މަސްވެރިކަމާއި ގުޅޭ

ދާންދޫ މަސްވެރިންތަކެއް ކޫއްޑޫ އަށް މަސްކިރަނީ
ދާންދޫ މަސްވެރިންތަކެއް ކޫއްޑޫ އަށް މަސްކިރަނީ

މަސް ކިރާތާ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދޭން ފަށަނީ

މަސްވެރިންނަށް މިފްކޯއިން ނުދީ ހުރި ފައިސާ ރޯދައިގެ ކުރިން ދެއްވުމަށްފަހު ސަރުކާރުން ވަޢުދުވީގޮތަށް، މަސްކިރާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރައްވާގޮތަށް ބަދަލުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހުރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިހެން ވިދާޅުވީ ރ.އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގައި ރ.ދުވާފަރުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހުރިއްޔާ ވިދާޅުވީ މި ސަރުކާރުން މިހާތަނަށް މަސްވެރިންނަށް 600 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށެވެ. ނަމަވެސް މަސްވެރިންނަށްނަށް ދޭންޖެހޭ ފައިސާ ނުދީ ދިގުލައިގެން ދިޔައީ، މި ސަރުކާރު ހަވާޅުވިއިރު މިދިޔަ ސަރުކާރުގައި މަސްވެރިންނަށް ނުދީ އޮތް 230 މިލިއަނެއްހާ ރުފިޔާ އޮތުމުންކަމަށް ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ ޢަމާޒަކީ ރޯދަމަސް ފެށުމުގެ ކުރިން، ނުދައްކާ ހުރި ފައިސާ އެއްކޮށް ދައްކާ ނިންމުންކަމަށެވެ. އަދި އެއަށްފަހު ސަރުކާރުން ވަޢުދުވެފައިވާގޮތަށް، މަސް ކިރާތާ 48 ގަޑިއިރުތެރޭގައި ފައިސާ ދޫކުރުމުގެ މަސައްކަތް ފައްޓަވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"އޭރު ނުދައްކާ އޮތް 230މިލިއަންގެ އިތުރުން އިތުރު 400 މިލިއަން މި ސަރުކާރުންވެސް ދައްކައިފިން. ޖުމްލަ 600 މިލިއަން. އަދިވެސް ޕެންޑިންގައި ދައްކަންޖެހޭ ފައިސާ އެބަހުރި. ޕެންޑިން ފައިސާ ރަމަޞާން މަހަށް ނިންމާނަން. އެއަށްފަހު ސަރުކާރުން ކަނޑައެޅިގޮތަށް، 48 ގަޑިއިރުތެރޭ ފައިދާ ދޫކުރެވޭނެ ގޮތް ހަމަޖައްސާނަން." ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!