މަސްވެރިކަމާއި ގުޅޭ

429815904_122130180488138843_9082245150407257598_n

ހުޅުމާލޭ ބޭރުގައި އަލަށް ވަދު ކަނދުފައްޗެއް ގާއިމުކޮށްފި

އަލަށް ހުޅުމާލޭ ބޭރުގައި ވަދު ކަނދުފައްޗެއް ގާއިމުކޮށްފިއެވެ.
މި ކަނދުފަތީގެ ނަންބަރަކީ H10V01 އެވެ.
‏ފިޝަރީޒް މިނިސްޓްރީން ބުނީ، ހުޅުމާލޭ ސަރަޙައްދުގައި އަލަށް އަަޅާ ވަދު ކަނދުފަތި ހުޅުމާލޭގެ އިރުން ފަސް މޭލު ބޭރުގައި ގާއިމުކޮށްފައިވާ ކަމަށެވެ.
https://twitter.com/MFORmv/status/1763457722786410666

ރާއްޖޭގެ ރައްޔިތުންނަށް އާމްދަނީ ހޯދޭނެ އިތުރު ފުރުޞަތުތަކެއް ފަހި ކޮށްދިނުމުގެ ގޮތުން ގެސްޓް ހައުސް ވިޔަފާރިއާއެކު މިހާރު ފުޅާވަމުން އަންނަ މުނިފޫހިފިލުވުމަށްކުރާ މަސްވެރިކަން އަދި ސްޕޯޓް ފިޝިންގއަށާއި ކެއިން ބުއިމުގެ ބޭނުމަށް ރަށާއި ކައިރިން މަސްވެރިކަންކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން މިނިސްޓްރީން ވަދު ކަނދުފަތި ޤާއިމް ކުރުމުގެ ޕްރޮގްރާމު ފެށީ މިދިޔަ އަހަރުއެވެ.

2021 ވަނަ އަހަރު އަޖުމަބެލުމުގެ ގޮތުން މިމަސްވެރިކަމަށް ޚާއްސަ ކަނދުފައްޗެއް ފަރުމާކޮށް ޤާއިމްކޮށްފައިވާ ކަނދުފަތިތަކުގެ ނަތީޖާއަށް ބަލައި ކަނދުފަތީގެ ޑިޒައިނަށް ބައެއް ބަދަލުތައް ގެނެސްގެން ރަސްމީކޮށް ފެށުނު މި ޕްރޮގްރާމުގައި ދެކުނުގެ 4 ސަރަޙައްދެއް ސަރވޭކޮށް އެސަރަޙައްދުގައި ވަދު ކަނދުފަތި ޤާއިމްކުރެވޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

މިޕްރޮގްރާމުގެ ދަށުން ރާއްޖޭގެ އެކި ސަރަޙައްދުގައި ވަދު ކަނދުފަތި ޤާއިމްކުރުމުގެ މަސައްކަތް މިނިސްޓްރީގެ ފަރާތުން މިދިޔަ އަހަރުވެސް ކުރިއަށް ގެންދިޔައެވެ.

އަލަށް ޤާއިމުކުރާ ވަދު ކަނދުފަތިތަކާއެކު ރާއްޖޭގައި މަސްވެރިކަންކުރުމަށް އަންނަ ފަތުރުވެރިންނަށް މުޅިން އައު ފުރުޞަތުތަކެއް ހުޅުވި މިމަސައްކަތުގައި ޙަރަކާތްތެރިވާ ޒުވާނުންނަށް މަސްވެރިކަމުގެ ދާއިރާއިން އާމްދަނީ ހޯދުމުގެ އައު ދޮރެއް ހުޅުވިގެންދާނެކަމަށް ޤަބޫލުކުރާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އަދި ކުދި އުޅަނދުފަހަރުގައި މަސްވެރިކަންކުރާ ފަރާތްތަކަށް ރަށާއި ކައިރިން ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކަމާއިއެކު މަސްވެރިކަންކުރުމުގެ ފުރުޞަތު ފަހިވެ އޭގެ ސަބަބުން ކާނާގެ ޔަޤީންކަން އިތުރު ވެގެންދާނެކަމަށް ދެކޭކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މީހުން ދިރިއުޅާ ރަށްރަށާއި ކައިރީގައި، ރަށްރަށުގެ ފުށޮޅުގައި އަލަށް ޤާއިމުކުރަންފެށި ވަދު ކަނދުފަތި، މިނިސްޓްރީގެ ފަރާތުން ފަރުމާކޮށްފައިވަނީ ދުރަށް ފެންނަ ފަދަ ބައްތިއަކާއި، ކަނދުފަތި އޮތް ތަން ދެނެގަތުމަށް އުޅަނދުފަހަރަށް ބޭނުންކުރެވޭ ފަދަ [ރާޑަރ ރިފްލެކްޓަރ] އަކާއި އެކުއެވެ.

ވަދު މަސްވެރިކަމަށް ޚާއްސަ ކަނދުފަތި ފަރުމާކޮށްފައިވާނީ ދޮށީގެ މަސްވެރިކަމަށް ޚާއްސަކޮށްފައިވާ ކަނދުފަތިތަކާއި ވަކިކުރުމަށް ފަސޭހަ ވާގޮތަށް އަދި ނުލުގެ އުދަރެހާއެކު ހޯދުމަށް ފަސޭހަ ވާ ގޮތަށް "ރީނދޫ" ކުލައިގައެވެ.

ރަށްރަށުގެ ވަށައިގެން 3 މޭލާއި 6 މޭލާއި ދެމެދުގެ ދުރުމިނުގައި ޤާއިމުކުރާ ވަދު ކަނދުފައްޗަކީ ވަދު ނަނުގެ އަދި ސްޕޯޓް ފިޝިންގ މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!