މަސްވެރިކަމާއި ގުޅޭ

ޒާންޒިބާގެ ކުދި މަސް ދޯނިތަކެއް
ޒާންޒިބާގެ ކުދި މަސް ދޯނިތަކެއް

ޓެންޒޭނިއާގައި މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ބޮޑު އިންވެސްޓުމަންޓެއް

ޓެންޒޭނިއާގެ މަސްވެރިކަމުގެ ސިނާއަތަށް 3 ބިލިއަން ޑޮލަރުގެ އިންވެސްޓުމަންޓެއް ކުރުމަށް ތުރުކީގެ ކުންފުންޏަކުން ނިންމައިފިއެވެ.

މި އިންވެސްޓުމަންޓުގެ ދަށުން ޓެންޒޭނިއާގެ ދަށުގައި އޮންނަ ޖަޒީރާ ރަށެއްކަމަށްވާ ޒާންޒިބާރގައި މަސްދޯނިތައް ލަފާ މަސް ކިރަން އެކަށޭނަ ބަނދަރެއް ތަރައްޤީކުރުމާއި، ޒަމާނީ ފެންވަރުގެ މަސް ފެކްޓަރީއެއް ތަރައްޤީކުރުން ހިމެނެއެވެ. މި މަޝްރޫޢު ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ ތުރުކީގެ ނޯތުލޭންޑު ކެޕިޓަލް އިންވެސްޓުމަންޓު ކުންފުނީގެ ފަރާތުންނެވެ.

މިކަމާއި ގުޅޭގޮތުން ޒާންޒިބާގެ މިނިސްޓަރ ފޮރ ބުލޫ އިކޮނޮމީ އެންޑް ފިޝަރީޒް އަބްދުﷲ ކޮމްބޯ ވިދާޅުވެފައިވަނީ މިއީ ސަރުކާރުގެ 'ނޫ' އިޤްތިސާދީ ސިޔާސަތުގެ ދަށުން މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ކުރިއަށްގެންދާ މަޝްރޫޢެއް ކަމަށެވެ. މި މަޝްރޫޢާއި އެކު ވަޒީފާގެ ގިނަ ފުރުސަތުތަކެއްވެސް އުފެދިގެންދާނެ ކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ޒާންޒިބާގެ އާ ސަރުކާރުންވަނީ އެޤައުމުގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ވައުދުވެފައެވެ. އެގޮތުން އެ ސިނާއަތަށް ކުރާ އިންވެސްޓުމަންޓުތައް ބޮޑުތަނުން އިތުރުކޮށް، ކަނޑު އަޑީގެ މަސްވެރިކަމާއި، މަސް އާލާކުރުމާއި، މަހުގެ އުފެއްދުންތައް ފުޅާ ކުރުމަށް މަސައްކަތްތަކެއް ކުރުމަށްވަނީ ރާވަފައެވެ.

ޒާންޒިބާއަކީ ގުދުރަތީ ގޮތުން ރީތި ސިފަތަކެއް ލިބިފައިވާ ރަށެކެވެ. މި ސަބަބުތާއި އެކު ޒާންޒިބާގައިދަނީ ފުޅާ ދާއިރާއެއްގައި ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރަމުންނެވެ. މިއާއެކު މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް މީގެ ކުރީ ސަރުކާރުތަކުން އެދެވޭ މަސައްކަތްތަކެއް ކޮށްފައިނުވާ ކަމަށް އެޤައުމުގެ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ޤަބޫލްކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!