މަސްވެރިކަމާއި ގުޅޭ

stone

އެންމެ ވިހަގަދަ, ގާވިހަމަސް!

ދުނިޔޭގެ އެންމެ ވިހަ ގަދަ މަހުގެ ގޮތުގައި ބެލެވެނީ ގާވިހަ މަހެވެ. ގާވިހަ މަހުގެ ފަސް ބާވަތެއް އިންޑިއާ ކަނޑުން ފެންނައިރު، އެކި ބާވަތުގެ ގާވިހަމަހުގެ ސައިޒު ތަފާތެވެ.

އާއްމުގޮތެއްގައި ގާވިހަމަސް 14 އައި 20 އިންޗާއި ދެމެދުގެ އަދަދަކަށް ބޮޑުވެއެވެ. ގާވިހަ މަހަކީ އޭތީގެ މާހައުލާއި ގައިގެ ކުލަ އެއްގޮތް ކުރުމުގެ ގާބިލްކަން ލިބިފައިވާ މަހެކެވެ. މިއާއެކު އެހެން މަސްތައް ޝިކާރަ ކުރުމުގައި ފަސޭހަވެގެންދެއެވެ. އެހެން މަސްތަކާއި ހިލާފަށް ގާވިހަ މަހަކީ ފެނާއި ނުލާވެސް އުޅެވޭ އެއްޗެކެވެ. އެގޮތުން 24 ގަޑިއިރުގެ މުއްދަތަކަށް މިމަހަށް ފެނާއި ނުލައި ދިރިއުޅެވެއެވެ.

ގާވިހަ މަހަކީ އޭގެ އަމިއްލަ ޒާތުހައި އައިސް މީހުންނަށް ހަމަލާދޭ މަހެއް ނޫނެވެ. މިއީ ވަރަށް ބަރުހެލި މަހެކެވެ. ގިނައިން އޮންނާނީ ގާތަކާއެކީ ގުޑިވެސް ނުލައެވެ.

ގާވިހަ މަހުގެ ކަށި މީހުންގެ ގަޔަށް ހެރެނީ އެއީ ކޮންއެއްޗެއްކަން ނޭންގި އޭގެ މައްޗަށް ފައިން އެރިގެންނެވެ. ނުވަތަ އޭގައި އަތް ލެވިގެންނެވެ. ގާވިހަ މަސް މޫދުގައި އޮންނަ އިރު އޮންނަނީ ގަލެއްގެ ސިފައިގައެވެ. މޫދަށް އެރޭ މީހުންނާއި ޑައިވް ކުރާ މީހުންނަށް ގާވިހަ މަހެއް ހޯދުމަކީ ފަސޭހަކަމެއް ނޫނެވެ.

މުރަކަތަަކާއި އެކު އެއްވެސް ވަރަކަށް ގުޑިނުލާ ގިނަ ވަގުތު ހޭދަކުރުމަކީ މިމަހަށް އުނދަގޫކަމެއް ނޫނެވެ. ބަލާ މީހަކަށް ގާވިހަ މަހަކީ މުރަކައެއް ކަމަށް ހީވާނެއެވެ. ބައެއް ގާވިހަމަހުގެ ގައިގައި މޫދު ވިނަވެސް ފަޅާފައި ހުރެއެވެ.

ގާވިހަމަހުގެ މަތީގައި 13 ތޫނު ކަށި ހުރެއެވެ. މިއީ ވިހަ ގަދަ ކަށިތަކެކެވެ. މި ކަށިތަކުން ވިހަ ބޭރުވަނީ އެއަށް އެ ކަށި އިންސާނާގެ ހަށިގަނޑަށް ކޮއްޕުމުންނެވެ. މިސާލަކަށް މިމަހުގެ މައްޗަށް މީހަކަށް އެެރިއްޖެ ނަމަ ވިހަ ބޭރުވާނެއެވެ. މަހަށް ނުހައްކަލެއް ކުރިމަތިވާކަމަށް އިޙްސާސްވުމާއިއެކު ގާވިހަމަސް މި ކަށިތައް ތެދުކޮށްލައެވެ.

