މަސްވެރިކަމާއި ގުޅޭ

faana

ރާއްޖޭގައި އަލަށް މޫދުކޮށީގައި ބޮޑުކުރި ކަސް ފާނަތައް ނީލަމުގައި ވިއްކާލައިފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް މޫދުކޮށީގައި ބޮޑުކުރި ފާނަތަކުގެ ތެރެއިން 2،132 ފާނަ ނީލަމުގައި ވިއްކާލައިފިއެވެ.

މޯލްޑިވްސް މެރިން ރީސަރޗް އިންސްޓިޓިއުޓުން ބުނީ، މިފާނަތައް ވިއްކާލައިގެން 213،637 ރުފިޔާ ލިބުނު ކަމަށެވެ. އަދި މިފާނަތައް އާލާކުރުމުގައި ހަރަކާތްތެރިވި 4 ފަރާތަށް އެފައިސާ މިހާރު ޙަވާލުކޮށްފައިވާ ކަމަށްވެސް އެމް.އެމް.އާރ.އައިއިން ބުނެއެވެ.

އެމް.އެމް.އާރ.އައިއިން ނީލަމުގައި ވިއްކާލި މިފާނަތަކަކީ، ވަރލްޑް ބޭންކުގެ ހިލޭ އެހީގައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރުން ހިންގާ [ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ] ދަށުން އދ. އަތޮޅަށް އަމާޒުކޮށްގެން ހިންގަމުންދާ ޕްރޮޖެކްޓަކުން އުފެއްދި ފާނަތަކެކެވެ.

އެގޮތުން މިފާނަތަކަކީ، އދ. މަހިބަދޫ، އޮމަދޫ، ދިގުރަށް އަދި ދަނގެއްޗަށް އަމާޒުކޮށްގެން، މިއަހަރުގެ ޖެނުއަރީގައި ފެށި މޫދުކޮށީގައި ފާނަ ބޮޑުކުރުމުގެ މަސައްކަތްތަކުގެ ތެރެއިން މާކެޓް ސައިޒަށް ބޮޑުކުރި ފުރަތަމަ ބެޗުގައި ހިމެނޭ ފާނަތަކެކެވެ.

މިމަސައްކަތްތައް ކުރިޔަށް ގެންދިޔައީ އދ. މަހިބަދޫން ހޮވާލި ހަތް ގޭބިސީގެ ތެރެއިން ކޮންމެ ގޭބިސީއަކަށް 1000 ކުދި ފާނައާއި، ފާނަ ކޮށްޓާއި، މަސްކާނާގެ އިތުރުން ފާނަ ބޮޑުކުރުމަށް ބޭނުންވާ ތަމްރީން ދީގެންނެވެ. އަދި މިމަސައްކަތުގެ ދަށުން 4،240 ފާނަ  އެވްރެޖް ބަރުދަނުގައި 400 ގްރާމަށްވުރެ ބޮޑުކޮށް  މާކެޓް ސައިޒަށް އާލާކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!