މަސްވެރިކަމާއި ގުޅޭ

ޓަސްމޭނިއާގައި ސެލްމަން އާލާ ކުރަން ޖަހާފައިވާ ކޮށިތަކެއް
ޓަސްމޭނިއާގައި ސެލްމަން އާލާ ކުރަން ޖަހާފައިވާ ކޮށިތަކެއް

 އަލިފާނުގެ ހާދިސާއެއް ހިނގައި ކޮށި ހަލާކުވުމުން، 50،000 ސެލްމަން ދޫވެއްޖެ

އަލިފާނުގެ ހާދިސާއެއް ހިނގައި ސެލްމަންތައް އާލާ ކުރަން ގެންގުޅޭ ކޮށި ހަލާކުވެ، 50،000 ސެލްމަން މާ ކަނޑަށް ދޫވެއްޖެއެވެ.

މި ހާދިސާ ހިނގައިފައިވަނީ އޮސްޓްރޭލިއާ އާއި ވަކިން އޮންނަ އެޤައުމުގެ ބައެއް ކަމަށްވާ ޓަސްމޭނިއާގައެވެ. ޓަސްމޭނިއާއަކީ ޖަޒީރާ ރަށެކެވެ. މި ރަށުގެ ފަޅުތެރޭގައި ހުއާން އަކުއާ ކަލްޗަރ ނަމަކަށް ކިޔާ ކުންފުންޏަކުން ސެލްމަންތައް އާލާކުރުމަށް ގިނަ އަދަދެއްގެ ކޮށިތައް ވަކީ ބަހައްޓާފައެވެ.

އަލިފާނުގެ ހާދިސާ ހިނގައިގެން މާކަނޑަށް ދޫވެފައިވަނީ އެކުންފުނިން އާލާ ކުރަމުންދާ މުޅި ޖުމްލަ މަހުގެ ސްޓޮކްގެ އެއް ޕަސަންޓަށްވުރެ މަދުންކަމަށް ހުއާން އެކުއާކަލްޗަރ އާއި ހަވާލާދީ ދަ ގާޑިއަންގައި ބުނެފައިވއެވެ.

މިހާ ގިނަ އަދަދެއްގެ ސެލްމަން ކަނޑަށް ދޫވެފައިވުމުން އެޤައުމުގައި ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުންދަނީ ކަންބޮޑުވުންތައް ފާޅުކުރަމުންނެވެ. ސަބަބަކީ މީގެ ސަބަބުން އިކޯސިސްޓަމްއަށް އަސަރުކުރުމެވެ.  އެހެންނަމަވެސް ހުއާން އަކުއާކަލްޗަރއިން ހާމަކުރާގޮތުގައި މީގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ނުކުރާނެއެވެ.

ސަބަބަކީ ސީލްސްތައް ކުރު މުއްދަތެއްގެ ތެރޭގައި ސެލްމަންތައް ކާލާނެތީ އާއި މަސްބާނާ މީހުންގެ ބުޅީގައިވެސް ސެލްމަންތައް ޖެހި މޫދުން އަވަހަށް އެ މަސްތައް ހުސްވާނެތީއެވެ. އެހެން ނަމަވެސް މިކަމާއި ދެބަސްވާ މީހުން ގިނައެވެ.

އަލިފާނުގެ ހާދިސާއެއްގައި މިހާ ގިނަ އަދަދެއްގެ ސެލަމަން ދޫވެފައިވާއިރު، މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ނޭގޭކަމަށް ހުއާން އަކުއާ ކަލްޗަރ ގެ ސީއީއޯ ހާމަކުރެއެވެ.

" ކޮށިތަށް ތައްޔާކުރުމުގައި އިލެކްޓްރިކަލް ސާމާނު ބޭނުންކޮށްފައި ހުންނާނެ، އެކަމް މިމަސައްކަތް ކުރާތާ މިހާރު 35 އަހަރުވެއްޖެ، އެކަމަކު މިކަހަލަ ހާދިސާއެއް އަދި ދުވަހަކުވެސް ނުހިނގާ، ވަރަށް ހައިރާން ވެފައި މިތިބީ މިކަމާ،" ހުއާން އަކުއާކަލްޗާގެ ސީއީއޯ ޕީޓަރ ބެންޑަރ ބުނެފައިވެއެވެ.

ހުއާން އަކުއާކަލްޗަރ ކުންފުނިން ހާމަކުރާގޮތުގައި މީގެކުރިން ކުރިއަށްގެންދިޔަ ދިރާސާއަކުންވެސް ދައްކާގޮތުން މިގޮތަށް އާލާކޮށްފައި ތިބޭ މަސްތައް ކަނޑުތަކަށް ދޫވިޔަސް ކަނޑުގެ އެހެން ދިރުންތައް ކައި ނުހަދާ ކަމަށެވެ. އެހެންކަމުން މިހާ ގިނަ އަދަދެއްގެ ސެލްމަން ދޫވިޔަސް ކަނޑުގެ ދިރުމަށް އެހާ ބޮޑު ގެއްލުމެއް ނުވާނެ ކަމަށް އެކުންފުނިން ޤަބޫލްކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!