މަސްވެރިކަމާއި ގުޅޭ

ice-plant-pvoo6pelsm7tk068sialihd2ypycfehm01wnonktxk

އިތުރު 11 ރަށެއްގައި އައިސްޕްލާންޓު ގާއިމްކުރަނީ

މަސް ދޯނިފަހަރަށް އައިސް ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އިތުރު 11 ރަށެއްގައި އައިސް ޕްލާންޓު ގާއިމްކުރުމުގެ މަޝްރޫއެއް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ނިމި ޢަމަލީ މަސައްކަތްތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއި ވިދާޅުވީ މި މަޝްރޫއުގެ ދަށުން ހއ.ދިއްދޫ، ހދ.ކުޅުދުއްފުށި، ށ.ފުނަދޫ، ށ.ކޮމަންޑޫ، ޅ.ނައިފަރު، އއ.ރަސްދޫ، މ.ވޭވަށް، ދ.ބަނޑިދޫ، ދ.މީދޫ، ހއ.އިހަވަންދޫ އަދި ގދ.ރަތަފަންދޫގައި އައިސް ޕްލާންޓު ގާއިމްކުރުމަށް ވަނީ ހަމަޖެހިފައިވާ ކަމަށެވެ. މީގެތެރެއިން 5 އައިސް ޕްލާންޓަކަށް ފަންޑު ހަަމަޖެހިފައިވަނީ ސައުދީ ފަންޑު ފޮރ ޑިވެލޮޕްމަންޓުންނެވެ.
އަދި ބާކީ 6 ޕްލާންޓް ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ ޚަރަދުގައެވެ. މި ދެންނެވި 11 ރަށުގެ އައިސް ޕްލާންޓް ޤާއިމުކުރުމުގެ މަޝްރޫޢުގެ މަސައްކަތް ޙަވާލުކުރުމަށް ނިންމާފައިވަނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލޓޑ (މިފްކޯ) އާ އެވެ.
މިފްކޯއަކީ ސަރުކާރުން މީގެ ކުރިންވެސް ހިންގާފައިވާ އައިސް ޕްލާންޓު ގާއިމްކުރުމުގެ ޕްރޮޖެކްޓުތައް ކާމިޔާބުކަމާއެކީގައި ނިންމާފައިވާ ކުންފުންޏަކަށްވާތީ، މި މަޝްރޫއުތައް ކާމިޔާބުކަމާއެކީގައި ނިންމާލުމަށް ކުރަންޖެހޭ ކަންކަން އެ ކުންފުންޏާ ގުޅިގެން ބާރު ސްޕީޑެއްގައި ކުރިއަށް ގެންދެވޭނޭ ކަމުގެ ޔަގީންކަން އެބައޮތްކަމަށް ވުޒާރާއިން ވިދާޅުވެއެވެ.
ސަރުކާރުން މުޅިން އަލަށް 11 އައިސް ޕްލާންޓެއް ގާއިމްކުރުމުގެ މަސައްކަތް ފަށާއިރު، މިހާރު ގާއިމްކުރެވިފައިވާ ބައެއް އައިސް ޕްލާންޓުތަކުން ޚިދުމަތް ދިނުމުގައި ދިމާވެފައިވާ މައްސަލަތައް ދެނެގަނެ، އެކަންކަމަށް އަވަސް ހައްލެއް ހޯދުމުގެ މަސައްކަތްތައްވެސް މިނިސްޓްރީއާއި މިފްކޯ ގުޅިގެން ދަނީ ކުރެވެމުންނެވެ.
މީގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ ބެލުމުގެ ދަށުން އޮަޕަރޭޓް ކުރަމުންދާ އައިސްޕްލާންޓްތައް މިފްކޯއާއި ހަވާލުކުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ. ސަރުކާރުން މިހާތަނަށް 25 ރަށެއްގައި އައިސް ޕްލާންޓުތައް ގާއިމްކޮށްފައިވާއިރު، އިތުރު 11 އައިސް ޕްލާންޓެއް އައުމަކީ މަސްވެރިންނަށް އަމާޒުކޮށްގެން ގާއިމްކުރެވިފައިވާ އައިސް ޕްލާންޓުތަކުގެ ނެޓުވޯކުގެ ކެޕޭސިޓީ ވަރަށް ބޮޑުތަނުން އިތުރުވެގެން ދާނޭކަމެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!