެ ދޯނިތަކަށް އަރާ ބޭރު ސިފައިން މަސައްކަތްކުރީ  އެ ސެޓެލައިޓް ފޯނުގެ ނަންބަރު ހޯދަން ކަމަށެވެ. އެއީ "އަސުރުމާ 3" އާއި "ނެރު 7" އަދި "މާހޯރަ 3" ކަމަށެވެ.

އެ ދޯނިތަކުގެ ތެރެއިން "އަސުރުމާ 3" ހިފެހެއްޓީ މިއަދު މެންދުރު ފަހު 2:30 ހާއިރު އެވެ. އެ ދޯނީގައި 18 ފަޅުވެރިން ތިއްބެވެ.

ބައެއް ބްރޭންޑްތަކުގެ ސެޓެލައިޓް ފޯނު އިންޑިއާގެ ސަރަހައްދު ތެރެއަށް ވެއްދުމަކީ މަނާ ކަމަކަށް ވާތީ، ކަނޑު އުޅަނދުފަހަރުން ސެޓެލައިޓް ފޯންގެ ސިގްނަލް ލިބޭ ނަމަ އިންޑިއާ ސިފައިން އެކަން ބެލުމަކީ ކުރާ ކަމެކެވެ. އެކަމަކު މަސްވެރިން ބުނީ އިންޑިއާގެ ސަރަހައްދުގެ ތެރެއަށް ވަދެފައިނުވާނެ ކަމަށެވެ.

މިހާރު ނޫހުގައި ބުނެފައިވަނީ، ސެޓްލައިޓް ފޯނުގެ ނަންބަރު ނުދިނުމުން އިންޑިއާގެ ސިފައިން ފަޅުވެރިންނަށް ބިރުދެއްކި ކަމަށެވެ. އިންޑިއާގެ ސިފައިންނަށް އެ ދޯނީގެ ސެޓްލައިޓް ފޯނުގެ ނަންބަރު ނުދިނުމަށް ރާއްޖޭގެ ކޯސްޓްގާޑުން އެ ވަގުތު އިރުޝާދު ދިން ކަމަށްވެއެވެ.

ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ވަނިކޮށް ދިވެހި މަސްދޯންޏަކަށް ބޭރުގެ ޢަސްކަރިއްޔާއަކަށް ނިސްބަތްވާ އުޅަނދެއްގެ ބޯޑިން ޓީމަކުން މަސްދޯންޏަށް އަރާފައިވާކަމުގެ ރިޕޯޓެއް ލިބިފައިވާތީ އެކަން ބަލަމުންގެންދާކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެސަރަހައްދަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދެއް މިހާރުދަނީ ދަތުރު ކުރަމުން ކަމަށެވެ.

އަސުރުމާ-3 ދޯނި ހއ .ތުރާކުނުގެ އިރުމަތިން 72 މޭލު ބޭރުގައި ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމުގައި ހަރަކާތްތެރިވަމުން ދަނިކޮށް ބޭރު ޤައުމެއްގެ އަސްކަރީ އުޅަނދަކުން އަސުރުމާ 3 އަށް އަރައި ފަޅުވެރިންނާ ސުވާލުކޮށްފައިވާތީ މަސްވެރިކަމާއި ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޝިޔާމް ވިދާޅުވީ މިއުޅަނދު ހަރަކާތްތެރި ވަމުންދިޔައީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައިކަން މިނިސްޓްރީގެ ވެސަލް މޮނީޓަރިންގ ސިސްޓަމްއިން ކަށަވަރުވޭ ކަމަށެވެ. މިހާދިސާއާ ގުޅިގެން ކޯސްޑްގާޑާއި އުޅަނދުގެ ވެރިފަރާތާއެކު ގާތުން މަސައްކަތް ކުރަމުންދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!