މަސްވެރިކަމާއި ގުޅޭ

Logo_6

މަސްވެރިންނަށް ޚާއްޞަ އިންސިއުރެންސް ޕެކޭޖެން ތައާރަފްކޮށްފި

މަސްވެރިންނަށް ޚާއްޞަ އިންސިއުރެންސް ޕެކޭޖެން ތައާރަފްކޮށްފިއެވެ.

މަސްވެރިންނަށް އިހްތިޔާރުކުރެވިދާނެ "ގްރޫޕް ޓާރމް ތަކާފުލް" ހިދުމަތަކީ މަސްވެރިޔާއަށް ލިބޭ ދާއިމީ ހާނިއްކަ އާއި ނުކުޅެދޭ ފަދަ އަނިޔާތަކަށް އެހީތެރިކަން ފޯރުކޮށްދޭ ޕެކޭޖެކެވެ. އަދި މިތަކާފުލްގެ މުއްދަތުގައި މަސްވެރިޔާ ނިޔާވެއްޖެނަމަ، މަސްވެރިޔާގެ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

ޖުމްލަ ގޮތެއްގައި މިތަކާފުލްގެ ދަށުން މަސްވެރިންނަށް 4 ޕެކޭޖެއް ޚިޔާރުކުރުމަށް ފުރުސަތު ލިބޭނެއެވެ. އެގޮތުން އެންމެ ކުޑަ ޕެކޭޖުގައި 18 އަހަރާއި 29 އަހަރާއި ދެމެދުގެ މަސްވެރިއަކު އަހަރަކު ދައްކަން ޖެހެނީ -/371 ރުފިޔާއެވެ. މިއީ -/50000 ރުފިޔާގެ ޕެކޭޖެކެވެ. އަދި 50 އަހަރުގެ މަސްވެރިޔަކު އަހަރަކު ދައްކަންޖެހޭނީ -/956 ރުފިޔާއެވެ. 18 އަހަރުން މަތީގެ ކޮންމެ މަސްވެރިއަކަށްވެސް މި ޕެކޭޖުތަކަށް އެދުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ. (ހާލަތާއި ގުޅުވައިގެން މިއަދަދުތަކަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ.)

މިފަހަކަށް އައިސް މަސްވެރިކަމުގައި ހަރަކާތްތެރިވާ މަސްވެރިންނަށްދަނީ ވަރަށް ހިތާމަވެރި ހާދިސާތައް ދިމާވަމުންނެވެ. އޭގެތެރޭގައި ބުޅިން ޖެހިގެން ލޮލަށް ލިބޭ އަނިޔާއާއި ވައިފުޅިއަޅައިގެން އެންވެރިކަމަށް ފީނުމުގައި ދިމާވާ ހިތާމަވެރި ހާދިސާތައް ހިމެނެއެވެ. އެހެންކަމުން މަސްވެރިން ޖަމިއްޔާ އާއި އަޔާދީގެ އުއްމީދަކީ މަސްވެރިކަމުގައި ހަރަކާތްތެރިވާ މަސްވެރިންނަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދޭ ނިޒާމްތަކާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމެވެ.

ދިވެހި މަސްވެރިން ބާރުވެރިކުރުމަށް އެހީތެރިވެދޭނެ މިތަކާފުލް ހިދުމަތް ނެގުމަށް ހުރިހާ މަސްވެރިންނަށް ވެސް މަސްވެރިން ޖަމިއްޔާއިން ދައުވަތު ދެއެވެ. މިހިދުމަތް ހޯއްދަވަން ބޭނުންވާ ފަރާތްތަކުގެ އެންމެހާ ކަންތައްތައް އިންތިޒާމްކޮށް ބަލަހައްޓާ ދެއްވާ މެދުވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ދިވެހި މަސްވެރިން ޖަމިއްޔާއިންނެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!