މަސްވެރިކަމާއި ގުޅޭ

ކެޔޮޅުރޮއްވި - ފޮޓޯ: ފިޝަސް އޮފް އޮސްޓްރޭލިއާ

ކެޔޮޅުރޮއްވި

ކެޔޮޅުރޮއްވި މަހަކީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުގައި ގިނައިން އުޅޭ މަހެކެވެ. ދިވެހި މަސްވެރިން ފައްތައިގެން ކުރާ ދުވާލާއި ރޭގަޑުގެ ކެޔޮޅުކަމުގައި މިމަސް ބޭނެއެވެ.

މިއީ ދިވެހިން ކައިއުޅޭ މީރުވަހެކެވެ. މިއީ ދިގުކޮށް ހުންނަ މަހެކެވެ. މަހުގެ ދަށުތުން މަތީތުނބަށްވުރެ ދިގެވެ. މަހުގެ އަނގައިގައި ވަރަށް ކުދިކުދި ދަތްތަކެއް ހުރެއެވެ. ބުރަކަށިމަތީ ކޮތަރިބައިގައި 10 ހަރުކަށްޓާއެކު 10 ނުވަތަ 11 މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 8 މަޑުކަށިހުރެއެވެ. މަހުގެ ކަންފަތްގަޑުގައި 15 ނުވަތަ 16 މަޑުކަރިހުރެއެވެ.

މިމަހުގެ ކުލައަކީ ނޫ އަޅިކުލައެވެ. ނަމަވެސް މިކުލަހުންނަނީ ވައިލެޓް ކުލައަކާ ވަރަށް، ގާތްކުރާ ކުލައެއްގައެވެ. މަހުގެ ކަރުތާފަތާއި ކަރުތާފަތުގެ ކުރީބައިގެ ކައިރިފަށް ހުންނަނީ ކަޅުކުލައިގައެވެ. ނިގޫފަތް ހުންނަނީ އަޅިކުލައެއްގައެވެ. މިޢާއިލާގެ ފަށުވިޒަންކުރުމަހަކީ މިމުހާ ވަރަށް އެއްގޮތް މަހެކެވެ. ނަމަވެސް ފަހުގެ ކުލަވަރުން ވަރަށް ފަސޭހަކަމާއެކު މިދެމަސް ވަކިކުރެވިދާނެއެވެ.

ކެޔޮޅުރޮއްވި އާއްމުކޮށް އުޅެނީ 6 މީޓަރާއި 16 މީޓަރާ ދެމެދުގެ ފުންމިނުގައެވެ. ޢާއްމުކާނާއަކީ ފަރުމަތީގައި އުޅޭ ކުދި މަސްމަހެވެ. ނަމަވެސް ބައެއްފަހަރު ކަކުނިފާޑުގެ ސޫފިވެސް ކައިއުޅެއެވެ. މިމަސް އެންމެ ބޮޑުވަނީ 20 ސެންޓިމީޓަރަށެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިނގިރޭސި ނަން: Small toothed jobfish

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!