މަސްވެރިކަމާއި ގުޅޭ

މަސްދޯނިފަހަރުގައި ކެއުންބުއިމަށް އައި ބަދަލު

އިހުޒަމާނުގައި ކާބަފައިން މަހަށްދިޔަ ރިޔާނެގި ދޯނިފަހަރުގައި ކެއްކޭނެ ގޮތެއް ނުހުރެއެވެ. ހުރިހާ ފަޅުވެރިންވެސް މަހަށްދާން ދޯންޏަށް އަރަނީ އެއިރެއްގައި ލިބެންހުރި ކާއެއްޗެއް ހިފައިގެންނެވެ.

މިހާރުގެ މަސްދޯނިފަހަރަކީ ބޮޑެތި ދޯނިފަހަރެވެ. ދޯނިތަކުގެ ކުރީކޮޅުގައި ހުންނަ ގެ އަކީ ތަފާތު ޑިޒައިންތަކަށް ހަދާފައި ހުންނަ ގެތަކެވެ. ކެއްކުމަށް ޚާއްސަ ބަދިގެއެއް ހުރެއެވެ. ކެއްކުމަށް ބޭނުންވާ ސާމާނު ރައްކާކުރަން ވަކި ގުދަނެއް ހުރެއެވެ. ބައެއް ދޯނިތަކުގައި ފަޅުވެރިން ކެއުމަށް ޚާއްސަ ތަނެއް (ކާގެ) ހުރެއެވެ. ފަޅުވެރިންނަށް ކެއްކުމަށް ޚާއްސަ ކައްކާއަކާއި އޭނާގެ އެހީތެރިން ތިބެއެވެ.

މަސްދޯންޏެެއްގައި ހެނދުނުގެ ސައި ތައްޔަރުކޮށްފަ

މިހާރުގެ ބޮޑެތި ދޯނިފަހަރުތަކުގައި ޚާއްސަ ގަޑިތަކަށް ކެއްކުމަކީ ވަރަށް އިސްކަމެއްދޭކަމެކެވެ. ވަކި ގަޑިތަކުގައި ތައްޔާރުކުރެވޭ ކެއުންތަކުގެ އިތުރަށް، ކެއުންބުއިމުގެ ބައެއް ޚިދުމަތްތައް 24 ގަޑިއިރު ލިބެންހުރެއެވެ.

ކައްކާގެ މަސައްކަތް ވަރަށް ފަތިހާ ފައްޓާނެއެވެ. ހެނދު 0630-0800 އަކީ ހެނދުނުގެ ސައިބޯ ގަޑިއެވެ. ހަފްތާގެ 6 ދުވަހުގެ މެނޫ ތަފާތުވެއެވެ. "ކޮންޓިނެންޓަލް ބްރެކްފާސްޓް"، ޑިސްކް މަސްހުނި ނުވަތަ ރޮއްޓާއިއެކު ކޮންމެވެސް ބާވަތެއްގެ ރިހައެއް ހުރެއެވެ. 1200-1330 އަކީ މެންދުރުގެ ކެއުމުގެ ގަޑިއެވެ. އާންމުކޮށް ކައްކަނީ ތާޒާމަހުގެ ގަރުދިޔައާއި ބަތެވެ. 1900-2000 އަކީ ރޭގަނޑުގެ ކެއުމަށް ޚާއްސަ ވަގުތެވެ. މައިގަނޑުކޮށް މަސްބަތާއި، ނޫޑްލްސް އަދި ބަތާއި ރިހ،ަ މެނޫގައި ހިމަނާފައިހުރެއެވެ. ކޮންމެ އިރެއްގައިވެސް ލިނބޯ، ފިޔާ އަދި މިރުސް ލިބެން ހުންނާނެއެވެ. ޚާއްސަ ކެއުންތަކުގައި ނުވަތަ ރޭގަނޑުގެ ގިނަ ކެއުންތަކުގައި ޕާޕަރުވެސް ލިބޭނެއެވެ. މީގެއިތުރުން ކާގަޑިތަކުގައި ބައެއް ދޯނިފަހަރުން މޭވާވެސް ލިބެން ހުރެއެވެ.

މަސްދޯންޏެއްގައި ބާބަކިރު ހަދަން ތައްޔާރުކޮށްފަ

ކެއުންބުއިމުގެ އެހެނިހެން ޚިދުމަތްތަކުގެ ތެރޭގައި ކޮފީ، ސައި އަދި ލުއިކާނާގެ ބައެއް ބާވަތްތަކަކީ ކޮންމެ ގަޑިއެއްގައިވެސް ލިބެންހުން ޚިދުމަތްތަކެކެވެ. ބައެއް ދޯނިތަކުގައި ފަޅުވެރިން ގްރޫޕްހަދައިގެން އަމިއްލަ ރެސިޕީތަކަށް ކެއްކުމަކީވެސް އޮންނަކަމެކެވެ. ނޫޑްލްސް، ކޮއްތު ރޮށި ނުވަތަ މަސްބަތް ކެއްކުމަކީ ކުރާ ކަމެކެވެ.  އޭގެ އިތުރުން 10 ގަޑި ސަޔާއި، ހަވީރުގެ ސަޔަކީވެސް ބައެއް ދޯނި ފަހަރުތަކުގައި ގަވައިދުން ދޭ ޚިދުމަތެކެވެ. 10 ގަޑި ސައި މެނޫގައި ބިސްކޯދާއިއެކު، ޖޫހެއް ލިބޭނެއެވެ. އަދި ހަވީރުގެ ސަޔަށް ހެދިކާ ލިބެންހުރެއެވެ. ގެރިކިރު ނުވަތަ ހިކިކިރާއި މައިލޯ ބޭނުން ގަޑިއަކު ލިބެން ހުރެއެވެ.

މަސްދޯންޏެއްގައި ހެނދުނުގެ ސައި ތައްޔާރުކޮށްފަ

މިގޮތަށް މެނޫއަށް ކެއްކުމަކީ މިހާރު މަހަށްދާ ދޯނިތަކުގައި ކުރަމުން އަންނަކަމެކެވެ. ބައެއް ދޯނިތަކުގައިދެވޭ ޚިދުމަތްތައް މަދުވެދާނެއެވެ. އަދި ފަޅުވެރިން ބަދިގެއަށްވަދެ ކެއްކުން ހުއްދަނޫން ދޯނިތައްވެސް ހުރެއެވެ. ހަމަޖެހިފައި އޮންނަ ގަޑިޖެހުމުން، ކާއެއްޗެހި ނަގާ ބަދިގެ ސަރަހައްދު ސާފުކޮށް ބަދިގެއާއި ގުދަން ބަންދުވެސް ކުރެވެއެވެ. ބައެއްކަހަލަ އެއްޗަކީ ވަކި މިންވަރަކަށް ލިބޭ އެއްޗިއްސެވެ. މިސާލަކަށް ބައެއް ދޯނި ތަކުގައި ހުރިހާ ފަޅުވެރިންނަށް ކިރުސައި ތައްޔާރުކޮށްފައި ދޭނެއެވެ.

ދޯނިފަހަރުގެ ކެއުމަށް ބޮޑު ހޭދައެއް ކުރެއެވެ. "ކޮއްތު ހަރަދު"ގެ ގޮތުގައި ބައެއް ދޯނިފަހަރުން ހަފްތާއަކު 7-10 ހާސް ރުފިޔާ ހޭދަކުރެއެވެ.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!