މަސްވެރިކަމާއި ގުޅޭ

ފުޅާރޮނގު ބޯދި - ފޮޓޯ: ރަޔަން ފޮޓޯގްރަފީ

ފުޅާރޮނގު ބޯދި

މިއީ ރާއްޖޭގެ ފަރުތަކުގައި ގިނައިން އުޅޭ ބޯދީގެ ބާވަތެކެވެ.

މިބާވަތުގެ ބޯދި ޢާއްމުކޮށް ގިނައިން އެމުގެ ގޮތުގައި ހިފާ ނުއުޅުނުކަމުގައިވިއަސް މަދުމަދުން މިބާވަތްވެސް ހިފިފައިހުރެއެވެ. މިބާވަތުގެ ބޯދި ޢާއްމުކޮށް އުޅެނީ 18 މީޓަރަށްވުރެ ތިލަ ހިސާބުތަކުގައެވެ. މިއީ ކުޑަސައިޒެއްގެ މަހެކެވެ. މިމަސް އެންމެ ބޮޑުވަނީ 9 ސެންޓިމީޓަރަށްކަމުގައި ވިޔަސް ގިނައިން ފެންނަނީ 6 ސެންޓިމީޓަރަށްވުރެ ކުދިމަހެވެ. މަހުގެ ދިގަށް ކަޅުކުލައިގެ ފުޅާ 5 ރޮނގުހުރެއެވެ. މަހުގެ އެހެން ބައިތައް ހުންނަނީ ދޮންކުލައަކަށްދާ ހުދުކުލައެއްގައެވެ.

މަހުގެ ދިގަށް ހުންނަ ފުޅާ ރޮނގުތައް ހުންނަނީ ތުނބުން ފެށިގެން ލޯ ހުރަސްކޮށް މަހުގެ ދިގަށެވެ. މަހުގެ ބުރަކަށިމަތީ ފުރަތަމަ ކޮތަރިބައިގައި 1 ހަރުކަށިހުރެއެވެ. ދެވަނަ ކޮތަރިބައިގައި 1 ހަރުކަށްޓާއެކު 9 މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 2 ހަރުކަށްޓާއެކު 8 މަޑުކަށިހުރެއެވެ. ކަންފަތްގަޑުގައި 13 ނުވަތަ 14 މަޑުކަށިހުރެއެވެ. މިމަހަށް ކިޔާ ވަކި ޚާއްޞަނަމެއް ރެކޯޑްކުރެވިފައި ނެތުމާއެކު މަހަށް ކިޔާ އިގިރޭސިނަމާއި ގުޅުވާ "ފުޅާރޮނގު ބޯދި” ކިޔާފައިވަނީއެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިނގިރޭސި ނަން: Black striped cardinal fish

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!