މަސްވެރިކަމާއި ގުޅޭ

13118198

މަސްވެރިކަމަކީ ޤައުމަށް ޑޮލަރު ވަންނާނެ މަގެއް، މިދާއިރާ ކުރިއަރުވަދީ: އޮޑިވެރިޔާ މުންޒިރު

ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް މަސް ދޯނި ފަހަރު އޮންނަ އެއް ރަށަކީ ހއ. އިހަވަންދޫއެވެ. އެރަށުގައި ގާތްގަނޑަކަށް ވިއްސަކަށް މަސް ދޯނި އޮވެއެވެ.

މަސްވެރިކަމަކީ ރަނގަޅު ނަފާއެއް ލިބޭ މަސައްކަތަކަށްވުމުން މި ސިނާއަތުގެ ހަރަކާތްތެރިވާ ވިޔަފާރިވެރިން ވެސް ދަނީ އިތުރުވަމުންނެވެ. މަސް ދޯނިތަކުގެ ވެރިންނަކީ މަސްވެރިކަމުގެ ސިނާއަތުގައި މުޙިއްމު ދައުރެއް އަދާކުރާ ބައެކެވެ. ސަބަބަކީ ކޮންމެ މަސް ދޯންޏަކީވެސް ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތު ތަކެކެވެ. އަދި އާންމުކޮށް މި ވަޒީފާތަކުގައި އުޅެނީ ދިވެހިންނެވެ.

މުންޒިރުގެ މަސްދޯންޏެއް:/ ފޮޓޯ: މަސްވެރި އިހަވަންދޫ

ހއ. އިހަވަންދޫ، ވައިލެޓުވިލާ، މުންޒިރު އަބޫބަކުރަކީ ކާމިޔާބު އޮޑިވެރިއެކެވެ. އޭނާއަކީ އޮޑި ގެންގުޅުމުގެ ތަޖުރިބާ ހުރި މީހެކެވެ. މުންޒިރު އޮޑިވެރިއެއްގެ ގޮތުގައި މަސައްކަތްކުރާތާ މިހާރު 30 އަހަރުވެއްޖެއެވެ. މި ދިގު މުއްދަތުގައި އޭނާ ވަނީ އެ ވިޔަފާރި ވަރަށް ބޮޑަށް ފުޅާކޮށްފައެވެ. އެންމެ ޒަމާނީ ފެންވަރުގެ 3 މަސް ދޯނި އޭނާގެ މިލްކިއްޔާތުގައި ވެއެވެ. އިހަވަންދޫގައި ދުއްވާ "މާހޯރަ" ދޯނިފަހަރަކީ މުންޒިރުގެ ދޯނިފަހަރެވެ.

މުންޒިރުގެ މަސްދޯންޏެއް:/ ފޮޓޯ: މަސްވެރި އިހަވަންދޫ

އެއީ މާހޯރަ- 2، މާހޯރަ-3 އަދި މާހޯރަ 4 އެކެވެ. މީގެން ކޮންމެ ދޯންޏެގައިވެސް 20- 25 އާއި ދެމެދުގެ އަދަދަކަށް މަސްވެރިން އުޅެއެވެ. މުންޒިރު ބުނިގޮތުގައި އޭނާގެ ދޯނިތަކުގައި މަހަށް ދަނީ ހުސް ދިވެހިންނެވެ. ބިދޭސީންނަށް އެ ފުރުސަތު ދޭން އޭނާ ބޭނުންވެސް ނުވެއެވެ. މިދޯނިތަކުގައި މަހަށްދާ މަސްވެރިންގެ ތެރޭގައި ގިނައީ ޒުވާނުންކަންވެސް އޭނާ އުފަލާއި އެކު ފާހަގަކުރިއެވެ.

"އަޅުގަނޑު ވިސްނީ ކީތްވެގެންތޯ ޒުވާނުން މަހަށް ދާން ފަސްޖެހެނީ، ދެން ވިސްނުނު ގޮތަކީ ރިސޯޓު ވަޒީފާއަށް ޒުވާނުން ދަނީ އަރާމުގައި އުޅެންށޭ، އެހެންވެ އެފަދަ މާހައުލެއް މި ހެދީ ދޯނީގަ، އެއަރކޯން ހަރުކޮށް، ޒަމާނީ ވަސީލަތްތައް ދޯނީގަވެސް ލިބޭ ގޮތް ހެދީ، ވަރަށް ކާމިޔާބު އެހެން ހެދީމަ،" މުންޒިރު ބުންޏެވެ.

މުންޒިރުގެ މަސްދޯންޏެއް ކަމަށްވާ މާހޯރަ-4 މޫދަށް ބާލަނީ :/ ފޮޓޯ: މަސްވެރި އިހަވަންދޫ

މުންޒިރު ބުނީ މިދުވަސްކޮޅު މަސްވެރިކަން ވަރަށް ރަނގަޅު ކަމަށެވެ. އެހެން ނަމަވެސް މަސްވެރިން މަހަށް ނިކުތުމުގައި ހުރަސްތަކެއް އެބަ ހުރި ކަމަށާއި ސަބަބަކީ މަސް ކިރަން ގޮސް ކިޔުގައި ހޭދަވާ ދުވަސްތަކަކީ މަހަށް ނުނިކުމެވި ތިބެން ޖެހޭ ދުވަސްތަކަކަށްވުން ކަން އޭނާ ފާހަގަކުރިއެވެ. އަދި މިހެން ކަންތައް ވުމުން އެ ލިބޭ އާމްދަނީއަށް ބޮޑު އަސަރެއް ކުރާ ކަމަށާއި، މިކަންތައްތަކަށް ހައްލެއް ބޭނުންވާ ކަމަށް މުންޒިރު ބުންޏެވެ.

