މަސްވެރިކަމާއި ގުޅޭ

ކަށިނެތް މިޔަރު - ފޮޓޯ: ފިޝެސް އޮފް އޮސްޓްރޭލިއާ

ކަށިނެތް މިޔަރު

ކަށިނެތް މިޔަރަކީ ރާއްޖޭގައި ވަރަށް މަދުން އުޅޭ މިޔަރެކެވެ. މިބާވަތުގެ މިޔަރު އުޅެނީ އަތޮޅުންބޭރު މާކަނޑުގެ ވަރަށް ފުނުގައެވެ.

މިއީ އާންމުކޮށް 37 މީޓަރުން ފެށިގެން 1800 މީޓަރާއި ދެމެދުގެ ފުނުގައިއުޅޭ މިޔަރެކެވެ. ނަމަވެސް ޢާއްމުގޮތެއްގައި އުޅެނީ 200 މީޓަރަށްވުރެ ފުނުގައެވެ. މިބާވަތުގެ މިޔަރު އެންމެ ބޮޑުވަނީ 1.6 މީޓަރަށެވެ. މިމިޔަރުގެ ރެކޯޑެއް ރާއްޖޭގައި ޤާއިމްކުރެވިފައިވަނީ ހަމައެކަނި ލ. އަތޮޅު އިސްދޫ މަސްވެރިއަކު ބާނާފައިވާ މިޔަރެއްގެ އަނގަ ތަޙުޤީގުކޮށް އޭގެ މައްޗަށް ބަލައިގެންނެވެ. އޭނާވެސް މީގެ ކުރިން ނުދެކޭ މިޔަރެއްކަމުން މަހުގެ އަނގަ ރައްކާކޮށްފައިވަނިކޮށް މެރިން ރިސާރޗް ސެކްޝަނުން ހޯދާ އައިޑެންޓިފައި ކުރީއެވެ.

މިއީ ކަށިމިޔަރު އުޅޭ ސަރަޙައްދުތަކުގައި އުޅޭ ކަށިމިޔަރާއި ވަރަށް އެއްގޮތް މިޔަރެކެވެ. ނަމަވެސް އުރަހަ ކައިރީގައި އެއްވެސް ކަށްޓެއް ނުހުރެއެވެ. މިޔަރުގެ ބުރަކަށިމަތީގައި ދެވަނައަށް ހުންނަ އުރަހަ، ފުރަތަމަ އުރަހައަށްވުރެ ތަންކޮޅެއް ބޮޑުވާނެއެވެ. މިޔަރުގެ ތުންބޮލެވެ. މަތީތަލީގައި ހުންނަނީ ކުދި ހިމަތިނޯސްޒާތުގެ ދަތްތަކެކެވެ. ދަށު ތަލީގައި ހުންނަނީ ފުޅާ ދަތްތަކެކެވެ. މިމިޔަރު ބޭނިމީހުން މިމިޔަރަށް ކިޔާފައިވަނީ ކަށިނެތް މިޔަރެވެ. މިމިޔަރުގެ އާންމުކާނާއަކީ ކަނޑުގެ އަޑީގައި އުޅޭ މަސްމަހާމެއްސާއި، ކަކުނިފާޑުގެ ސޫތްޕާއި ބޯވަދިލަމަހެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިނގިރޭސި ނަން: Kitefin shark

 

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!