މަސްވެރިކަމާއި ގުޅޭ

ލައްފިލޮޅު - ފޮޓޯ: ފިޝެސް އޮފް އޮސްޓްރޭލިއާ

ލައްފިލޮޅު

މިއީ ފަޅުގެ ތިލަ ހިސާބުތަކުގައްޔާއި ވިލުވިލުގައި އަދި މޫދުގައި ހުއިފަޅާފައި ހުންނަ ހިސާބުތަކުގައި ޢާއްމުކޮށް އުޅޭ މަހެކެވެ.

މިއީ ބޮޑެތި އައިން ހަދައިގެން އުޅޭ މަހެއްކަމުގައި ނުވިޔަސް ތިލަ ފަޅުމަތީން ނަނުފައްތައިގެން ކުރާ މަސްވެރިކަމުގައްޔާއި އުފުލިވަޅުލައިގެން ކުރާ މަސްވެރިކަމުގައި މިބާވަތުގެ ފިލޮޅު ގިނައިން ބޭނެއެވެ. މިއީ ދިވެހިން ކެއުމަށް ބޭނުންކުރާ މަހެކެވެ. މިއި އަޑީގައި ޢާއްމުކޮށް އެކަހެރިކޮށް އުޅޭ، ފަސޭހައިން ފީނުންތެރިންނަށް ގާތްވެއުޅެވޭފަދަ އޮޅުކޮށް އުޅޭމަހެކެވެ. މިބާވަތުގެ ފިލޮޅުގެ ދެއަރިމަތީގައި ވަރަށް ފާލުކޮށް ހުންނަ ބޮޑު ލަފެއް ހުންނާނެއެވެ. މިމަސް އެންމެ ބޮޑުވަނީ 50 ސެންޓިމީޓަރަށެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 10 ހަރުކަށްޓާއެކު 9 މަޑުކަރިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 8 މަޑުކަރިހުރެއެވެ. މަހުގެ ކަންފަތްގަނޑުގައި 13 މަޑުކަށިހުރެއެވެ. މަހުގެ ލޯ އާދައިގެ ވަރަކަށް ބޮޑުވާނެއެވެ. މަރުގެ މަތީގެ ކުލައަކީ ޒައިތޫނި ފެހިކުލައެކެވެ. ބަނޑުދަށްފަރާތުގެ ކުލަ ވަރަށް ފަނޑުވާނެއެވެ.

މަހުގެ ނޯއްމަތީގައްޔާއި ލޮލުގެ ތިރީގައި ނޫކުލައިގެ ތިކިތަކެއް ބައެއްފަހަރު ހުރެއެވެ. މަހުގެ އަނގައިގެ އެތެރެއާއި އަނގައިގެ މިޔަކަން ހުންނަނީ ރަތްކުލައިގައެވެ. ކޮތަރިތައް ހުންނަނީ ފިޔާތޮށި ރަތްކުލައިގައެވެ. ލައްފިލޮޅުގެ ޢާއްމު ކާނާއަކީ އަޑީގައި އުޅޭ ފަނިފަކުސާއާއި، ބޮއްޔާއި ކުދިމަހެވެ. މިމަހަށް ވިލުފިލޮޅުވެސް ކިޔާއުޅެއެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިނގިރޭސި ނަން: Thumbprint emperor

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!