ދުންފަތްމަހަކީ ރާއްޖޭގެ ފަރުފަޅުތަކުގައި ވަރަށް ގިނައިން އުޅޭ ރީތި މަހެކެވެ.
ގިނައިން އުޅެނީ 20 މީޓަރަށްވުރެ ތިލަ ހިސާބުތަކުގައެވެ. ދުންފަތްމަހަކީ ފަތިހަށިގަޑެއް ލިބިފައިވާ މަހެކެވެ. މަހުގެ ތުންހުންނަނީ ކޮޅަށް އޫކޮށެވެ. އަނގަ ވަރަށް ކުޑައެވެ. މިއީ ދިވެހިން ޢާއްމުކޮށް ކައިއުޅޭ މަހެއް ނޫނެވެ. މިމަސް 40 ސެންޓިމީޓަރަށް ބޮޑުވާކަމަށްވެއެވެ. މިމަހުގެ ޢާއްމު ކާނާއަކީ މޫދުފެއްސެވެ. މިއީ ދިރޭމަސް ގެންގުޅޭ ފަރާތްތަކުން ގެންގުޅޭހިތްވާ ގިނަދުވަހު މަސްޓޭންކުތަކުގައި ގެންގުޅެވޭ މަހެކެވެ. އަދި ރާއްޖެއިން ބޭރުކުރާ ދިރޭމަހުގެ ތެރޭގައި ގިނަޢަދަދަކަށް މިމަސް ހިމެނެއެވެ.
މަހުގެ ބުރަކަށިމަތީ ކޮތަރިބަޔާއި ބަނޑުދަށްފަރާތު ކޮތަރިބައި ހުންނަނީ ވަރަށް އުސްކޮށެވެ. ބުރަކަށިމަތީ ކޮތަރީގައި 4 ހަރުކަށްޓާއެކު 27 އާއި 30 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރީގައި 3 ހަރުކަށްޓާއެކު 22 އާއި 24 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. މަހުގެ ކުލައަކީ ގަދަ މުށިކުލައެވެ. މަހުގެ ހުރަހަށް އޮރެންޖު ކުލައެއްގެ ރޮނގުތަކެއް ހުރެއެވެ. މިރޮނގުތައް ބަނޑުދަށްފަރާތުގައި ހުންނަނީ ކެނޑިކެނޑިފައެވެ.
މަހުގެ ބޮލުގައި ދޮންފެހިކުލައަކަށްދާ ކުލައެއްގެ ތިކިތަކެއް ފަނޑުކޮށް ހުރެއެވެ. މަހުގެ ކޮތަރިބައިގައި ރީނދޫކުލައިގެ ރޮނގުތަކެއް ހުރެއެވެ. މިބާވަތުގެ މަސް ލައިރު ހުންނަނީ ރީނދޫކުލައެއްގައެވެ. އަދި ހުދު ކުލައިގެ ގަޑިތަކެއް ދެއަރިމަތީގައި ހުރެއެވެ.
މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003