މަސްވެރިކަމާއި ގުޅޭ

gafoor

ޢަބްދުލް ޣަފޫރު: މަސްވެރިކަމުގައި 45 އަހަރު، ޤައުމީ 2 އެވޯޑް ލިބިފައިވާ ހީވާގި ކެޔޮޅެއް!

ރާއްޖޭގެ މަސްވެރިކަމަކީ ޒަމާނުއްސުރެ ދިވެހިންގެ ލޭނާރެވެ. މަސްވެރިކަން މިގޮތުގައި މިއަދާއި ހަމައަށް އައިސްފައިމިވަނީ، ކާބަފައިންގެ ނުވަތަ ދޮށީއުމުރުގެ މީހުންގެ ހިތްވަރާއި ޖޯޝުންނެވެ. ޒުވާން އުމުރުން ފެށިގެން ގައިބާރު ދެރަވަންދެން އެމީހުން ކުރަމުން ދިޔަ މަސައްކަތުންނެވެ.

މިހާރު މިމަސައްކަތަށް ނުކުންނަށް ޒުވާނުން މަދުވި ނަމަވެސް މީގެކުރިން މިމަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވީ ޒުވާނުންނެވެ. އަދި ޒުވާން އުމުރުގައި މަހަށް ނިކުމެ، މުޅި އުމުރު މިކަމުގައި ހުސްކުރި މީހުންވެސް މަދެއް ނޫނެވެ.

މިގޮތުން އއ.އުކުޅަހު ކޮންކޯޑް ދޯނީގެ ޢަބްދުލް ޣަފޫރު ޢަބްދުﷲ އަކީ، މިމަސައްކަތުގައި ޒުވާން އުމުރު ހޭދަކޮށް މިހާރު ދޮށީ އުމުރަށް އަޅާފައިވާ ހީވާގި ކެޔޮޅެކެވެ. ޢަބްދުލް ޣަފޫރުވަނީ، މިމަސައްކަތުގައި 45 އަހަރަށްވުރެ ގިނަ ދުވަސް ހޭދަކޮށްފައެވެ. މަސްވެރިކަމުގައި މިހާ ގިނަ ދުވަސް ހޭދަކޮށްފައިވާތީ، މީގެކުރިން އޭނާއަށްވަނީ ދެއެވޯޑެއްވެސް ލިބިފައެވެ. 1990 ގެ ފަހުކޮޅު އެންމެ ޒުވާން ކެޔޮޅުގެ އެވޯޑް ލިބުނުއިރު، 2012 ވަނަ އަހަރު އޭނާއަށްވަނީ، އެންމެ ދުވަސްވީ ކެޔޮޅުގެ އެވޯޑްވެސް ލިބިފައެވެ.

މަސްވެރިން އެމްވީއަށް މައުލޫމާތުދެމުން ޢަބްދުލް ޣަފޫރު ބުނީ، އޭނާ އެންމެ ފުރަތަމަ ކެޔޮޅުކަން ކުރަން ފެށީ އުމުރުން 18 އަހަރުގައި ކަމަށެވެ. އަދި މިހާރު އުމުރުން 63 އަހަރުވީއިރު، އޭނާގެ ކެޔޮޅުކަމުގެ ދަށުން 4 ދޯނި ދުއްވާފައިވާ ކަމަށެވެ.

"1 ދޯނި 10 އަހަރާއި 5 މަސް. އަނެއް ދޯނި 10 އަހަރާއި 8 މަސް، އަނެއް ދޯނި 3 އަހަރާ 7 މަސް، އަނެއް ދޯނި 8 އަހަރާ 6 މަސް ދުއްވިން." ޢަބްދުލް ޣަފޫރު ބުންޏެވެ.

މިހާރު ބޮޑު ކަންނެލީގެ މަސްވެރިކަން ކުރަމުން އަންނަ ޢަބްދުލް ޣަފޫރުވަނީ، މީގެކުރިން ކަޅުބިލަ މަހުގެ މަސްވެރިކަންވެސް ކޮށްފައެވެ. މިކަމުގެ ތަޖުރިބާ ޙިއްސާކުރަމުން އޭނާ ބުނީ، މިކަމަކީ ލިބޭ އާމްދަނީ ރަނގަޅު މަސައްކަތެއް ކަމަށާއި، އެހެންނަމަވެސް ދުވަސްތަކެއް ހޭދަވާ ބުރަ މަސައްކަތެއް ކަމަށެވެ.

"ކަންނެލި މަސްވެރިކަމަށް ބަދަލުވީ އޭރު އެމަސައްކަތުން ލިބޭ އާމްދަނީ ރަނގަޅުވީމަ. އެއީ ދެހާހުގެ ކުރީކޮޅު. އޭރު އެހާ ގިނަ ދޯނިފަހަރެއް ނޫޅޭ ކަންނެލި މަސްވެރިކަމުގައެއް. އަނެއްކާ ވަރަށް ކައިރިން ކަންނެލި ބޭނޭ އޭރު. ކަންނެލީ މަސްވެރިކަމުގައި ބައެއް ފަހަރު ރަށަށް ނައިސް މަހެއްހާ ދުވަސްވޭ. ކަންނެލި ކޮޅު ކިރާލާފަ އަނެއްކާ ދަނީ ކަންނެއްޔަށް. އެގޮތަށް މަހެއްގެ މައްޗަށް އެބަޖަހަށް ތިންބުރު ހަތަރު ބުރުވެސް" ޣަފޫރު ބުންޏެވެ.

