މަސްވެރިކަމާއި ގުޅޭ

ހިބަރު މަސްވެރިކަން - ފޮޓޯ: ލައްޓި ފިޝިންގ ގްރޫޕްގެ
ހިބަރު މަސްވެރިކަން - ފޮޓޯ: ލައްޓި ފިޝިންގ ގްރޫޕްގެ

ރާއްޖޭގައި ހިބަރު މަސްވެރިކަމުގައި 850 އުޅަނދު ހަރަކާތްތެރިވޭ!

ހިބަރަކީ ދުނިޔޭގެ ހުރިހާ ކަނޑުތަކެއްގައިވެސް އުޅޭ ބާވަތެކެވެ. މިގޮތުން ދުނިޔޭގެ ދެބައިހަމަ (އިކުއޭޓަރ) ސަރަޙައްދުގެ ހޫނު ކަނޑުތަކާއި، މެދުމިންވަރަކަށް ހޫނު އަދި ފިނި ކަނޑުތަކުގައި ހިބަރުގެ ބާވަތްތައް އުޅެއެވެ.

ދިވެހިރާއްޖޭގައި ހިބަރުގެ މަސްވެރިކަން ކުރާތާ ގިނަ އަހަރުތަކެއްވީ ނަމަވެސް، އެ މަސްވެރިކަން އޮތީ އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމެއްގެ ގޮތުގައެވެ. ނިމިދިޔަ ގަރުނުގެ ތެރޭގައި ފަތުރުވެރިކަމުގެ ޞިނާޢަތް ފުޅާވުމުގެ ސަބަބުން ހިބަރުގެ މަސްވެރިކަންކުރާ ފަރާތްތަކަށް މަސް ވިއްކުމަށް އިތުރު މާކެޓްތަކެއް ހުޅުވިގެން ދިޔައެވެ. އަދި ދިވެހިރާއްޖޭގައި ހިބަރުގެ މަސްވެރިކަން ފުޅާވެ، މަސްވެރިންނަށް ލިބޭ މަންފާ އިތުރުވެގެން ދިޔައެވެ. އަދި އަމިއްލަ ބޭނުމަށްކުރާ މަސްވެރިކަމެއްގެ ގޮތުގައި އޮތް ހިބަރުގެ މަސްވެރިކަން ވިޔަފާރީގެ ބޭނުމަށްކުރާ މަސްވެރިކަމަކަށް ބަދަލުވެގެންދިޔައެވެ.

ދިވެހިރާއްޖޭގައި ހިބަރުގެ ބާވަތްތައް ބާނާ އަދަދު ދެނެގަނެވޭނެ އެކަށީގެންވާ ނިޒާމެއް ނެތުމުގެ ސަބަބުން ހިބަރުގެ މަސްވެރިކަން ކުރެވޭ މިންވަރު އެހާ ފުރިހަމައަށް ދެނެގަނެވިފައެއް ނުވެއެވެ. އެހެން ނަމަވެސް، 2010 ވަނަ އަހަރުގެ ކުރިން ޤާއިމުކޮށްފައި އޮތް [މަސް ރިޕޯޓު] ފޮނުވުމުގެ ނިޒާމުގެ ތެރެއިން ހިބަރު ބާނައިފައިވާ މިންވަރު ކޮންމެވެސް ވަރަކަށް ދެނެގަނެވިފައިވެއެވެ.

ހިބަރު މަސްވެރިކަން - ފޮޓޯ: ލައްޓި ފިޝިންގ ގްރޫޕްގެ

މި އިންތިޒާމު ހަމަޖެހިފައި އޮތް ގޮތަކީ މަސްވެރިން ކޮންމެ ދުވަހަކު ބާނާ ހިބަރުގެ މިންވަރު ކޮންމެ ރަށެއްގެ ރަށު އޮފީހުގައި ހުންނަ ކަނޑައެޅޭ ވަކި މުވައްޒަފަކު ރިކޯޑުކޮށް، ފިޝަރީޒް މިނިސްޓްރީގައި އޭރު ހުންނަ މަޢުލޫމާތާއި ތަފާސްހިސާބު ބެލެހެއްޓުމާބެހޭ ސެކްޝަނާ ހިއްސާކުރަނީއެވެ. މިގޮތަށް ރިޕޯޓު ފޮނުވުމުގެ އިންތިޒާމުގެ ދަށުން ލިބެމުން އައި މަޢުލޫމާތުތައް މަދުވަމުން ގޮސް ރަސްމީކޮށް ހުއްޓާލައިފައިވަނީ 2018 ވަނަ އަހަރުގައެވެ. މިހާރު ހިބަރު ބާނާ މިންވަރާބެހޭ މަޢުލޫމާތު އެއްކުރަނީ 2010 ވަނަ އަހަރު ތަޢާރުފު ކުރެވުނު ކަނޑުމަހުގެ މަސްވެރިކަމާއި ފަރުމަހުގެ މަސްވެރިކަމުގެ ލޮގްފޮތް މެދުވެރިކޮށެވެ

