މަސްވެރިކަމާއި ގުޅޭ

މަސް އައިން "ކެއްވުން"

މަސްއައިނެއް ފެނުމުން ހުށިޔާރުކަމައިއެކު ތައްޔާރުވަނީ އެންކެޔޮޅެވެ. ދޯނިކައިރީގައި މަސްއައިނު މައިތިރިކޮށް ގެންގުޅުމަކީ ހުނަރު ބޭނުންވާ ކަމެކެވެ. މަސްއައިނުގެ ހަރަކާތާއި، އޮއިވަރާއި، ދޯނި ދަތުރު ކުރަމުންދާ މިސްރާބާއި، ބާރުމިން ވަޒަންކޮށް އެހާލަތަށް ރިއާޔަތްކޮށް އެންކެޔޮޅުގެ މަސައްކަތް ތަރުތީބުކޮށް ހަރަކާތްތެރިވާން ޖެހެއެވެ.

މަސްއައިނު ކެއްވުމަކީ އެންމެ ފުރަތަމަ މަރުހަލާއެވެ. ދޯނި މަސްއައިނާ ކައިރިވުމުން އެންކެޔޮޅު ހުންނާނީ އެންވަށި ނަގައިގެން ތައްޔާރަށެވެ. ދޯނީގެ ކެޔޮޅުގެ އެންގުމަށް ވަރަށް ހުށިޔާރުވެގެންނެވެ. މަސްއައިނުގެ ތެރެއިން ދޯނި ދުއްވަމުންދާ ވަގުތު ކެޔޮޅުގެ އަޑަށް އިންތިޒާރުކޮށްގެން ހުރިހާ ފަޅުވެރިންވެސް ތިބޭނެއެވެ. އާންމުކޮށް މަސްއައިނާ ކައިރިކުރާ ވަގުތު ދޯނި ދުއްވަމުންދާ އެންމެ ބާރު މިނުން ދުވެލި ދަށްކޮށްލައެވެ. މަސްއައިނަށް އެންއުކާ، މަސްތައް އެންކާން ފެއްޓުމާހަމައަށް ދޯނީގެ ދުވެލި ހުންނަނީ އާދައިގެ މިންވަރަކަށެވެ. ދޯނި ދުއްވަމުންދާ ވަގުތު، ދޯނީގެ ދެފަރާތުން އުފެދޭ ރާޅުފޮނުތައް އާންމުކޮށް ދޯންޏާއި ވިއްސަކަށް ފޫޓަށްވުރެ ދުރަށް ފެތުރިފައިހުރެއެވެ.

އެންއުކަން ގޮވާލުމާއިއެކު، ވަރަށް ހަލުވިކޮށް އެންކެޔޮޅު ހަރަކާތްތެރިވެލާނެއެވެ. ނިކަން އަވަހަށް ކުޑައެންކޮޅެއް ނަގައެވެ. މަސްއައިނު ކެވުމަށް އެން ނަގާއިރު، ވީހާވެސް މަދުން އެން ނެގުމަކީ މުހިއްމު ކަމެކެވެ. ނަގާ އެމުގެ އަދަދުން ގުނާނަމަ، ގާތްގަނޑަކަށް 10-15 ވަރަކަށް އެމެވެ. އެއީ ކެވުމަށް އުކާ އެން ވަރަށް ތާޒާކަމާއިއެކު އަޑިއަށް ދުއްވައިގަންނަން ޖެހޭތީއެވެ. ގިނައިން އެން ނަގައިފިއްޔާ، ފަހުން އެއްލާ އެންތަތަކަށް އަޑިއަށްދިއުމުގެ ފުރުސަތުކުޑަވާނެއެވެ.

މަސް އައިނު ކެވުމުގައި އެންވަށިން މަދު އެންކޮޅެއްނަގާ ވަރަށް ހަލުވިކޮށް ދޯންޏާއި ވީހާވެސް ދުރަށް އެއްލާނެއެވެ. އެންކެޔޮޅަށް ފަސޭހަ މިންވަރަކަށް އެންއުކާލެވިދާނެއެވެ.  މަސްއައިނު ކެވުމަށް މާ ބައިވަރު އެން އުކުމުގެ ބަދަލުގައި އަވަސް އަވަހަށް ވީހާވެސް ބޮޑު ސަރަހައްދަކަށް އެންއުކާލެވޭތޯ ބަލާނެއެވެ. އެންމެ އިސްކަމެއް ދޭންޖެހެނީ ދޯނި ކައިރީގައި އުފެދިފައިހުންނަ ރާޅުފޮނުތަކަށްވުރެ ދުރަށް ދޯންޏާއި ވީހާވެސް ފެޔަށް އެން އުކޭތޯއެވެ. މިގޮތަށް އެންއުކުމުން، މަސްތަކަށް އެން ފެންނަލެއް އަވަސްވެއެވެ. މިގޮތަށް އެންއުކަމުން ދާވަގުތު ހުރިހާ ފަޅުވެރިންވެސް ތިބޭނީ މަސްތަކުގެ ހަރަކާތްތެއް ފެނޭތޯ ބަލަބަލާއެވެ. މަސްތައް އެންކާތަން ފެނުމުން، "ކައި ކައި" ގޮވަން ފަށައެވެ. އެހާ ހިސާބުން އެންކެޔޮޅު ވަރަށް އަވަހަށް ތާޒާ އެންވައްޓެއް ނަގާ ދޯނިކައިރިއަށް އަޅާލައެވެ. މަސްތައް އެންކާން ފެއްޓުމުން އެންއުކާ މިންވަރު ގިނަކޮށްލައެވެ. ބުޅީގައި މަސްހިފާ ހިސާބަށް ކައިރިވުމުން އެންއުކުމުގެ ވަށްޓަފާޅިއާއި، މިންގަނޑާއި ގޮތްތައް ބަދަލުކޮށްލައެވެ.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!