އޮޑިވެރިޔާ މުންޒިރު:/ ފޮޓޯ: މަސްވެރި އިހަވަންދޫ

"މަސް ކިރަންޏާ ފެލިވަރުގައި ކިއުގައި ހަފްތާއެއް ވަރު މިހާރު އެބަ ޖެހޭ ހޭދަކުރަން، މިހެން ވީމަ ހަފްތާއެއްގެ އާމްދަނީ އެ ގެއްލެނީ، އަދި އައިސް ގަތުމަށާއި ކަންތަކަށްވެސް އިތުރު ޙަރަދުތަކެއް ކުރަން ޖެހޭ، ވަގުތުން މަސް ކިރާ ލެވޭ ނަމަ ވަގުތުގު ސަލާމަތްވެ، މަސްވެރިކަން މިހާރަށްވުރެ ރަނގަޅުވާނެ،" މުންޒިރު ބުންޏެވެ.

މާހޯރަ-4 މޫދަށް ބޭލުމުގައި އޮޑިވެރިޔާ މުންޒިރު އަމަލީގޮތުން ޚަރަކާތްތެރި ވަނީ

މުންޒިރު ބުނީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން އެކަށީގެންވާ މިންވަރަށް މަސައްކަތް ނުކުރާ ކަމަށެވެ. އެގޮތުން ފަތުރުވެރިކަން އިޝްތިހާރުކޮށް އެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން މަސައްކަތް ކުރާ މިންވަރަށް، މަސްވެރިކަމުގެ ސިނާއަތް ކުރި އެރުވުމަށް މަސައްކަތް ކުރާތަން ނުފެންނަ ކަމަށް މުންޒިރު ބުންޏެވެ.

އަދި ކޯވިޑާއި ގުޅިގެން އިންކަމް ސަޕޯޓު އެލަވަންސް ދިނުމުގައިވެސް ތަފާތުކުރުން ގެންގުޅެފައިވާ ކަމަށް މުންޒިރު ފާހަގަކުރިއެވެ. އެގޮތުން އޭނާގެ ދޯނިތަކުގައި މަހަށްދާ އެއްވެސް ފަރާތަކަށް އެ އެލަވަންސް ނުލިބޭ ކަމަށް މުންޒިރު ބުންޏެވެ.

"ސަރުކާރަށް މާބޮޑު ފައިދާއެއް ހުރި ކަމެއް ނޫންކަން އެނގިގެންގޮސްފި މި ފަހުންވެސް ކަންތައްކުރިގޮތުން، ޓޫރިޒަމްގެ އެންމެންނަށް އިނާޔަތާއި އެއްޗެހި ލިބުނީ، ރިސޯޓު ވެރިންނަށްވެސް އިނާޔަތް ލިބުނު، އޮޑިވެރިއަކަށްވެސް މަސްވެރިއަކަށްވެސް ނުލިބޭ، އަޅުގަނޑު އެތަށް ކެޔޮޅަކާއި ފަޅުވެރިއެއް އިނާޔަތް ހޯދަން  ފޯމު ހިފައިގެން އައުމުން ސޮއިކުރިން، އަޅުގަނޑު ފަހުން އެހިން އިނާއަތް ލިބުނުތޯ، އެއްވެސް ކުއްޖަކަށް ނުލިބޭ ކަމަށް ބުނީ،" މުންޒިރު ބުންޏެވެ.

ރާއްޖޭގެ ލޭކާރަކީ މަސްވެރިކަމަށްވާއިރު، މަސްވެރިކަން ކުރިއެރުވުމަށް މިހާރަށްވުރެ ބޮޑަށް މަސައްކަތްތައް ކުރަން ޖެހިފައިވާކަމަށް މުންޒިރު ބުންޏެވެ. އަދި މަސްވެރިކަމަކީވެސް ޤައުމަށް ޑޮލަރު ވަންނާނެ މަގެއް ކަމާއި މި ދާއިރާއަށް ކުރިއެރުންތައް ބޭނުންވާކަމަށް މުންޒިރު ބުންޏެވެ.

މުންޒިރުގެ މަސްދޯންޏެއް:/ ފޮޓޯ: މަސްވެރި އިހަވަންދޫ

 

ރާއްޖޭގެ އެކި ހިސާބުތަކުގައި މަސްވެރިކަން ފުޅާވެ ގިނަ އަދަދެއްގެ ބަޔަކު މި ސިނާއަތުގައި ހަރަކާތްތެރި ވަމުންދާއިރު، މަސްވެރިކަމަކީ ޤައުމުގެ އިޤްތިސާދުގައި މުޙިއްމު ސިނާއަތެކެވެ. އާމްދަނީ ހޯދުމަށް އެތައް ބަޔަކު މި ސިނާއަތަށް ބަރޯސާވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!