މަސްވެރިކަމާއި ގުޅޭ

މަސްވެރިޔާ ކާޑު

މިހާތަނަށް 2،675 ފަރާތަކަށް މަސްވެރިޔާ ކާޑު ދޫކޮށްފި

މިހާތަނަށް 2،675 ފަރާތަކަށް މަސްވެރިޔާ ކާޑު ދޫކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފިއެވެ.

ދިވެހި މަސްވެރިން ބޭންކިން ނިޒާމެއްގެ ތެރެއަށް ވެއްދުމަށްޓަކައި ތައާރަފްކޮށްފައިވާ މިކާޑުތަކުގެތެރެއިން އޮޑިވެރިޔާ ކާޑު މިހާތަނަށް 60 ފަރާތަކަށްވަނީ ދޫކޮށްފައެވެ.

ދާދިފަހުން މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާޢިލް ފައުޒީވަނީ މަސްވެރިޔާ ކާޑު މަސްވެރިން ބަލައިގެންފިކަމަށް ވިދާޅުވެފައެވެ.

އެގޮތުން ފާއިތުވި ދެ އަހަރު މިފްކޯއިން ހާސިލް ކުރި ކަންތައްތަކާ ބެހޭގޮތުން ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިސްމާޢީލް ފަޢުޒީ ވިދާޅުވީ، މަސްވެރިޔާ ކާޑަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށާއި ޚާއްޞަކޮށް ޒުވާން މަސްވެރިންގެ މެދުގައި މި ކާޑު ވަރަށް މަޤްބޫލް އެއްޗަކަށް ވެފައިވާކަމަށެވެ. ނަމަވެސް ބައެއް ދޯނިފަހަރުން މި ކާޑު ބޭނުން ނުކުރާކަން ފާހަގަކޮށް ފައުޒީ ވިދާޅުވީ، ހުރިހާ ދޯނިފަހަރުންވެސް މި ކާޑު ބޭނުންކުރުމަކީ މިފްކޯގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. ފައުޒީ ވިދާޅުވީ، މި ކާޑަކީ މާސްޓަރ ކާޑެއްކަމުން ވަރަށް ގިނަ ބޭނުން މިކާޑުން ކުރެވޭނެކަމަށެވެ.

"މަސްވެރިޔާ ކާޑަމީ މާސްޓަރ ކާޑެއް. މި ކާޑުގަ ލާރި ހުރިއްޔާ ރާއްޖޭން ބޭރަށް ވަޑައިގެންނަވާއިރު ކޮންމެހެން ޑޮލަރު ހިއްޕަވައިގެން ވަޑައިގަންނަވާކަން ނުޖެހޭނެ. މި ކާޑު ބޭނުންކުރެވޭނެ. އެހެންވީމަ އަޅުގަނޑުމެން އިލްތިމާސް ކުރަން ހުރިހާ ފަރާތްތަކުންވެސް މަސްވެރިޔާ ކާޑު ބޭނުންކުރަން." މިފްކޯގެ މެނޭޖިންގ ޑިރެކްޓަރު ވިދާޅުވިއެވެ.

މަސްވެރިޔާ ކާޑު ނުވަތަ ޑިޖިޓަލް ވޮލެޓަކީ 2018 ވަނަ އަހަރު މަސްވެރިންނަށް ޚާއްޞަކޮށްގެން ތައާރަފް ކުރި ކާޑެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!