މަސްވެރިކަމާއި ގުޅޭ

16062012227

މިފްކޯގެ ވަސީލަތްތައް ތަރައްގީކުރުމުގެ މަސައްކަތް ފަށައިގަނެވިއްޖެ - ފައުޒީ

މިފްކޯގެ އެތެރޭގައިހުރި ކަންކަން ރަގަޅުކުރުމަށާއި، ވަސީލަތްތައް ތަރައްގީކުރުމުގެ ވަރަށް ރަގަޅު ތަސައްވުރަކާއިއެކު މަސައްކަތް ފަށައިގަނެވިއްޖެކަމަށް މިފްކޯގެ މެނޭޖިންގ ޑައިރެކްޓަރ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ "ސަރުކާރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފައުޒީ ވިދާޅުވީ، މި ސަރުކާރުއައީ މަސްވެރިންނަށް މިފްކޯތެރޭގައިހުރި ކަންކަން ރަގަޅުކުރުމުގެ ވަރަށް ވަރުގަދަ ތަސައްވަރަކައިގެން ކަމަށާއި، މިހާރު ކުރެވެމުުންދަނީ އެ މަސައްކަތްކަމަށެވެ. އޭގެ ތެރޭގައި މަސްވެރިންނަށް ރަގަޅު އަގުދިނުމާއި، މިފްކޯގެ ވަސީލަތް ތަރައްގީކުރުން ހިމެނޭކަމަށް ވިދާޅުވިއެވެ. ފައުޒީ ވިދާޅުވީ މީގެ 24 އަހަރުކުރިން ތަރައްޤީކުރި ކޫއްޑޫގައި މަސް ރައްކާކުރުމަށް ހުރި ސްޓޯރޭޖްގެ ޖާގައަކީ 2000 ޓަނުކަމަށެވެ. އަދި 'ބްރައިން ފްރީޒިންގ' ކެޕޭސިޓީއަކީ 216 ޓަނުކަމަށެވެ. މިފްކޯގެ ހުރިހާ ބޯޓްފަހަރުގެ ޖާގައާ އެކު މިފްކޯއަށް މިވަގުތު ދުވާލަކަށް ނެގޭނީ 524 ޓަނުމަސްކަމަށް ފައުޒީ ވިދާޅުވިއެވެ. އެހެންނަމަވެސް ފެލިވަރުގައި މަސް ގަނޑުކޮށްގެން ގެންގުޅެވޭނެ ޖާގައެއް ނެތްކަމަށް ފައުޒީ ވިދާޅުވިއެވެ.

ކޫއްޑޫއާއި ފެލިވަރު ތަރައްގީކުރުމަށް ސައުދީ ފަންޑާއި އަދި އިންޑިއާގެ އެގްޒިމް ބޭންކުން ފަންޑުގެ އެހީގައި މަސައްކަތް ފަށާފައިވާކަމަށް ފައުޒީ ވިދާޅުވިއެވެ.

"ސައުދީ ފަންޑާއި އިންޑިއާގެ އެގްޒިމް ބޭންކުގެ ފެސިލިޓީސްގެ ތެރެއިން އަޅުގަނޑުމެން މިކުރާކަމަކީ މިފްކޯގެ މިހާރުހުރި ސްޓޯރޭޖް ކެޕޭސިޓީ ގާތްގަނޑަކަށް 11500 ޓަނާ ހަމައަށް މިގެންނަނީ. ފްރީޒިން ކެޕޭސިޓީ ކޫއްޑޫގައި ހުރިކަމުގައި ވިޔަސް، ފެލިވަރުގައި ކެޕޭސިޓީ ނެތީމަ، ޚާއްސަކޮށް މިދިޔަ މަސްވެރިކަމުގައި މަސްވެރިންނަށް ވަރަށް ދަތިތަކެއް ދިމާވި." ފައުޒީ ވިދާޅުވިއެވެ

ޒަމާނުއްސުރެ ދިވެހިން ކުރަމުން އަންނަ މަސްވެރިކަން ތަރައްގީކުރުމަށް އެދެވިގެންވާ މަސައްކަތްތަކެއް ނުކުރެވި، ދުވަހެއް ދުވަހަކަށް މަސްވެރިކަމާއި މަސްވެރިންގެ ހާލަތު ދަށަށްދާކަމަށް މިއަދު ގިނަ މަސްވެރިންދަނީ އަޑުއުފުލަމުންނެވެ. މަސްވެރިކަން ރަގަޅު ދުވަސްވަރު މަސްކިރުމުގެ ދަތިކަމާއި، އައިސް ނުލިބުމާއި، ބިލްތަކަށް ވަގުތުން ފައިސާ ނުލިބުމުގެ ޝަކުވާ މަސްވެރިން ކުރަމުން އަންނަތާ އެތައް ދުވަހެއް ވެއްޖެއެވެ. މަސްވެރިން އަބަދުވެސް ތިބެނީ ކަންކަން ރަގަޅުވާނެ ދުވަހެއްގެ އިންތިޒާރުގައެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!