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރުން ކޮށްފައިވާ ސާވޭތަކަށް ބިނާކޮށް ލަފާކުރެވޭގޮތުގައި ގާތްގަނޑަކަށް 850 އުޅަނދު އަދި 1300 އެއްހާ މަސްވެރިން ހިބަރު މަސްވެރިކަމުގައި ޝާމިލްވެއެވެ.

މި މަސްވެރިކަމުގައި އާންމުކޮށް ބޭނުންކުރަނީ ތިން ހަތަރު މީހަކަށް ތިބެވޭ، ދިގު މިނުގައި 15 ވަރަކަށް ފޫޓު ހުންނަ ކުދި ދޯނިފަހަރެވެ. މިފަދަ ކުދި އުޅަނދުތަކުން މޫސުމާއި، މަހުގެ އަގާއި، މަސްބޭނޭނެ ކަމުގެ ޔަގީންކަމަށް ބަލައި ބައެއްފަހަރު ފަރުމަސްވެރިކަމުގައި ވެސް ޝާމިލްވެއެވެ.

ފިޝަރީޒް މިނިސްޓްރީން ލަފާކުރާ ގޮތުގައި ރާއްޖޭގައި އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 2300 މެޓްރިކް ޓަނުގެ ހިބަރު ބާނައެވެ. ހިބަރު މަސްވެރިކަމުގައި އާންމުކޮށް ދެބާވަތެއްގެ އާލާތް ބޭނުންކުރެވެ. އެއީ ވަދުނަނު އަދި ބޮއި ނަނު އެވެ. މި ދެގޮތުގެ ތެރެއިން ބޭނުންކުރާނެ އާލާތެއް ކަނޑައަޅަނީ މޫސުމަށް ބަލާފައެވެ. މިގޮތުން، ހުޅަނގު މޫސުމުގެ ކުރީކޮޅުގައި ގިނަ މަސްވެރިންނަށް ކަމުދަނީ ބޮއި ނަނަށްވުރެ ބޮޑަށް ވަދުނަނެވެ. މަސްވެރިން ގަބޫލުކުރާ ގޮތުގައި މިއީ މުޅި އަހަރުތެރޭގައިވެސް ހިބަރު މަސްވެރިކަން ކުރުމަށް އެންމެ ރަނގަޅު ދުވަސްވަރެވެ.

ހިބަރު މަސްވެރިކަން - ފޮޓޯ: ލައްޓި ފިޝިންގ ގްރޫޕްގެ

ހިބަރަށް އަމާޒުކޮށް ކުރާ މަސްވެރިކަމުގެ އިތުރުން، 1985 އާ 2009 އާ ދެމެދު އަދި 2011 އިން 2019 އާ ދޭތެރޭގައި ލޯބޮޑު ކަންނެއްޔަށް އަމާޒުކޮށް ކުރި ލޭނުގެ މަސްވެރިކަމުގައި ބައިކެޗެއްގެ ގޮތުގައިވެސް ހިބަރު ބޭނިފައިވެއެވެ. މީގެތެރޭގައި ދެބައިކުޅަ އެއްބަޔަށްވުރެ ގިނައީ ތުންގަނޑު ހިބަރެވެ. މީގެ އިތުރުން އެހެނިހެން ކަނޑުމަސް އަދި ފަރުމަސް ބާނާ މަސްވެރިން ވެސް ހިބަރު ބާނާކަމަށް ވެއެވެ.

1997 އަދި 1998 ގައި ހުރިހާ ހިބަރުގެ އުފެއްދުންތައް އެކްސްޕޯޓުކުރީ ހަމައެކަނި ސްރީލަންކާއަށެވެ. އެހެންނަމަވެސް 1999 އިން ފެށިގެން މި މާކެޓް ވަނީ ޔޫރަޕާއި އުތުރު އެމެރިކާ އަދި އޭޝިއާގެ އެހެނިހެން ޤައުމުތަކަށް ފުޅާވެގެން ގޮސްފައެވެ.

މަސްދަރު: ހިބަރު މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭން (މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ)

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!