މަސްވެރިކަމާއި ގުޅޭ

މަސް އަވީއްލާފަ:/ ފޮޓޯ: މަސްވެރި އިހަވަންދޫ
މަސް އަވީއްލާފަ:/ ފޮޓޯ: މަސްވެރި އިހަވަންދޫ

ހިކިމަސް ހަދާ ފަރާތްތަކުން މަސްގަތުން ހުއްޓާލައިފި، މަސްވެރިންނަށް އިތުރު ހާސްކަން!!

ހިކިމަހާއި ވަޅޯމަހާއި އަދި ލޮނުމަހަކީ ޒަމާނުއްސުރެ ދިވެހިންގެ އަމިއްލަ އުފެއްދުމެކެވެ. އެވޭލާ ޒަމާނުން ފެށިގެންވެސް ރާއްޖޭގައި އުފައްދާ ހިކިކަނޑުމަހުގެ ބާވަތްތައް ބޭރުކުރަމުން ދިޔައީ އަވައްޓެރި ސްރީލަންކާއަށެވެ. އެންމެ ކުރިން ފެށިގެންވެސް މިއަދާކަމައަށް ރާއްޖޭގެ ހިކިމަހާއި ލޮނުމަހަށް ލަންކާ ބާޒާރުގައި ބޮޑު ތަރުޙީބެއް އޮވެއެވެ.

ލޮނުމަސް އަވީއްލަނީ/ ފޮޓޯ: މަސްވެރި އިހަވަންދޫ

ނަމަވެސް ދާދި ފަހުން ލަންކާ ސަރުކާރުން ވަނީ އެގައުމަށް އެތެރެކުރާ ބޭރުގެ ޤައުމުތަކުގެ މަހުން ނަގާ ޓިއުޓީ ބޮޑުކޮށްފައެވެ. އަދި އެހެން ޤައުމުތަކުން ލައްކާއަށް އެތެރެކުރާ މަހަށްވުރެ ރާއްޖެއިން ލަންކާއަށް އެތެރެކުރާ މަހަށް ނަގާ ޑިއުޓީ ފީ މާ ބޮޑަށް ވެސް ބޮޑުކުރިއެވެ. އޭގެ ދުވަސްކޮޅެއް ފަހުން ލަންކާ ސަރުކާރުން ވަނީ ރާއްޖޭގައި އުފައްދާ މަސް އެޤައުމަށް އެތެރެ ނުކުރެވޭނެކަމަށް ބުނެފައެވެ.

ނަމަވެސް ސަރުކާރުން ބުނީ ލަންކާގެ މި ނިންމުން ދިވެހި ސަރުކާރާ ޚިއްސާ ކޮށްފައި ނުވާކަމަށެވެ. މިމައްސަަލައަކީ ދިވެހި އެތައް އާއިލާއަކާ ގުޅިފައިވާ ސީރިއަސް މައްސަލައަކަށްވާތީ ދާދި ފަހުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވަނީ ރައްޔިތުންގެ މަޖިލީހަށް ހާޟިރުކޮށް މިކަމާމެދު ދެކެވަޑައިގަންނަވާ ގޮތާމެދު ސުވާލުވެސް ކުރައްވާފައެވެ. މެމްބަރުން ކުރެއްވި ސުވާލުތަކަށް މިނިސްޓަރު ދެއްވީ ފިނި ޖަވާބެކެވެ. މިނިސްޓަރު ވިދާޅުވީ، ލަންކާއަށް މަސް އެތެރެނުކުރެވުނަސް މާބޮޑު ކަންބޮޑުމެއް ނެތްކަމަށާއި، އިތުރު މާކެޓުތައް ހުންނާނެކަމަށެވެ.

ރާއްޖޭގައި އުފައްދާ ހިކިކަނޑުމަސް ލަންކާނޫން ތަނަކަށް ބޭރުކުރި ހަނދާނެއް ނުވާކަމަށް މަސް އެކްޕޯޓް ކުރާ ފަރާތްތަކުން ބުނެއެވެ. ރާއްޖޭގައި އުފައްދާ މަހުގެ ބާވަތްތަކުގެ ތެރެއިން ފިނިކުރި ކަނޑުމަސް އެންމެ ގިނައިން ބޭރުކުރަމުން ދިޔައީ ތައިލެންޑަށާއި އީރާނަށެވެ. ރާއްޖެއިން އެންމެ ގިނައިން ބޮޑުކަންނެލި ބޭރުކުރަނީ ޔޫރަޕްގެ ޤައުމުތައްކަމަށްވާ ފްރާންސާއި އިޓަލީ ފަދަ ޤައުމުތަކަށެވެ. އަދި ހިކިކަނޑުމަހާއި ލޮނުމަސް ބޭރުކުރަމުންދިޔައީ އަވައްޓެރި ލަންކާއަށެވެ.

ރާއްޖޭގައި މަސްކައްކާ ހިއްކާ ފަރާތްތަކުން ބުނީ ލަންކާއަށް މަސްބޭރުނުކުރެވޭތީ މިވަގުތު މަސްގަތުން ހުއްޓާލާފައިވާކަމަށެވެ،

"އަޅުގަނޑުމެން މަސްކައްކާ ހިއްކާފަ މި ފޮނުވަނީ މާލެ. މާލެއިން މަސްގަންނަ މީހުން މި ބުނަނީ މިވަގުތު ނެތޭ މަސް ނެގޭކަން. ލަންކާއަށް އެތެރެ ނުކުރެވެޔޭ. އަޅުގަނޑުމެން އުމުރު ދުވަހު ކުރަމުން އައި މަސައްކަތް މިއީ". މަސްކައްކާ ހިއްކާ ފަރާތަކުން ބުންޏެވެ.

ތ. އަތޮޅުގެ މަސްދޯންޏަކުން ބުނީ ހިކިމަސް ހަދާ މީހުން މަސްގަތުން މަޑުޖައްސާލުކުން ވަރަށްބޮޑަށް ގެއްލުންވަމުންދާކަމަށެވެ.

"މިއަތޮޅަށް މަސްކިރާ ބޯޓެއްވެސް އަންނަނީކީ ނޫން. ހިކިމަސް ހަދާ މީހުން މަސް ނުގަންނަ ނަމަ އަހަރެމެން ކިހިނެއް މި މަސައްކަތް ކުރާނީ. މިހާތަނަށްވެސް މަހަށް މިދެވުނީ އެމީހުން މަސް ގަންނާތީ. ސަރުކާރުން އެބަޖެހޭ ކޮންމެސް ގޮތްތަކެއް ރާވަން". ތ. އަތޮޅުގެ ކެޔޮޅަކު ބުންޏެވެ.

ރާއްޖޭގެ އުތުރުގައި މަސްވެރިކަން ރަނގަޅުވެ ފެލިވަރަށް މަސްކިރޭނެ ގޮތެއް ނެތި ދޯނިފަހަރުން ތިބީ ކިޔުގައެވެ. މަސްގަންނަ ކުންފުނިތަކުން މަސް ގަތުމުގެ ކެޕޭސިޓީ ނެތްއިރު، ހިކިމަސް ހަދާ ފަރާތްތަކުން މަސް ގަތުން ހުއްޓާލުމާ ގުޅިގެން މަސްވެރިން ތިބީ ގޮތް ހުސްވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!