މަސްވެރިކަމާއި ގުޅޭ

ކަޅު މުރަކަމަސް

މިއީ ރާއްޖޭގެ ތިލަފަޅުތަކާ، ވިލުވިލުގައްޔާއި ބޭރުމަތީގައި އުޅޭ ކުޑަމަހެކެވެ.

މިމަސް ޢާއްމުގޮތެއްގައި އުޅެނީ 55 މީޓަރަށްވުރެ ތިލަ ހިސާބުތަކުގައެވެ. މިމަސް އެންމެ ބޮޑުވަނީ 12 ސެންޓިމީޓަރަށެވެ. މިއީ ދިވެހިން ކައިއުޅޭ މަހެއް ނޫނެވެ. ނަމަވެސް ރާއްޖެއިން ދިރޭމަސް ބޭރުކުރާ ފަރާތްތަކުން މިބާވަތުގެ މަސް ހިފާއުޅެއެވެ. މިއީ ބައިބަޔަށް އޫކޮށްހުންނަ މުރަކަތަކުގެ ތެރޭގައި ނިވާކަން ހޯދައިގެން އުޅޭ މަހެކެވެ. އަދި މާގަނޑާއި ބޮޑެތިހިޔަމައިގެ ނިވަލުގައިވެސް މިބާވަތުގެ މުރަކަމަސްއުޅެއެވެ. މަހުގެ ކާނާއަކީ ފެއްސާއި ކުދި ފަނިފަކުސައެވެ. މަހުގެ ކުލައަކީ ކަޅުމުށިކުލައެވެ. މަހުގައި ހުދުކުލައިގެ 3 ލައްހުރެއެވެ. އެއީ ބޮލުގެ މަތީގައްޔާއި ދެއަރިމަތީގައެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 12 ހަރުކަށްޓާއެކު 14 އާއި 16 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 2 ހަރުކަށްޓާއެކު 14 ނުވަތަ 15 މަޑުކަށިހުރެއެވެ. މިމަހަށް ދިވެހިންގެ ތެރޭގައި ވަކި ޚާއްސަ ނަމެއް ކިޔާއުޅޭ ކަމަށް ރެކޯޑްކުރެވިފައި ނެތުމާއެކު މަހުގައި ހުންނަ ގަދަ ކުލައަށް ވިސްނާ "ކަޅު މުރަކަމަސް" ކިޔާފައިވަނީއެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިނގިރޭސި ނަން: Threespot dascyllus, Domino

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!