މަސްވެރިކަމާއި ގުޅޭ

07VIJ4FISHINGBAN

އަންދުރަ ޕްރަދޭޝް ސްޓޭޓުގައި މަސްވެރިންނަށް ޙާއްސަ 4 ބަނދަރު ތަރައްޤީކުރަނީ!

އިންޑިއާގެ އަންދުރަ ޕްރަދޭޝް ސްޓޭޓުގައި މަސްވެރިންނަށް ޙާއްސަ 4 ބަނދަރު ތަރައްޤީކުރުމަށް ނިންމައިފިއެވެ.

ދުނިޔޭގެ މަސްވެރިކަމުގެ ދުވަހާއި ގުޅުވައިގެން އަންދުރަ ޕްރަދޭޝްގެ ޗީފް މިނިސްޓަރ ޖަގަންމޯހަން ރެޑީ ވަނީ މި ހަތަރު ބަނދަރު ތަރައްޤީކުރުމުގެ ބިންގާ އަޅުއްވައިދެއްވާފައެވެ. މި ރަސްމިއްޔާތު ކުރިއަށްގެންގޮސްފައިވަނީ ވަރޗުއަލްކޮށެވެ. މަސްވެރިކަމުގެ 4 ބަނދަރު ތަރައްޤީކުރުމުގެ އިތުރަށް 25 އަކުއާ ހަބްސްގެ އެ ސްޓޭޓުގައި ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.

ބަނދަރުތައް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ޖުއްވާލަދީން އަވަށްގަނޑުގައާއި، ނިޒާމްޕަތުނަމް އަވަށްގަނޑުގައާއި، މަޗިލިޕަތުނަމް ސިޓީގައާއި، އުޕައްޑާ އަވަށްގަނޑުގައެވެ. މިއީ ބޭ އޮފް ބެންގަލް ކަނޑުގެ އައްސޭރިފަށުގައި ހުރި ހިސާބުތަކެކެވެ.

މި ހާބަރުތަކުގެ ބިންގާ އަޅުއްވައިދެއްވާ ޗީފް މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވަނީ އެކި ފޭސްތަކަށް ބަހާލައިގެން އެ ސްޓޭޓުގައި މަސްވެރިކަމުގެ 8 ބަނދަރު ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިއާއެކު 6.3 ލައްކަ މަސްވެރިންނަށް މިކަމުން ލުއިފަސޭހަތައް ލިބި ފައިދާ ވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ބިންގާ އަޅާފައިވާ 4 ހާބަރު ކުރިއަށްއޮތް 2 އަހަރު ދުވަސްތެރޭ ނިންމާލާނެ ކަމަށްވެސް ޗީފް މިނިސްޓަރ ވިދާޅުވިއެވެ.

އަކުއާ ހަބުތައް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ އެ ސްޓޭޓުގެ އެކި ހިސާބުތަކުގައެވެ. އޭގައި އިސްކަން ދޭނީ އެކަމަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ހިސާބުތަކަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!