މަސްވެރިކަމާއި ގުޅޭ

muc_onnv_giot

ވިއެޓްނާމުން ސައުތު ކޮރެއާއަށް އެކްސްޕޯޓުކުރާ ބޯވަދިލަމަހުގެ އަދަދު %45 އިތުރުވެއްޖެ

މިއަހަރުގެ ޖެނުއަރީމަހު ވިއެޓްނާމުން ސައުތު ކޮރެއާއަށް 62 މިލިއަން ޑޮލަރުގެ ބޯވަ ދިލަ މަހާއި، ބޯވަ މަސް އެކްސްޕޯޓުކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ ޖެނުއަރީމަހާއި އަޅާ ބަލާއިރު %45 އިތުރު އަދަދެކެވެ.

ސައުތު ކޮރެއާ ވެފައިވަނީ ވިއެޓުނާމުން އެންމެ ގިނަ އަދަދަކަށް ބޯވަ މަސް އެކްސްޕޯޓުކުރާ ޤައުމަށެވެ.

ވިއެޓްނާމުގެ އެސޯސިއޭޝަން އޮފް ސީފުޑް އެކްސްޕޯޓާރސް އެންޑު ޕްރޮޑިއުސާސްއިން ހާމަކުރާގޮތުގައި މިދިޔަ އަހަރުގެ ޖެނުއަރީމަހު އެޤައުމުން ސައުތު ކޮރެއާއަށް އެކްސްޕޯޓުކޮށްފައިވަނީ 26 މިލިއަށް ޑޮލަރުގެ ބޯވަ މަހެވެ.

ވިއެޓްނާމުން ސައުތު ކޮރެއާއަށް އެކްސްޕޯޓުކުރާ ސީފުޑުގެ އަދަދު އިތުރުވާން ފަށާފައިމިވަނީ ޖަޕާނުގެ ނިއުކްލިއާ ޕްލާންޓުން ކަނޑަށް ފެންތައް ބޭރުކުރަން ފެށުމުން، އެޤައުމުން ސީފުޑު ގަތުން ސައުތު ކޮރެއާއިން މަދުކުރުމާއި ގުޅިގެންނެވެ.

މީގެއިތުރުން ޗައިނާއަށްވެސް ޖަޕާނުން ސީފުޑު އެތެރެކުރުން މަނާކޮށްފައިވާއިރު، އެޤައުމުން ސައުތު ކޮރެއާއަށް ބޭރުކުރާ ސީފުޑުގެ އަދަދުވަނީ މަދުވެފައެވެ. ސަބަބަކީ އެޤައުމުގައި އޮތް ޑިމާންޑަށް ސީފުޑު ފޯރުކޮށްދޭން ޖެހުމެވެ.

ލަފާކުރެވޭގޮތުގައި މިއަހަރުގެ ފުރަތަމަ ކުއާޓަރު ނިމެންދެން ވިއެޓުނާމުން ގިނަ އަދަދަކަށް ސީފުޑް ސައުތު ކޮރެއާއަށް އެކްސްޕޯޓުކުރާނެއެވެ.

ސައުތު ކޮރެއާއަށް އެކްސްޕޯޓުކުރާ ސީފުޑުގެ އަދަދު އިތުރުވީ ނަމަވެސް ވިއެޓްނާމުން އީޔޫގެ ޤައުމުތަކަށް އެކްސްޕޯޓުކުރާ ސީފުޑުގެ އަދަދުވަނީ ދަށަށް ގޮސްފައެވެ. ސަބަބަކީ ގަވާއިދާ ހިލާފަށް ބެލެހެއްޓުމެއް ނެތި ވިއެޓްނާމުގައި ކުރާ މަސްވެރިކަން ކޮންޓްރޯލުކުރުމަށް އެދެވޭ ފިޔަވަޅުތަކެއް އަޅާފައި ނުވުމުން އެޤައުމަށް ޔޫރަޕިއަން ކޮމިޝަނުން ޔެލޯ ކާޑު ދައްކާފައިވުމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!