މަސްވެރިކަމާއި ގުޅޭ

ގުއިބުރަނދަ - ފޮޓޯ: ފިޝެސް އޮފް އޮސްޓްރޭލިއާ

ގުއިބުރަނދަ

ގުއިބުރަނދައަކީ ރާއްޖޭގެ ތިލަފަޅުތަކުގައި ގިނައިން އުޅޭ މަހެކެވެ. މިބާވަތް ގިނައިން އުޅެނީ ރަށްރަށުގެ ގޮނޑުދޮށްތަކާއި ކައިރި ތޮށިގަޑުތަކުގެ ނިވާކަންމަތީގައެވެ. އަދި ޚާއްސަކޮށް މޫދަށް އުކާލެވޭތަކެތި އެޅޭ ހިސާބުތަކުގައި މިބާވަތް ގިނަޢަދަދަކަށް އުޅެއެވެ. މިއީ ޖެހުނު ކޮންމެ އެއްޗެއް ކެއުމަށް ޖެހިލުމެއްވާ މަހެއްނޫނެވެ. ނަމަވެސް ގިނައިން ކައިއުޅެނީ ފެއްސެވެ. ދިވެހިން ޢާއްމުގޮތެއްގައި މިމަސް ކައެއް ނުއުޅެއެވެ. ކުޑަކުދިން މިމަސް ފަޅުފަޅުގެ ތިލަ ހިސާބުތަކުން ހިފައިގެން ގެންގުޅެއެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 13 ހަރުކަށްޓާއެކު 12 އާއި 14 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 2 ހަރުކަށްޓާއެކު 11 އާއި 13 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. މިމަސް އެންމެ ބޮޑުވަނީ 16 ސެންޓިމީޓަރަށެވެ. މަހުގެ ކަރުތާފަތްގަޑުގެ މަތީގައި ހުޅުނބުހުރެއެވެ. ކަރުތާފަތްގަޑުގެ ކައިރިފަށް ހުންނަނީ އޮމާންކޮންނެވެ. މަހުގެ ކަންފަތްގަޑުގެ ދިގުމިން ބޮލުގެ ދިގުމިނާއި އެއްވަރެވެ.

މަހުގެ މަތީބައިގެ ކުލައަކީ ރީނދޫ ކުލައެވެ. މިކުލަ ބަނޑުދަށްފަރާތުގައި ފަނޑެވެ. މަހުގެ ހުރަހަށް ފުޅާ 7 ރޮނގު ވަރަށް ސާފުކޮށް ފެންނަން ހުރެއެވެ. މަހުގެ ކަންފަތްގަޑުގެ ބުޑުދަށުގައި ކަޅުކުލައިގެ ލަފެއް ހުރެއެވެ. މިމަހުގެ ނިގޫފަތާއި ބަނޑުދަށްފަރާތު ކޮތަރިބައިގެ ކުލައަކީ އަޅިކުލައެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިނގިރޭސި ނަން: Seven-banded sergeant-major

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!