މަސްވެރިކަމާއި ގުޅޭ

DSC05845

މަސްވެރިންނަށް ނުލިބިވާ 27 މިލިއަން ރުފިޔާ، މިފްކޯއިން ވަރަށް އަވަހަށް ދޫކުރަން ފަށާނެ: ވަޒީރު

މަސްވެރިންނަށް ނުލިބިވާ 27 މިލިއަން ރުފިޔާ މިފްކޯއިން ވަރަށް އަވަހަށް ދޫކުރާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ 'އަހާ' ފޯރަމުގައި އާއްމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މަސްވެރިންނަށް ނުލިބިވާ ފައިސާ ދޫކުރާނީ ކޮންއިރަކުންތޯ ވަރަށް ގިނަ މަސްވެރިން ސުވާލުކުރާ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުު، 17 ނޮވެމަބަރުގައި ވެރިކަމާ ހަވާލުވި އިރު، މަސްވެރިންނަށ ނުދީ 250 މިލިއަނަށްވުރެ ބޮޑު އަދަދެއްގެ ފައިސާ އޮތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެއީ ރައީސް އިންތިހާބުގައި 16 ސެޕްޓެމްބަރުގަައި މަހުގެ އަގު17 ރުފިޔާއިން 20 ރުފިޔާއަށް ބޮޑު ކުރުމުންއޭގެ ފަހުން އެކިއުމުލޭޓް ވެފައި އޮތް އަދަދު ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން އެހާ ބޮޑު އަދަދެއް ކުއްލިއަކަށް ދައްކަންވުމުން ސަރުކާރަށް އުނދަގޫތަކެއް ކުރިމަތިވި ކަމަށާއި ނަމަވެސް ރައީސް ބޭނުންފުޅުވީ ރޯދަމަހުގެ ކުރިން އެ ފައިސާތައް މަސްވެރި އާއިލާތަކަށް ދޭން ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން ރޯދައިގެ ކުރިން، އޭރު ހުރި ބެކްލޮގް އެއްކޮށް ކްލިއަރ ކުރީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން މިހާތަނަށް ސަރުކާރުން 850 މިލިއަން ރުފިޔާ މަސްވެރިންނަށް ދެއްކިއްޖެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް މަހަކީ ކޮންމެ ދުވަހަކު ބާނާ އެއްޗަކަށް ވުމުން، ވަގުތުން ފައިސާ ނުދެވޭނަމަ ބެކްލޮގް އޮންނާނެކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ މިހާރު ނުދެވި ވަނީ 27 މިލިއަން ރުފިޔާ ކަމަށެވެ. އަދި މި މަސް ނިމުމުން އެ ފައިސާ ދިނުމަށް މިފްކޯއިން މަސައްކަތް ކުރާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!