ޢަބްދުލް ޣަފޫރު ބުނި ގޮތުގައި އޭނާގެ މުޅި ޒުވާން އުމުރު ހޭދަކުރީ، މިމަސައްކަތުގައެވެ. އަދި ޒަވާޖީ ހަޔާތެއް ފަށާ، 9 ކުދިން ލިބި އެކުދިން ބަލާ ބޮޑުކުރީވެސް މިމަސައްކަތުން ލިބުނު އާމްދަނީންކަން އޭނާ ފާހަގަކުރިއެވެ.

ޢަބްދުލް ޣަފޫރު އާއިލާ އާ އެކު

މިމަސައްކަތަށް މިހާރު އައިސްފައިވާ ބަދަލުތައް ކިޔާދެމުން ޣަފޫރު ބުނީ، ކުރިއަށްވުރެ މިހާރު މަސައްކަތް ބުރަ ކަމަށެވެ. އަދި މިހާރު މިމަސައްކަތް ކުރެވޭނީ ކިޔަވައިގެން ތިބި ޒުވާނުންނަށްކަންވެސް އޭނާ ފާހަގަކުރިއެވެ.

"ކުރިއާ ބަލާއިރު މިހާރު މަސްވެރިކަން ތިން ގުނަ ބުރަ. މިހާރު މިއޮތީ އެއްވެސް ހުއްޓުމެއްނެތި ކުރާ މަސްވެރިކަމެއް. މިހާރު ރެއާ ދުވާލު 24 ގަޑިއިރު މަސްވެރިކަމުގައި އުޅެންޖެހޭ. ކުރީގަ ފަތިސް ނަމާދުކޮށްގެން މަހަށް ފުރާފަ އެންކޮޅެއް ލައިގެން ކަނޑަށް ގޮސް އެންމެ ލަސްވެގެންވެސް އިރުއޮއްސެންވާއިރަށް ރަށަށް އާދެވޭ. އޭރު ހުންނަނީ 16 ރިޔަން ނޫނީ 18 ރިޔަންގެ ދޯނި ފަހަރު. މިހާރު މިކުރާ ޒަމާނީ މަސްވެރިކަން ކުރެވޭނީ ކިޔަވައިގެން. ވަސީލަތްތައް ބޭނުންކޮށްގެން ދަސްކޮށްގެން." އޭނާ ބުންޏެވެ.

ޢަބްދުލް ޣަފޫރު ދޯނީގައި އެން ދެމުމުގެ މަސައްކަތުގައި ހަރަކާތްތެރި ވަނީ

ކަނޑުމަތީގައި އެތަށް ގަޑިއިރުތަކެއް ހޭދަކުރުމަށްފަހު، ބާނާ މަހަށް އެކަށީގެންވާ ރަގަޅު އާމްދަނީއެއް ނުލިބޭކަން ފާހަގަކުރަމުންވެސް ޢަބްދުލް ޣަފޫރު ބުނީ، މަސްވެރިންނަކީ އެއްވެސް ސަރުކާރަކުން ބަލައިގަންނަ ބައެއް ނޫންކަމަށެވެ.

"މަސްވެރިންނަކީ ރާއްޖޭގައި އެއްވެސް ސަރުކާރަކުން ބަލައިގަންނަ ބައެއްނޫން. ވަކި ސަރުކާރެއް ނޫން. އެހެން މީހަކު ކުންނާރެއް ވިއްކިޔަސް ގުޅައެއް ވިއްކިޔަސް ކިއްލިއެއް ވިއްކިޔަސް އެ ވިއްކާ މީހާއަށް އެއަށް އަގު ކިޔޭ. އެކަމަކު ބާނާ މަހަށް މަސްވެރިޔަކަށް ނުކިޔޭނެ އަގެއް. މަސް ގަންނަ މީހުން ބުނި އަގެއް ދީފަ މަސްކޮޅު ދޭންޖެހެނީ" ޢަބްދުލް ޣަފޫރު ބުންޏެވެ.

ކޮންމެއަކަސް މިމަސައްކަތުގައި ކިތަންމެ ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހުނު ނަމަވެސް ޢަބްދުލް ޣަފޫރު ހުރީ ދެގޮތެއްނެތި މިކަމުގައި ކުރިޔަށް ދާން ތައްޔާރަށެވެ. ޒުވާން އުމުރުގައި ފެށި ބުރަ މަސައްކަތް ހުއްޓާލުުމުގެ ވިސްނުމެއް އޭނާގެ ނެތެވެ. ޢަބްދުލް ޣަފޫރު ބުނަނީ، ގަދަވެ، ސަލާމަތުން ހުރިއްޔާ މަހަށް ދާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!