މަސްވެރިކަމާއި ގުޅޭ

ގދ. މަޑަވެލީގައި ގާއިމު ކޮށްފައިވާ އިސްލާމިކް ބޭންކްގެ އޭޓީއެމް -- ފޮޓޯ/ މަޑަވެލި ކައުންސިލް
ގދ. މަޑަވެލީގައި ގާއިމު ކޮށްފައިވާ އިސްލާމިކް ބޭންކްގެ އޭޓީއެމް -- ފޮޓޯ/ މަޑަވެލި ކައުންސިލް

މޯލްޑިވްސް އިސްލާމިކް ބޭންކް އޭޓީއެމާއެކު މަޑަވެލީ މަސްވެރިން އުފަލުން ފޮޅިފައި

ގދ. މަޑަވެލީ ކައުންސިލާއި އިސްލާމިކް ބޭންކް ގުޅިގެން މަޑަވެލީގައި ގާއިމްކުރި އިސްލާމިކް ބޭންކް ސެލްފް ސާރވިސް އޭޓީއެމްގެ ޚިދުމަތް މިއަދު ފެށުމާއެކު، އެރަށު މަސްވެރިން އުފަލުން ހެއްވާލައިފިއެވެ.
މަސްވެރިކަމަށް މަޝަހޫރު މަޑަވެލީ ކަމަނަ ދޯނީގެ ކެޔޮޅު މުހައްމަދުޝަފީޤް "މަސްވެރިން އޮންލައިން" އާ ވާހަކަ ދައްކަމުން ބުނީ، މިއީ ވަރަށް ދިގު އިންތިޒާރެއްގެ ނިމުން ކަމަށެވެ. އަދި މަސްވެރިން ނުހަނު އެދިއެދި ތިބި ކަމެއް ކަމަށެވެ.
މީގެ ކުރީގައި ނަމަ500 ރުފިޔާ ނަގަން ވިޔަސް،700 ރުފިޔާ ދީގެން ކައިރި ރަށަކަށް ދާންޖެހޭކަން ފާހަގަ ކުރަމުން ޝަފީޤް ބުނީ، އޭޓީއެމްއެއް ބެހެއްޓުމަކީ މަޑަވެއްޔަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
"އަހަރެމެން މިހާރު މުޅިންވެސް ބޭނުން ކުރަނީ އިސްލާމިކް ބޭންކް. އަހަރެމެންގެ އޮޑީގެ ވަރަށް ގިނަ ކުދިންގެވެސް އިސްލާމިކް ބޭންކް އެކައުންޓް ހުރޭ. އިސްލާމިކް ބޭންކްގެ އެކައުންޓްތަކަށް ފައިސާ (މުސާރަ) ފޮނުވަނީ" ޝަފީޤް ބުންޏެވެ.
ޖުމުލަ37 މީހުން މަސައްކަތް ކުރާ ކަމަނަ ދޯނީގެ20 ވަރަކަށް މަސްވެރިން އިސްލާމިކް ބޭންކް އެކައުންޓް ބޭނުން ކުރާކަމަށް ޝަފީޤް ބުންޏެވެ. އަދި ހުރިހާ ފަޅުވެރިންވެސް އިސްލާމިކް ބޭންކް އެކައުންޓެއް ހުޅުވުމަށް އެދިފައި ވާނެ ކަމަށް ޝަފީޤް ބުންޏެވެ. އިސްލާމިކް ބޭންކް އޭޓީއެއްމެއް ރަށުގައި ބެހެއްޓުމަކީ ރަށަށް ލިބުނު ކުރިއެރުމެއް ކަމަށް ޝަފީޤް ފާހަގަ ކުރެއެވެ.
މަޑަވެލީ ކައުންސިލްގެ ރައީސް ފިޔާޒް ހުސައިން "މަސްވެރި އޮންލައިން" އަށް ވިދާޅުވީ، އެރަށު މަސްވެރިންގެ70 އިންސައްތަ މީހުން މިހާރު އެމްއައިބީއިން ހިދުމަތް ހިދުމަތް ހޯދަމުންދާ ކަމަށެވެ.
ފިޔާޒް ވިދާޅުވި ގޮތުގައި، އެރަށުގައި އެމްއައިބީ އޭޓީއެމްއެއް ހުޅުވިފައި މި ވަނީ ކައުންސިލާއި އިސްލާމިކް ބޭންކް ގުޅިގެން ކުރި މަސައްކަތުންނެވެ.
"އަޅުގަނޑުމެން ކައުންސިލުން މާލެ ކުރި ދަތުރެއްގަ، އަޅުގަނޑުމެން އެމްއައިބީއަށް ރިކުއެސްޓް ކުރީ، މަޑަވެލީ މަސްވެރިން މިގޮތަށް ރިކުއެސްޓް ކުރާ ވާހަކަ" އޭޓީއެމްގެ މަސައްކަތް ފެށުނު ގޮތް ހިއްސާ ކުރަމުން ފިޔާޒް ވިދާޅުވިއެވެ.
އެންމެ ޒަމާނީ އާލާތްތަކާއެކު ދުއްވަމުންދާ ނުވަ މަސް ދޯނި މަޑަވެލީގައި އޮވެއެވެ. އެހެންކަމުން، އާއްމުކޮށް އެވްރެޖްކޮށް އެންމެ ދަށްކޮށް އާމްދަނީ ލިބޭ ދުވަސްވަރުވެސް މަޑަވެއްޔަށް މަހަކު25 މިލިއަނާ ގާތްކުރާ އަދަދަކަށް ރުފިޔާ ލިބޭނެ ކަމަށް ފިޔާޒް ވިދާޅުވިއެވެ.
މަޑަވެލީގެ ކުރީގެ މަސްވެރިންނާއި މަޑަވެލީ ސްކޫލް އަދި ކައުންސިލް ގުޅިގެން ކުރާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، މަޑަވެލީގައި ސްކޫލު ނިމޭ ކުދިންވެސް މަސްވެރިކަމަށް ނުކުމެއެވެ. އެހެންކަމަށް ވުމާއެކު ރަށުގެ ބޮޑު އާބާދީއެއް މަސްވެރިކަމުގައި ހިއްސާވެއެވެ.
އެހެންކަމުން، އެރަށުގައި އިސްލާމިބް ބޭންކް އޭޓީއެމްއެއް ބެހެއްޓުމަކީ އެރަށު މަސްވެރިންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް ފިޔާޒަ ވިދާޅުވިއެވެ.
ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!