މަސްވެރިކަމާއި ގުޅޭ

Minister Shiyam

ޕްލާސްޓިކުން ކަނޑުގެ ދިރުންތައް ހިމާޔަތްކުރަން އެންމެންގެ އެއްބާރުލުން ބޭނުންވޭ: ވަޒީރު

ޕްލާސްޓިކުން ކަނޑުގެ ދިރުންތައް ހިމާޔަތްކުރަން އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށް މަސްވެރިކަމާ ކަނޑުގެ ދިރުންތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ، މުނި ފައުންޑޭޝަނާއި ފުށިފަރު ގުޅިގެން އިއްޔެ ހުޅުމާލޭގައި ކުރިއަށް ގެންދިޔަ 'ޕްލާސްޓިކާ ނުލާ' އިވެންޓްުގައި ވާހަކަ ދައްކަވަމުންނެވެ.

ޝިޔާމް ވިދާޅުވީ ރާއްޖޭގެ ޖަޒީރާތަކުގައި ހުރި ހުދު ވެލިގަނޑުތަކާއި، ކަނޑުއަޑީގެ މަންޒަރުތައް ކުލަޖައްސާ މުރަކަތަކާއި، އޭގެ ދަށުގައި ފަތަން އުޅޭ ދިރުމެއް ހުރި ކަނޑުގެ ދިރުންތައް - އެއީ ހަމައެކަނި އަހަރެމެންގެ ވަށައިގެންވާ އުނިއިތުރުތަކެއް ނޫނެވެ. އެއީ އަހަރެމެންގެ ތަރިކައާއި، އަހަރެމެންގެ އައިޑެންޓިޓީއާއި ޒިންމާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

" އެއީ އަޅުގަނޑުމެންގެ މަސްވެރިކަމުގެ ދާއިރާގެ ބިންގާ، އަޅުގަނޑުމެންގެ ޤައުމުގެ ދިރިއުޅުމުގެ ރޮނގު. ނަމަވެސް އެސޮރުމެންނަށް ކުރިމަތިވަނީ ބޮޑު ނުރައްކަލެއް ކަމަށްވާ ފަސޭހަކަމުގެ ނިޝާނުގައި ފޮރުވިފައިވާ ނުރައްކަލެކެވެ: އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް" ޝިޔާމް ވިދާޅުވިއެވެ.

މި ޕްލާސްޓިކްތަކުގެ ސަބަބުން ކަނޑުތަކަށް ކުރާ ނޭދެވޭ އަސަރު އެންމެންނަށްވެސް ފެނިފައިވާނެ ކަމަށާއި، ކަނޑުގެ ހުރިހާ ހިސާބެއްގައިވެސް ޕްލާސްޓިކް ހުންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ޕްލާސްޓިކުން ކަނޑުގެ ދިރުންތައް މަރާލައި، ފެން ތަޣައްޔަރުވެ، ގޮނޑުދޮށްތަކާއި ލެގޫންތަކުގެ ރީތިކަން ހަލާކުކޮށްލާ ކަމަށެވެ، އަދި މަސްމަހާމެއްސާއި ވެލާ ކަހަނަބު އަދި ކަނޑުގެ އެހެން ދިރުންތައް ޕްލާސްޓިކް ކުނިތަކުގެ ތެރޭގައި ތާށިވެ، އެސޮރުމެންނަށް އެތަކެތި ކެވޭކަމަށްވެސް ޝިޔާމް ފާހަގަ ކުރެއްވިއެވެ.

"ޕްލާސްޓިކް ކުނީގެ ސަބަބުން އަޅުގަނޑުމެންގެ ތިމާވެށްޓަށް ކުރާ އަސަރުތައް ކުޑަކުރުމަށް އަޅުގަނޑުމެންގެ ދައުރު އަދާކުރަމުން މިދަނީ. ސަރުކާރުން އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް މަނާކޮށްފައިވާއިރު، ރީސައިކަލް ކުރުން ޕްރޮމޯޓްކުރުމަށާއި، އަޅުގަނޑުމެންގެ ތިމާވެށްޓަށް ޕްލާސްޓިކްގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކަށް ހޭލުންތެރިކުރުވުމަށް ކެމްޕޭންތައް ފަށާފައިވޭ. ނަމަވެސް މި މަސައްކަތްތައް ނުފުދޭ. އަޅުގަނޑުމެންނަށް ބޭނުންވަނީ ރިސޯޓްތަކާއި ހޮޓަލްތައް ހިމެނޭ ގޮތަށް އަޅުގަނޑުމެންގެ ވިޔަފާރިތަކުގެ އެއްބާރުލުން، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެއްބާރުލުން" ޝިޔާމް ވިދާޅުވިއެވެ.

އެންމެން އެކުގައި ނުކުމެ، ޕްލާސްޓިކް ތަޣައްޔަރުވުމާ ދެކޮޅަށް ދަތުރު އަނބުރާލެވޭނެ ކަމަށާއި، އެކުގައި މި ގޮންޖެހުމާ ދެކޮޅަށް ހަނގުރާމަ ކުރުމުގެ ބާރު އެބައޮތް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އެގޮތުން، އެންމެން އެކުގައި ޕްލާސްޓިކް ބޭނުންކުރުން މަދުކޮށް، ދެމެހެއްޓެނިވި ބަދަލުތައް ކުރިއެރުވޭނެކަން ފާހަގަ ކުރައްވައި ޝިޔާމް ވިދާޅުވީ، އެންމެން އެކުގައި ސާފު، ދުޅަހެޔޮ، އަދި ދިރުމެއް ހުރި ކަނޑަކަށް ދިއުމަށް ކޯހެއް ރާވައިލެވޭނެ ކަމަށެވެ. އެއީ އެންމެންގެ ތެރެއިން ކޮންމެ މީހަކުން ފެށިގެން - ހޭލުންތެރިކަމާއެކު އިޚްތިޔާރު ކުރުމާއި، ބަދަލަށް ވަކާލާތުކުރުމާއި، ނަމޫނާ ދައްކައިގެން ލީޑް ކުރުމުން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އޭގެ އިތުރުން ޝިޔާމް ވިދާޅުވީ، އަަހަރެމެންގެ ދަރިންނާއި އެމީހުންގެ މުސްތަޤްބަލަށްޓަކައި، އަހަރެމެންގެ ދުވަހުގެ ދިރިއުޅުމަށް ގެންން އެފަދަ ކުދިކުދި ބަދަލުތަކުގެ ސަބަބުން ދިރިއުޅޭ މާހައުލަށް ބޮޑު ތަފާތެއް އަންނާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!