މަސްވެރިކަމާއި ގުޅޭ

އިންޑިއާ ކަނޑުގައި މަސްވެރިކަން ކުރާ އުޅަނދެއް / ފޮޓޯ: އިންޓަރނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަން
އިންޑިއާ ކަނޑުގައި މަސްވެރިކަން ކުރާ އުޅަނދެއް / ފޮޓޯ: އިންޓަރނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަން

އިންޑިއާ ކަނޑުން ބާނާ މަސް ގަތުން ހުއްޓާލުމަކީ ހައްލެއް ނޫން: ޕޯލް އެންޑް ލައިން ފައުންޑޭޝަން

އިންޑިއާ ކަނޑުގެ ސަރަހައްދުން ބާނާ ކަންނެލީގެ އުފެއްދުންތައް ސުޕަރމާކެޓްތަކުގައި ނުވިއްކާ ނަމަ މަސްވެރިންނަށް ބޮޑެތި ގެއްލުންތަކާއި ކުރިމަތިވާނެކަމަށް އިންޓަރނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަނުން ބުނެފިއެވެ.
މަސްވެރިން މިގޮތައް ކަންބޮޑުވުން ފާޅުކޮށްފައިވަނީ ޓެސްކޯގެ އިތުރުން ބެލްޖިއަމްގެ ކޮލުރީޓް ފަދަ ބޮޑެތި ސުޕަރމާކެޓް ހިންގާ ފަރާތްތަކުން އިންޑިއާ ކަނޑުގެ ސަރަޚައްދުން ބާނާ މަހުން އުފައްދާ ބާވަތްތައް އެމީހުންގެ ފިހާރަތަކުގައި ވިއްކުން ހުއްޓާލަން ނިންމުމާއި ގުޅިގެންނެވެ. ޓެސްކޯއިން މިކަން އިޢުލާންކޮށްފައިވަނީ މިމަހުގެ ކުރީކޮޅުގައެވެ އަދި ކޮލުރީޓްއިން މިކަން އިޢުލާންކޮށްފައިވަނީ ނިމިގެންދިޔަ ހަފްތާގެ ތެރޭގައެވެ.
އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ) ގެ ތަފާސްހިސާބުތަކަށް ބަލާއިރު ފާއިތުވި 40 އަހަރުގެ ތެރޭގައި އިންޑިއާ ކަނޑުގެ ސަރަޚައްދުން ކަނޑައެޅިފައިވާ މިންގަނޑާއި ޚިލާފަށް ކަންނެލި ބާނާފައިވާ މިންވަރު ހަތްގުނަ އިތުރުވެފައިވާކަން ފާހަގަކޮށްފައިވެއެވެ. 

މިކަމާއި ގުޅިގެން އިންޓަރނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަންގެ އެމް.ޑީ މާޓިން ޕާރވްސް ނުރުހުންފާޅުކުރައްވާ ވިދާޅުވެފައިވަނީ، ދެމެހެއްޓެނިވިގޮތުގައި މަސްވެރިކަން ކުރުމަށް ހައްލެއް ގެންނަންޖެހޭކަމަށާއި ނަމަވެސް އިޤްތިސޯދަށް ދިމާވެފައިވާ ގެއްލުންތައް ފޫބެއްދުމަށް މަސައްކަތް ކުރަންޖެހިފައިވާ މިހާލަތުގައި މިކަމުގެ ސަބަބުން ދިވެހިރާއްޖެ، ސީޝެލްސް އަދި މޮރީޝަސް ފަދަ ކުދި ޖަޒީރާ ރަށްތަކަށް މީގެ ގެއްލުންތައް ލިބެނެކަމަށެވެ.

އަދި ރީޓެއިލްކުރާ ފަރާތްތަުން ވަކި ފަރާތަކަށް އިނގިލި ދިއްނުކޮށް މިކަމުގައި އަވަސް ހައްލެއް ގެނެސް ދެމެހެއްޓެނިވި ގޮތެއްގައި ބާނާ މަސް އެމީހުންގެ ފިހާރަތަކަށް ނެގުމަށްވެސް ގޮވާލާފައިވެއެވެ.

އިންޑިއާ ކަންޑުގެ ސަރަޚައްދުން އެންމެ ގިނައިން ކުރެވޭ ކަންނެލީގެ މަސްވެރިކަަމަށް ބަލާއިރު، 2018 ވަނަ އަހަރު ސްޕެއިނުން ދާ އަޅާގައިގެން 12295 މެޓްރިކް ޓަނުގެ މަސް ހިފާފައިވާކަމަށް ދައްކައެވެ. މިއީ ޗައިނާ އަދި ޖަޕާނުން ބާނާފައިވާ މަހުގެ އަދަދަށްވުރެން ގިނަ އަދަދެއްކަންވެސް ރިޕޯޓްތަކުން ދައްކައެވެ. 

މިއީ އިންޑިއާ ކަނޑުގެ ސަރަޚައްދުން ބާނާ ކަންނެލީގެ ސްޓޮކް ބެލެހެއްޓުމުގެ މައްސަލައެއްކަން ފާހަގަކުރައްވާ ގްލޯބަލް ޓޫނާ އެލައިއެންސް (ޖީ.ޓީ.އޭ)ގެ އެގްޒެކެޓިވް ޑައިރެކްޓަރ ޓޮމް ޕިކެރެލް ބުނެފައިވަނީ، ދޮށީގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރެވެމުން އަންނަ ކަމަށެވެ. 2018 ވަނަ އަހަރާއި އަޅާބަލާއިރު 25 އިންސައްތަ މަސްބާނާފައިވާ މިންވަރު އިތުރުވެފައިވާކަމަށާއި މިކަމަށް އަވަސް ހައްލެއް ގެނައުމަށް އަމިއްލަ ޖަމާއަތެއްކަމަށްވާ ޖީ.ޓީ.އޭއިން އޯގްސްޓްމަހު ގޮވާލާފައިވެއެވެ. 

އިނގިރޭސިވިލާތުގެ ބޮޑެތި ސުޕަރމާކެޓްތަކުގައި އިންޑިއާ ކަނޑުގެ ސަރަޚައްދުން ބާނާ މަހުގެ އުފެއްދުންތައް ވިއްކުން ހުއްޓާލާނަމަ މިކަމުގެ ސަބަބުން މަސްވެރިކަމަށް ވަރަށް ބޮޑަަށް ޕްރެޝަރ ބޮޑުވެގެންދާނެކަމަށާއި، އަދި މަސްވެރިކަމުގެ ސިނާއަތަށް ގެއްލުންތަކެއް ލިބިގެންދާނެކަން ޕިކެރެލް ފާހަގަކުރައްވާފައިވެއެވެ. 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!