ގާވިހަމަހުގެ ތެރެއިން އެންމެ ވިހަ ގަދަ ތިން ވައްތަރަކީ، ފޯލްސް ސްޓޯން ފިޝް އަދި ލީފް ސްޓޯލް ފިޝް އެވެ. މަސް ދިއިއުޅޭ މާހައުލަކާއި މަހުގެ ގައިގެ ކުލަ އެއްގޮތް ކޮށްލުމުގައިވެސް މިމަސްތައް ވަރަށް މޮޅެވެ.

ގާވިހަމަހެއްގެ ކަށި އެރުމުން ކަށިހެރުނުތަން ދުޅަވެ މުޅި ގަޔަށް ވިހަތައް ފޮނުވާލައެވެ. މިއާއެކު މުޅި މީހާ ދުޅަވެ، ކަށި ހެރުނު ހިސާބުގައި އޮކްސިޖަން މަދުވެއެވެ. އަދި އެހިސާބުގެ ހަންގަނޑުގެ ކުލަ ބަދަލުވެ، ކަށި ޖެހި ތަނަށް އިންތިހާއަށް ދަތުވުމާއި އެކު، ލޭ އާދެއެވެ. އަދި ނޭވާލަން އުދަނގޫވެ، ހޮޑުލެވެން ފަށައެވެ. އަދި ކަށިޖެހުމުން ނަގާ ދިލައިގެ ވޭން ބޮޑުކަމުން މީހާގެ މުޅި ގައި އައްސިވެ ބައެއް ފަހަރު ހަމަބުއްދި ފިލާވެސް ދެއެވެ. މިގޮތަށް ދިމާވި ބައެއް މީހުންގެ ހިތް ހުއްޓި ފުރާނައަށްވެސް ނުރައްކާވެފައި އެބަހުއްޓެވެ. އެހެންކަމުން ގާވިހަމަހެއްގެ ކަށި ހެރިއްޖެނަމަ ސިއްޙީ އަވަސް ފަރުވާ ހޯދުން ވަރަށް މުހިންމެވެ.

ރާއްޖެއިން ފެންނަ ގާވިހަމަސް އާއްމުކޮށް ހުންނަނީ  ޗޮކްލެޓް ކުލައާއި، އަޅި ކުލައިގައެވެ. އަދި ގައިގައި ކޮންމެވެސް ވަރަކަށް ރީނދޫ ކުލައާއި ރަތްކުލަ ހުރެއެވެ. ރާއްޖެއިން އެންމެ ބޮޑެތި ކަމަށް ފެންނަ ގާވިހަ މަހުގެ ބޮޑު މިނުގައި އާއްމުކޮށް 20 އިންޗި ހުރެއެވެ.

ގާވިހަ މަހުގެ ކަށި ހެރުމުން ވަގުތުން އޭގެ އަސަރު ކުރަން ފަށައެވެ. މީގެސަބަބުން ދިލަ ނެގުން ކޮންޓްރޯލް ކުރުމަށް ރާއްޖޭގެ ބައެއް ހިސާބުތަކުގައި ތަފާތު ކަންތައް ކުރެއެވެ. މިގޮތުން ކަށި ހެރުނު ގާވިހަމަސް ނަގައި އެމަހުގެ ބަނޑުފަޅައިގެން އޭގެ "ކިސްމޭ" ކަށި އެރުނު ތަނުގައި ހާކައެވެ. މީގެސަބަބުން ދިލަ ކޮންމެސް ވަރަކަށް ކޮންޓްރޯލްވާކަމަސް ވެއެވެ. ނަމަވެސް އެންމެ ބުއްދިވެރިގޮތަކީ ސިއްޚީ މާހިރުންގެ އެހީތެރިކަން ހޯދުމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!